ދުނިޔޭގެ ކުޑަކުދިންގެ ދުވަހު ބެކަމްގެ ޕްލެޓްފޯމް ޚާއްސަކުރީ ދިވެހި ކުއްޖަކަށް
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ރަސްމީ އިންސްޓަގްރާމްގައި ދިވެހި ތުއްތު ކުއްޖެއްގެ ވާހަކަ ހިއްސާކޮށްފިއެވެ. ބެކަމްގެ ރަސްމީ އިންސްޓަގްރާމްގައި ރީލްއެއްގެ ގޮތުގައި ހިއްސާކުރި ވީޑިއޯގައި ބުނެފައި ވަނީ ކޮންމެ ކުއްޖަކީ ވެސް ތައުލީމު ހޯދުމުގެ ފުރުސަތުތަކާ އެކު އެ ކުދިންނަށް ރައްކާތެރިކަން ލިބޭނެކަން ކަށަވަރުވާންޖެހޭ ކުދިން ކަމަށެވެ. އަދި ކުޑަކުދިންނަށް އެކަންކަން ކަށަވަރުކޮށްދިނުމަށް ޔުނިސެފުން ކުރާ މަސައްކަތްތައް ބަލައިގަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ. ދާދިފަހުން ބެކަމްއަށް ފެނުނު ދިވެހި ތުއްތު ކުއްޖެއް ކަމަށްވާ "ބަބްލް" ދުވަސް ހޭދަކުރާގޮތް ފެނި އެކަމުން ބެކަމްއަށް ވަރަށް ބޮޑު ހިތްވަރެއް މިކަމުގައި ލިބިފައިވާތީ ޑޭވިޑްގެ ޕްލެޓްފޯމް މެދުވެރިކޮށް "ބަބްލް"ގެ ވާހަކަ ދުނިޔޭގެ އެތައް ބަޔަކާ ހިއްސާކުރަން ބޭނުންވި ކަމަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ވަނީ ބުނެފައެވެ. View this post on Instagram A post shared by David Beckham (@davidbeckham) "ބަބްލް"ގެ ވީޑިއޯއިން ހަނދާންކޮށްދިނީ އެއީ ކިތަންމެ ތުއްތު ކުދިންނަށްވީ ނަމަވެސް އެކުދިންގެ ވާހަކަ އަކީ މުހިއްމު ވާހަކަތަކެއް ކަމަށާއި އެކުދިންގެ އަޑު އަހާނެ ބަޔަކު ތިބުމުގެ މުހިއްމުކަން ކަމަށް ބެކަމް ވަނީ ބުނެފައެވެ. އަދި އެއީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހު ވަރަށް ބޮޑު އިސްކަމެއްދޭންޖެހޭ ކަމެއް ކަމަށް ބެކަމް ވަނީ ފާހަގަކޮށްފައެވެ. ބެކަމް ހިއްސާކުރި ދިވެހި ތުއްތު ކުއްޖާގެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، ހާލުގައި ޖެހިފައިވާ އެތައްހާސް ކުދިން ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭއިރު ޑޭވިޑް ބެކަމް ފަދަ ޝަހްސިއްޔަތުންގެ އެހީގައި އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިޔާ ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ ފަގީރު ހިސާބުތަކުގައި ދިރިއުޅެމުން އަންނަ ކުޑަކުދިންނާ ބައްދަލުކޮށް އެ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ