މީސްތަކުން ވަޤުތާއިމެދު ކޮންމެ ގޮތަކަށް ވިސްނިނަމަވެސް ވަޤުތަކީވެސް ﷲ ތަޢާލާގެ މަޚްލޫޤެކެވެ. ފައިދާކުރާނީ ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ. މުޅި ދުވަހާއި މުޅި ރޭ ލެއްވެވީވެސް ﷲ ތަޢާލާއެވެ. އެއިގެ ތެރެއިން ވަކި ވަޤުތުތަކެއް ޚާއްޞަކުރައްވަވައި މަތިވެރި ކުރެއްވެވީވެސް ހަމަ ﷲ ތަޢަލާއެވެ.
ޤިޔާމަތްވުން ގާތްވަމުން އަންނަކަން އެންމެންނަށްވެސް ޤަބޫލުކުރެވެއެވެ. އެހެންވެ މިހައިތަނަށް ފައުޅުވެފައިވާ ޢަލާމާތްތައް ދެނެގަންނަން ގިނަ ބައަކު ޝައުޤުވެރިވެއެވެ. އެހެންވެ އެއްކަމެއް ވިސްނައިލަދޭން ބޭނުންވެއެވެ.
އެއީ ވަޤުތުގެ ބަރަކާތް ކެނޑެމުން އަންނަ ކަމެވެ. މިޘާލަކަށް އަހަރެއް މިހާރުމިވަނީ މަސްދުވަހަށް ކުރުވެފައެވެ. މަސްދުވަސް މިވަނީ ހަފްތާއަކަށް ކުރުވެފައެވެ. ހަފްތާއެއް މިވަނީ އެންމެ ދުވަހަކަށް ކުރުވެފައެވެ. އަދި ދުވަސް މިވަނީ އެއްގަޑިއިރަށް ކުރުވުފައެވެ. އަދި އެއްގަޑިއިރު މިވަނީ އިންތިހާއަށް ކުރުވެފައެވެ.
މިކަންކަން ބަޔާން ކުރައްވަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އުންމަތަށް ސިފަކުރައްވަވައި ދެއްވަވާފައިވަނީ އެ އެއްގަޑިއިރަކީ އަލިފާންގަޑެއް އަނދައިގެންދާފަދަ އަވަހަށް ނިމިގެން ހިނގައިދާނެ ކުޑަކުޑަ ވަޤުތުކޮޅަކަށް ވެގެންދާނެ ކަމަށެވެ.
އެއްވެސް ޙާލެއްގައި މިއުޅެނީ ދުވަސް ނުވަތަ ރޭގަނޑުކުރުވެގެނެއް ނޫނެވެ. ވަޤުތުގައި ލެއްވެވި ބަރަކާތް ކެނޑިގެންދަނީއެވެ. ވީމާ ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެން ތެޅިފޮޅެނިކޮށް އިރުއޮއްސެނީއެވެ. ވީމާ މިއަދު ކޮންމެ މުސްލިމަކުވެސް ދުވަހުގެ ފުރަތަމަކަމަކަށް ވަޤުތުގައި ބަރަކާތް ލައްވަވައި އެދުވަހު ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިންމުމުގެ ކުޅަދާނަކަން ދެއްވެވުން، އެކަމަށް ތައުފީޤް ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ!
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން
ދުވަސް ކުރެއްނުވޭ! ވަޤުތުގެ ބަރަކާތް ކެނޑުނީ! އެއީވެސް ފަހުޒަމާނުގެ ޢަލާމާތެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ