ހަ އެއާޕޯޓް އެޅުމަށް 87 މިލިއަން ޑޮލަރު ޖަމާކުރިން، އެ ފައިސާ ކޮބައިތޯ ރައީސް ސޯލިހް ސުވާލުކުރައްވައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަ އެއާޕޯޓެއް އެޅުމަށް 87 މިލިއަން ޑޮލަރު ޖަމާކުރި ކަމަށާ ނަމަވެސް އެ ފައިސާއަށް ވީގޮތަކާމެދު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ސުވާލު އުފައްދަވައިފި އެވެ.
ބޮޑުފުޅަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަކުނުދޫ އާއި ބިލެއްދޫ އާއި ބެރިއަންފަރުގެ އިތުރުން ތުޅާދޫ އާއި މަގޫދޫ އަދި ވިލުފުށީގައި އެއާޕޯޓް އެޅުމަށް ނިންމި ކަމަށެވެ. އެކަން ނިންމީ އެކަމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހޯދުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޖުމްލަ 87 މިލިއަން ޑޮލަރު ޖަމާކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއުއެއް ދެ އަަހަރުވާން ދާއިރު މި ސަރުކާރުން ނުހިންގާ ކަމަށް ވިދާޅުވެ އެ ފައިސާއަށް ވީގޮތަކާމެދު އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ޖަލްސާ --
މީގެ އިތުރުން ރައީސް ސޯލިހް ވަނީ ކައްދޫ އެއާޕޯޓް ތަރައްޤީކުރަން ވެސް ފައިސާ ހޯއްދެވި ކަމަށް ވިދާޅުވެފަ އެވެ. އެ ގޮތުން 10 މިލިއަން ޑޮލަރު ބަހައްޓާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް ސޯލިހް ވަނީ ރައީސް މުއިއްޒާއި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކަށް ފާޑު ވިދާޅުވި އެވެ. ސޯލިހް ވިދާޅުވީ އެ ބަދަލުން ދައުރުގެ ފަހު އަހަރު ކައުންސިލްތައް ތަޅު އެޅުވޭ ކަމަށެވެ. އެ ބަދަލަކީ މާލި އެއްވެސް މުއާމަލާތެއް ހިންގިޔަ ނުދިނުމަށް ގެނެސްފައިވާ ބަދަލެއް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީއަށް ވެރިކަން ލިބުމާއެކު އެ ބަދަލުތައް އުވާލާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހް ބައިވެރިވެވަޑައިގެންނެވި ޖަލްސާ --
"..އަނެއްކާވެސް 2028 ވަނަ އަހަރު ރާއްޖޭގައި ވެރިކަން ކުރާނީ އެމްޑީޕީގެ ސަރުކާރެއް. އެ ސަރުކާރުގައި އަލުން ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލާނަން,"
މީގެ އިތުރުން ރައީސް ސޯލިހްގެ ވެރިކަމުގައި ފެއްޓެވި އާރުޓީއެލް ފެރީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާނުކުރެވި އޮތުމުން ވެސް އެމަނިކުފާނު ފާޑުވިދާޅުވި އެވެ. ސޯލިހް ވިދާޅުވީ އެމްޑީޕީގެ ވެރިކަން އޮތްނަމަ 2024 ގެ ޖޫންއާ ހަމައަށް އާރްޓީއެލްގެ ހިދުމަތް މުޅި ރާއްޖެއަށް އޮންނާނީ ފެށިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ