ހެޔޮލަފާ ދަރިން ދެއްވުން އެދޭށެވެ!

އަޅުގަނޑުމެން މަރުވުމަށްފަހު އަޅުގަނޑުމެންގެ ނަމާއި ޚަބަރު ދަމަހައްޓާ ބަޔަކީ އަޅުގަނޑުމެންގެ ދަރިންނެވެ. އެ ކުދިންނާމެދު އަމާނަތްތެރިވެ ޢަދުލުވެރި ވުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް އިމްތިޙާނެކެވެ. އަދި ހަމަ އެހެންމެ ވަރަށް ބޮޑު އުފަލެއް ވެސް މެއެވެ. އެއީ ﷲ ދެއްވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. ދަރިން އެއީ އަޅުގަނޑުމެންގެ ކާވެނީގެ މޭވާ ކަމާއި ދަރިންގެ ފަރާތުން ކާފަ ދަރިންނާއި މާމަ ދަރިން ދެއްވާކަން މާތް ﷲ ވަނީ އަންގަވައިފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَاللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ الطَّيِّبَاتِ﴾ ‎(النحل: ٧٢)‏ މާނައީ: "އަދި اللَّه، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށް ޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ލައްވައި، އަދި ރަނގަޅު ޙަލާލު ތަކެތިން، ތިޔަބައިމީހުންނަށް ރިޒުޤުދެއްވިއެވެ." ދަރިންނަކީ ނިޢުމަތެއްކަން މި އާޔަތުން އެނގެއެވެ. އަދި އެއީ އެއިލާހު ދެއްވާ ރިޒުޤެއް ވެސް މެއެވެ. އެހެންކަމުން ހެޔޮލަފާ ދަރިން ދެއްވުން އެދޭށެވެ! ކޮންމެ ނިޢުމަތެއް ވެސް ޒިންމާއެއްގައި ބަނދެވިފައިވާ ފަދައިން، ދަރިންގެ ނިޢުމަތް ވެސް ވަނީ ޒިންމާއެއްގައި ބަނދެވިފައެވެ. އެއީ އެ ކުދިންނަށް ލޯތްބާއި އަޅައިލުން ދީގެން އިސްލާމީ މަންހަޖެއްގެ މަތީ އެ ކުދިން ބޮޑުކުރުމުގެ ޒިންމާއެވެ. އެހެނަސް މިއަދު ގިނަ މައިންބަފައިންނަށް އެ މީހުންގެ ދަރިންނާ މެދު ދެކެވެނީ، އެ ކުދިންނަކީ ދުނިޔޭގައި މުދާ ހޯދަން ތަމްރީނުކުރަން ޖެހޭ ބައެއްގެ ގޮތުގައެވެ. އާޚިރަތުގެ ކާމިޔާބާ ދިމާލަށް މިސްރާބު ޖަހާފައި ހުންނަ ތަރުބިއްޔަތު އަބަދުވެސް ފެންނަނީ ދެވަނަ ދަރަޖައިގައި ބޭއްވޭތަނެވެ. މި ގޮތަށް ކަންތައް ކުރެވޭ ނަމަ ﷲގެ މި އާޔަތާމެދު ވިސްނައިލާށެވެ! ﴿الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا﴾ ‎(الكهف: ٤٦)‏ މާނައީ: "މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ޞާލިޙު ޢަމަލުތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ސަވާބުގެ ގޮތުން މާ ހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާ ހެޔޮކަން ބޮޑުމެއެވެ." ޤުރުއާނުގައި ﷲ އެ އަންގަވަނީ ހެޔޮ ޢަމަލު މާ ހެޔޮކަން ބޮޑު ކަމުގައެވެ. އަދި މުދަލާއި ދަރިންނަކީ ދުނިޔޭގެ ޒީނަތް ކަމުގައެވެ. އެހެންކަމުން ދުނިޔޭގެ ޒީނަތް، އޭގެ އެންމެ ޒީނަތްތެރި ރަނގަޅު ގޮތުގައި ހޯދުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ އެ ޒީނަތުގެ ސަބަބުން ދުނިޔެއަށް މީހާ ހެއްލި ﷲގެ މަގުން އެއްކިބާ ނުވާ ގޮތަށް ޒީނަތްތެރިކަން ލިބިގަތުމެވެ. އެ ގޮތުން ހެޔޮފަލާ ޞާލިޙު ދަރިން ދެއްވުން އެދި اللهގެ ނަބިއްޔުން ވެސް ދުޢާ ދެންނެވިއެވެ. ޒަކަރިއްޔާގެފާނު ކުރެއްވި ދުޢާފުޅަކީ އެ ކަމުގެ ފުރިހަމަ ހެތްކެކެވެ. ކީރިތި ޤުރުއާނުގައި އެ ވާހަކަ އެންގެވި ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ހަމަކަށަވަރުން، އަޅުގެ ފަހަށް، އަޅުގެ ތިމާގެމީހުން (ދީނުގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭ ގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ ރަޙުމަތްފުޅުން މި އަޅާއަށް ވާރިޘަކު ދެއްވައިފާނދޭވެ! ތިމަންއަޅާއާއި، ޔަޢުޤޫބުގެފާނުގެ އާލުވެރިންގެ ކިބައިން ވާރުތަވާނޭ ވާރިޘެކެވެ. އަދި މި އަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އޭނާ ލައްވައިފާނދޭވެ!" (މަރިޔަމް 5-6) ހެޔޮލަފާ ދަރިންދެއްވުމަށް އެދި އިބްރާހީމްގެފާނު ވެސް އެފަދަ ދުޢާފުޅެއް ކުރެއްވިއެވެ. ޤުރުއާނުގައި އެ ވާހަކަ އަންނަގަވައި ވަޙީކުރެއްވިއެވެ. ‎﴿رَبِّ هَبْ لِي مِنَ الصَّالِحِينَ﴾‏ ‎(الصافات: ١٠٠)‏ މާނައީ: "އަޅުގެ ވެރިރައްބެވެ. މި އަޅާއަށް ޞާލިޙުންގެ ތެރެއިން ހިމެނޭ (ދަރިން) ދެއްވާނދޭވެ." (އައްސާއްފާތު: 100) ނަބިއްޔުން ދަރިން ދެއްވުން އެދި ކުރެއްވި ދުޢާތަކުގެ މިސާލު ﷲ ގެންނަވައިފައި އެ ވަނީ އުމުރުފުޅުން ވަރަށް ދޮށިވީ ފަހުން ދުޢާކުރެއްވި ބޭބޭފުޅުންގެ ވާހަކައިންނެވެ. އަޅުގަނޑުމެން ވެސް ﷲގެ ރަޙުމަތުން ދެއްވުން އެދި ދެންނެވުން ހުއްޓައިނުލާށެވެ! އެއީ އަލްވައްހާބެވެ. ދެއްވާ އިލާހެވެ. އުންމީދާ އެކު އެއިލާހުގެ ޙަޟުރަތުން، ހެޔޮލަފާ ދަރިން ދެއްވުން އެދޭށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ