ދިވެހިރާއްޖޭގެ ފުޑް ސެކިރުޓީއަށް ބޭނުންވާ ކާނާ ރާއްޖެއިން ބޭރުގައި ހައްދައިގެން ގެނައުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ ރާއްޖޭގައި ހެއްދޭ ބާވަތްތަކުގެ ކާނާ ރާއްޖެއިން ހެއްދުމުގެ އިތުރުން ސަރުކާރުން ރާވާފައި އޮތީ، ރާއްޖެއިން ބޭރުން ބިން ހޯދައިގެން ބައެއް ބާވަތްތައް އުފެއްދުމަށްފަހު ގެނައުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕްލޭންތައް އެބަހުރި ދުރު ރާސްތާގައި މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުމަށާއި ބައެއް ބާވަތްތައް ރާއްޖެއިން ބޭރުން ބިން ހޯދައިގެން އުފައްދައިގެން ރާއްޖެ އެތެރެ ކުރަން ވެސް،" ޝިމާދު ވިދާޅުވި އެވެ.
ރާއްޖެއަށް ބޭނުންވާ ކާނާގެ ތެރެއިން ބައެއް ތަކެއްޗަކީ، ރާއްޖޭގެ ބިމުގެ ފާޓިލިޓީއަށް ބަލާފައި އެތެރެ ކުރަންޖެހޭނެ ތަކެތި ކަމަށް ވެސް ޝިމާދު ވިދާޅުވި އެވެ.
"މީގެ ތެރޭގައި އެބަހުރި ދިވެހިރާއްޖޭގައި އުފެއްދޭނެ އެއްޗެހި އަދި ރާއްޖެއިން ބޭރުންނާއި ރާއްޖޭގެ ފާޓިލިޓީއަށް ބަލާފަ އެތެރެ ކުރަންޖެހޭ އެއްޗެހި. އެންމެ ކުރު ރާސްތާގައި އަޅުގަނޑުމެން ޖެހޭނީ މި އެއްޗެހި އެތެރެ ކުރަން،" އޭނާ ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ފުޑް ސެކިއުރިޓީ އިތުރު ކުރުމުގައި ބަލާނީ ދިވެހިން އެންމެ ގިނައިން ބޭނުން ކުރާ ބާވަތްތައް އިތުރުު ކުރަން ކަމަށެވެ. އެގޮތުން ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން 23 ބާވަތެއްގެ ކާނާ ފާހަގަ ކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އިއްޔެއިން ފެށިގެން އެސްޓީއޯއިން މަސައްކަތް ކުރާނީ މި 23 ބާވަތާއި އޭގެ އިތުރުން ހަނޑޫ، ހަކުރު، ފުށް ވެސް ލިބޭނެކަން ކަށަވަރު ކުރަން. މީގެ ފަހުން އެ ޔަގީންކަން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެެ،" ސައީދު ވިދާޅުވި އެވެ.
އެސްޓީއޯއިން މޭވާ އާއި ތަރުކާރީ އެތެރެ ކުރަން ނިންމާފައިވާކަން ބުދަ ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ. އެގޮތަށް ނިންމީ މާލެ ތެރޭގެ ބާޒާރުގައި މޭވާގެ އަގުބޮޑުވުމުންނެވެ. ވިޔަފާރިވެރިން ބުނަނީ މޭވާގެ އަގު ބޮޑުވަނީ ޑޮލަރު ލިބުން ދަތިވުމުންނާއި އިގްތިސާދުގައި ބުންވަރު ނެތުމުން ކަމަށެވެ.
ފުޑް ސެކިއުރިޓީއަށް ބޭނުންވާ ކާނާ ރާއްޖެއިން ބޭރުގައި ހައްދައިގެން ގެންނަން ވިސްނަނީ ފުޑް ސެކިއުރިޓީއަށް ބޭނުންވާ ކާނާ ރާއްޖެއިން ބޭރުގައި ހައްދައިގެން ގެންނަން ވިސްނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ