23 ބާވަތެއްގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ރާއްޖެ ގެންނަނީ

ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން އެ ބާވަތްތައް އަގުހެޔޮވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް އިތުރު 23 ބާވަތެއް ވަނީ އިތުރުކޮށްފަ އެވެ.އެގޮތުން އިތުރު ކުރެވުނު 23 ބާވަތް ރާއްޖެއަށް އެތެރެކޮށް، ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެސްޓީއޯއާއި ހަވާލު ކުރެވިގެންދިއުމާއެކު، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހަމަޖައްސައި، މި މަސައްކަތް ތަންފީޒް ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.މިއާއިއެކު މި އިތުރު ކުރެވުނު 23 ބާވަތުގެ ކާބޯތަކެތި، ހެޔޮ އަގުގައި އަބަދުވެސް ބާޒާރުގައި ލިބެން ހުންނާނެކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޭވާ އާއި ތަރުކާރީ ލިބޭނީ އަގު ހެޔޮކޮށް ކަމަށެވެ."އޮކްޓޯބަރު 15 އަކީ މި ދެންނެވި 23 ބާވަތް ރާއްޖޭން [އަގު ހެޔޮކޮށް] ލިބެން ހުންނާނެ ކަން އެސްޓީއޯ އިން ޔަގީން ކުރަން ޖެހޭނެ [ތާރީހު]، އެހެންވީމާ އެއީ މީގެ އަމާޒަކީ،" ސައީދު ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯއިން ގެންނަން ސަރުކާރުން ހަވާލުކުރި 23 ބާވަތުގެ ތެރެއިން އެއްވެސް ބާވަތެއްގެ އަގު އެ ތާރީހުގެ ކުރިން ވެސް ރާއްޖޭގެ ބާޒާރުގައި ބޮޑުވާ ނަމަ އެސްޓީއޯއިން އެ ބާވަތެއް ގެންނާނެ އެވެ.އެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވިދާޅުވީ ރޯދަމަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓަން އެސްޓީއޯއިން ތަކެތި އެތެރެކުރި އިރު އެ ކުންފުނިން މުދާ ރައްކާކުރީ ވަގުތީ އިންތިޒާމެއްގައި ކަމަށެވެ. ނަމަވެސް އެ ބާވަތްތައް ދާއިމީކޮށް އެތެރެކޮށް ވިއްކުމަށް މިހާރު ރަނގަޅު އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އެސްޓީއޯއަކީ ކާޑުގެ ބާވަތްތައް ކަށަވަރު ކުރުމުގައި ދިގު ތާރީހަކާއި ތަޖުރިބާ ހުރި ކުންފުންޏެކެވެ. މިއާއެކު އަމާޒަކީ މި ބަދަލުގެ ސަބަބުން އަސާސީ ކާބޯތަކެތި ހެޔޮ އަގެއްގައި ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެކަން ކަށަވަރުކޮށްދިނުން ކަމަށްވެސް އެކުންފުނިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ