މީޑިއާ ބިލުގެ ސަބަބުން ގާނޫނުއަސާސީއާ ހިލާފު ނުވެ މައުލޫމާތު ފެތުރުމަށް މަގުފަހިވާނެ: އުޝާމް

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މައިގަނޑު މަޤްސަދަކީ ގާނޫނުއަސާސީ އާއި ގާނޫނީ ތަރަހައިގެ ތެރެއިން ނޫސްވެރިކަން ކުރުމާއި މައުލޫމާތު ފެތުރުމަށް މަގުފަހިކުރުން ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެއެވެ. އެ ބިލާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލިހުން ފާސްވެއްޖެނަމަ ހުރިހާ ކަމަކަށް ހައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓް ކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެނަމަ އެ ހުރިހާ ކަމަކަށް ހައްލު ލިބި، ރެގިއުލޭޓް ކުރެވޭ ނިޒާމެއްގެ ތެރެއިން ނޫސްވެރިކަން ކުރިއަށް ގެންދެވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި ހިމަނާފައިވާ ތެދު މައުލޫމާތުގެ ބަޔަށް އިޝާރާތް ކުރައްވައި އުޝާމް ވިދާޅުވީ، ބައެއް މީޑިއާތަކުން ކަނޑައެޅިގެން ތެދު ނޫން މައުލޫމާތު އާންމުކުރާ މައްސަލަ އަދި މީހުންގެ އަބުރަށް އަރައިގަންނަ މައްސަލަތައް ހައްލެއް ނުވެ އޮތްކަން ފާހަގަކުރައްވައިފިއެވެ. ކޮންމެ ސަރުކާރެއްގައިވެސް މި މައްސަލަތަކަށް ހައްލު ހޯދަން ހުށަހަޅާކަން ފާހަގަކުރައްވަމުން، މިހާރުގެ ބިލާ ހުށަހަޅާފައިވާ އިސްލާހުތަކާއެކު ދޮގު މައުލޫމާތު ފެތުރުން ވަރަށް ބޮޑަށް ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީޑިއާ ބިލުގެ މަގުސަދަކީ ގާނޫނުއަސާސީ އާއި ގާނޫނީ ތަރަހައިގެ ތެރެއިން ނޫސްވެރިކަން ކުރުމާއި މައުލޫމާތު މީހުންނަށް ފޯރުކޮށްދިނުން ނުވަތަ ފެތުރުން. އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެން މި ހުށަހަޅާފައިވާ އިސްލާހުތައް އެގޮތަށް ފާސްވެއްޖެ ނަމަ އެ ހުރިހާ ކަމަކަށް ހައްލެއް ލިބި، ރެގިއުލޭޓް ކުރެވޭ ނިޒާމެއްގެ ތެރެއިން ނޫސްވެރިކަން ކުރިއަށް ގެންދެވޭނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.
ބިލް ދިރާސާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ކުރިއަށްދާއިރު، ސަރުކާރުން 14 އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އުޝާމް ވިދާޅުވިގޮތުގައި، ބިލުގެ ހަތް ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ އިސްލާމްދީނާ ހިލާފު ވާހަކަތަކާއި ބަދުއަހްލާގީ އަދި ފާހިޝް އަމަލުތައް ހުއްޓުވުމުގެ ޒިންމާ މީޑިއާ ކޮމިޝަނާ ހަވާލުކުރުމެވެ. މީގެ އިތުރުން، އެ ކޮމިޝަނަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމާއި ކޮމިޝަނަށް ރައީސަކު އައްޔަން ކުރުމުގެ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މަޖިލީހަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. ކުރިން ބިލުގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާވެސް އުނިކުރަން ސަރުކާރުން ހުށަހަޅާފައިވާއިރު، މައްސަލަ ބެލުމާ ބެހޭ އިޖުރާއަތުތައް ބިލުގައި ތަފްސީލުކޮށް ހިމަނާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ކުރުމުގެ އެއްވެސް ނިޔަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މި ސަރުކާރުގެ ވެސް ނެތް ކަމަށެވެ. އެ ސަރުކާރުގެ މަޤްސަދަކީ ރާއްޖޭގެ ނޫސްވެރިންނަށް ދަތިވެފައި ހުރި ކަންތައްތައް ހައްލުކޮށް، އެމީހުން ކުރިއެރުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީޑިއާ ކޮންޓްރޯލް ނުކުރާނަން އަޅުގަނޑުމެން ، 15-20 އަހަރު ފަހަތަކަށް ނުދާނެ، އޭތި [މީޑިއާގެ މުސްތަގްބަލު] އަޅުގަނޑަށް ފެންނަނީ ރޯޝަންކޮށް އުޖާލާކޮށް،" އަސްވާޑު ވިދާޅުވިއެވެ.
އަސްވާޑު ވިދާޅުވީ މި ބިލުގައި ހިމެނޭ ކަންތައްތައް ރަނގަޅަށް ނުބަލައި ބައެއް ނޫސްވެރިން ފަތުރަމުން ދިޔަ ހަގީގަތާއި ޚިލާފު ވާހަކަތައް ގަބޫލުކޮށްގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ބިލުގައި ހިމެނޭ ބައެއް ކަންތައްތަކަކީ މީގެ ކުރިންވެސް ގާނޫނުގައި ހިމެނޭ ކަންތައްތައް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
މީޑިއާ "ކޮންޓްރޯލް" ބިލުގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރާ މި ބިލާ ގުޅިގެން ރާއްޖޭގެ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ އިތުރުން ރާއްޖޭގެ އެޗްއާރުސީއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި، މި ބިލުގައި ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކާ ހިލާފު މާއްދާތަކެއް ހިމެނެއެވެ. ފުރަތަމަ މި ބިލަކީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ބިލެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، ޕީއެންސީގެ މަޖިލިސް މެންބަރުން ވެސް ވަނީ މި ބިލުގެ ދިފާއުގައި ވާހަކަދައްކަވައިފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތައް އެޅޭ ގޮތަށް ހުށަހަޅާފައިވާ މި ބިލާ ގުޅިގެން ނޫސްވެރިން ވެސް ވަނީ ރައްޔިތުންގެ މަޖިލީހާއި ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުން އަންނަ އެ ބިލާ ގުޅިގެން ނޫސްވެރިން ވަނީ ކޮމިޓީއަށް ކަންބޮޑުވުންތައް ހިއްސާކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ