ޕީޕީއެމްގެ ބާރުތައް ހޯދަން މައުމޫން ހުށަހެޅުއްވި މައްސަލަ ބަލައެއްނުގަތް

ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރި މައްސަލަ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިވިލް ކޯޓަށް ހުށަހެޅުއްވުމުން އެމައްސަލަ ބަލައިގަނެވެން ނެތްކަމަށް ކޯޓުން އަންގައިފިއެވެ. ރައީސް މައުމޫނަށް ސިވިލް ކޯޓުން މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ މައްސަލަ ރައީސް މައުމޫންގެ ފަރާތުން ހުށަހެޅުއްވީ އިދާރީ މައްސަލަ ބަލާ ޑިވިޝަނަށް ކަމަށެވެ. ޕީޕީއެމް އަކީ ދައުލަތުގެ މުއައްސަސާއަކަށް ނުވުމުން އެ މައްސަލަ އެޑިވިޝަނަށް ހުށަނޭޅޭނެ ކަމަށް ސިވިލް ކޯޓުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ. އެހެން ކަމުން ރައީސް މައުމޫން ހުށަހެޅުއްވި މައްސަލަ ރަޖިސްޓްރީކޮށްދެވެން ނެތް ކަމަށް ވަނީ އަންގާފައެވެ. މައުމޫން ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ)ގައި ބުނާ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސްވެރިއަކީ ޕާޓީގެ ރައީސް ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 36 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން ޕީޕީއެމްގެ ކައުންސިލްގައި ޕާޓީގެ ރައީސަށް ފަހު އެންމެ އިސް ވާނީ ޕާޓީގެ ނައިބު ރައީސް ކަމަށް ވެސް އެ މައްސަލައިގައިވެއެވެ. އެމައްސަލައިގައި ވަނީ ޕީޕީއެމްގެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުމާއި ޕާޓީގެ މަގުސަދުތައް ހާސިލުކުރުމަށާއި ޕާޓީ ހިންގުމަށް ބޭނުންވާ އެންމެހައި ކަންކަން ކުރުމުގެ ބާރާއި ޒިންމާ އާއި މަސްއޫލިއްޔަތާއި އިޚްތިޔާރު ޕާޓީގެ ކައުންސިލުން މުސްތަޝާރާ ހަވާލުކޮށްފައިވާ ކަމަށް ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް ޕާޓީގެ އެންމެހައި ބާރުތައް މުސްތަޝާރާ ހަވާލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެ ދައުވާގައި މައުމޫން ވަނީ އެދިވަޑައިގެންފައެވެ. ސިވިލް ކޯޓުނާއި ހައި ކޯޓުންވެސް ވަނީ ޕީޕީއެމް ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން އަންގާފައެވެ. އެއާއެކު އެޕާޓީ ހިންގުމަށް ބޭނުންކުރި ތަކެތި ރައީސް ޔާމީންގެ ފެކްޝަނުން ވަނީ، ދަރުބާރުގެއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ