ތުރުކީއާއެކު އެފްޓީއޭގައި ސޮއި ކުރުމުގެ މަސައްކަތް ވަރަށް ކުރިއަށް ގޮސްފައިވާ ކަމަށް ރައީީސް ވިދާޅުވެއްޖެ

ތުރުކީވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، އެ މަސައްކަތް މިހާރު އޮތީ ވަރަށް ”އެޑްވާންސްޑް“ ސްޓޭޖެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
”އަޅުގަނޑު ތުރުކީއަށް ކުރި ދަތުރުގަ، އެ ވާހަކަތައް ފެށި، މިއަދާ ހަމައަށް މި އައީ. ތުރުކީއަށް ދިޔައީ، އިރާދަކުރެއްވިއްޔާ، ސްޓްރެޓެޖިކަލީ، ރާއްޖެއަށް ބޭނުން ކަންތައްތަކެއް ކުރުމުގެ ބޭނުމުގައި.“ އެމަނިކުފާނު ވިދާޅުވިއެވެ.
ޗައިނާ އާއެކު ހަދާ އެފްޓީއޭގެ ދަށުން 53 އައިޓަމަކުން ޑިއުޓީ ކަނޑާލެވިގެންދާނެ ކަމަށާއި، އޭގެ ތެރޭގައި މަހުގެ ބާވަތްތައް ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
 
”ގިނަ ބާވަތްތަކުން ހަމަ، ޒީރޯ ޑިއުޓީ ލިބިގެންދާނެ.“
މި އެއްބަސްވުމުގެ ނަތީޖާއަކަށް ވެގެންދާނީ، ރައީސް ވިދާޅުވި ގޮތުގައި، ތުރުކީއާއެކު ވެސް ވިޔަފާރި ފުޅާ ވެގެން ދިޔުމެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން، ޗައިނާ އާއެކު ހަދާފައިވާ އެފްޓީއޭ ތަންފީޒު ވެގެން ދިޔުމުން މަސްވެރިކަމުގެ އެތައް ބާވަތަކުން ޑިއުޓީ ފްރީ ވެގެންދާނެ ކަމަށެވެ.
އެގޮތުން އެކި ވިޔަފާރިތަކުން، 7000އަށްވުރެ ގިނަ އައިޓަމްތަކުން ޑިއުޓީ ފްރީ ވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މިއީ ފަރުދީ ގޮތުން ބަލާއިރު، ކުންފުނިތަކަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީީސް މުއިއްޒުގެ ވާހަކަފުޅުގައި ޔޫކޭ އާއި އިންޑިއާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ