މެމްބަރު ޔާސިރުއާއި ކުޅުދުއްފުށީ ކައުންސިލް ގަތުމަށް ސަރުކާރުން 29 މިލިއަން ރުފިޔާ

ވެރިކަންކުރާ އެމްޑީޕީއިން ވަކިވެ ޑިމޮކްރަޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން ކުޅުދުއްފުށީ މޭޔަރާއި ބައެއް ކައުންސިލަރުން އަލުން އަނބުރާ އެމްޑީޕީއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހީމްގެ ފަރާތުން ޖުމްލަ 29 މިލިއަން ރުފިޔާ ހަރަދުކުރިކަން "ދިޔަރެސް"އަށް މައުލޫމާތު ލިބިއްޖެއެވެ.
މި މުއާމަލާތުގެ ކަންކަން ހިނގާދިޔަ ގޮތް އެނގޭ އެމްޑީޕީގެ އިސް ބޭފުޅަކު ނަންހާމަ ނުކުރުމަށް ޝަރުތުކޮށް "ދިޔަރެސް" އަށް ކަށަވަރުކޮށްދިން ގޮތުގައި، މެމްބަރު ޔާސިރު އެމްޑީޕީއަށް އަލުން ގުޅިވަޑައިގަތީ 15 މިލިއަން ރުފިޔާ ދިނުމުންނެވެ. ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފްއަށް 5 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ޑެޕިއުޓީ މޭޔަރު އަލީ އަހުމަދުއަށް 3 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އޭގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިތުރު 03 ކައުންސިލަރުންނަށާއި އެމްޑީޕީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ ރައީސް އަކުރަމް މުހައްމަދު ކުރެ ކޮންމެ މީހަކަށް ވަނީ 1.5 މިލިއަން ރުފިޔާ ދީފައެވެ.
ކުޅުދުއްފުށީ މޭޔަރާއިއެކު މުޅި ކައުންސިލް އެއްކޮށް ޑިމޮކްރަޓްސްއާ ގުޅުމަށްޓަކައި އެމްޑީޕީއިން ވަކިވެފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ރަށުގެ ތަރައްގީއަށް ސަރުކާރުން އިހުމާލުވެ ވައުދުވި އެއްވެސް ޕްރޮޖެކްޓެއް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަމަށް ބުނެ އެ ބޭފުޅުން އެމްޑީޕީއާ ވަކިވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިފައި މިވަނީ އެ ހާލަތު އެގޮތުގައި އަދިވެސް އޮއްވައެވެ.
"ދިޔަރެސް"އާ ވާހަކަ ދެއްކި އެމްޑީޕީގެ އިސް ބޭފުޅާ މައުލޫމާތު ދެމުން ވިދާޅުވީ، މެމްބަރު ޔާސިރުއާއި ކައުންސިލްގެ މެމްބަރުން އެމްޑީޕީއަށް އަނބުރާ ގެންދިއުމަށްޓަކައި މަޝްވަރާކޮށް އެކި ހުށަހެޅުންތައް ދެ ފަރާތުގެ މެދުގައި ބަދަލުކުރަމުންދާތާ މިހާރު ގާތްގަޑަކަށް ތިން ހަފްތާވަރު ވެއްޖެއެވެ. ނަމަވެސް އެ ބޭފުޅުން ގަތުމުގެ ޑީލް ފައިނަލްވުން ލަސްވެފައިވަނީ ރައީސް އިބްރާހީމްގެ ފަރާތުން ހުށަހެޅި ފައިސާގެ އަދަދާއި މެދު ދެފަރާތަަށް އެއްބަސްވުމަކާއި ހަމައަށް ނާދެވިގެންނެވެ.
"އަޅުގަނޑުމެން ޔާސިރަށް ފުރަތަމަ ހުށަހެޅީ 10 މިލިއަން. އަދި ޕެކޭޖެއްގެ ގޮތުގައި މޭޔަރަށް 3 މިލިއަން އަދި ބާކީ ތިބި ބޭފުޅުން އަނބުރާ ގެންނަން މީހަކަށް މިލިއަނެއް. އެ އަދަދު ހިތްހަމަނުޖެހިގެން ޑީލް ނުނިމި ލަސްވީ. އިންތިހާބު ބޯމަތިވެ ކުޅުދުއްފުށީގަ އެމްޑީޕީއަށް ވަރަށް ބޮޑަށް ދަށްވެ، އިދިކޮޅު ކެނޑިޑޭޓް މުއިއްޒު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ފެނުނު އާދަޔާ ހިލާފް ބޮޑު ތާއީދާއި ގުޅިގެން ރައީސް ސޯލިހު ނިންމީ އެ ބޭފުޅުންނާ އަލުން ނެގޯޝިއޭޓް ކުރައްވައިގެން ޑީލު ނިންމަން" އެ ބޭފުޅާ މައުލޫމާތު ދެއްވިއެވެ.
ޔާސިރުއާއި ކުޅުދުއްފުށީ މޭޔަރުގެ އިތުރުން ކައުންސިލްގެ މެމްބަރުން އަލުން އެމްޑީޕީއަށް ސޮއިކުރުމުން އެކަން ފާހަގަކޮށް ކުޅުދުއްފުށީ ރައްޔިތުންގެ ތާއީދު އަނބުރާ ހޯދޭނެކަމަށް ސަރުކާރުން އުއްމީދުކުރި ނަމަވެސް އެރަށުގެ ޕްރޮޖެކްޓްތައް ލަސްވެ ވައުދުތައް ނުފުއްދުމުގެ ސަބަބުން ކުޅުދުއްފުށީ ރައްޔިތުންގެ ތާއީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމްއަށް ލިބުމުގެ ފުރުސަތު ކުޑައެވެ.
އެމްޑީޕީއަކީ މީގެ ކުރިންވެސް މަޖިލިސް މެމްބަރުން އެ ޕާޓީއަށް ގެންދިއުމަށްޓަކައި ރިޝްވަތުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކުރާކަމަށް ތުހުމަތު ކުރެވޭ ޕާޓީއެކެވެ. އެގޮތުން ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު ޑީއާރުޕީގައި ހުއްޓާ އެމްޑީޕީއަށް ސޮއިކުރުވީވެސް ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާދީގެން ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެދުވަސްވަރު އެންޓި ކޮރަޕްޝަން ކޮމިޝަނުންނާއި ޕޮލިސް ސަރވިސްއިން ތަހްގީގުކޮށްފައިވެއެވެ. އެ ތަހްގީގުތައް ކޮށްފައިވަނީ އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަންމަގެ ނަމުގައު މާލެއިން 7.9 މިލިއަނަށް ގޯއްޗެއް އަދި ހުޅުމާލެއިން އަމިއްލަ ނަމުގައި 4.5 މިލިއަނަށް ގޯއްޗެއް ބައްލަވައި ގަތުމުގެ ސަބަބުންނެވެ. އޭރުވެސް އަލީ ވަހީދު އެމްޑީޕީއަށް ގެންދިއުމުގެ ޑީލްގައި އިސްކޮށް ހަރަކާތްތެރިވީ އޭރުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސް އިބްރާހިމްކަމަށް އެކަމުގެ މައުލޫމާތު އެނގޭ އެމްޑީޕީގެ މިހާރުގެ މަޖިލިސް މެމްބަރެއް "ދިޔަރެސް"އަށް ކަށަވަރު ކޮށްދީފައިވެއެވެ.
ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ފެށި މަޝްރޫޢުތައް ނުނިމޭތީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވައި ޔާސިރު އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ނަމަވެސް، އެ ޕާޓީން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެ ކެމްޕެއިން ފެށިފަހުން ޔާސިރު އެ ޕާޓީގެ މަސައްކަތްތަކުން ގެއްލިފައިވެއެވެ.
މި ސަރުކާރުން ސިޔާސީ މަސައްކަތްކުރަނީ މުޅިންވެސް މީހުންނަށް ފައިސާއާއި ކޮންޓްރެކްޓުތަކާއި އެނޫންވެސް ހަދިޔާތައް ދީގެންކަމަށް ދަ ޑިމޮކްރެޓްސް އުފެއްދެވުމުގެ އަޑީގައި ހުންނެވި އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއެވެ. އަދި ޔާސިރުވެސް މަޖިލީހުގައި ވާހަކަދައްކަވަމުން އެތައް ފަހަރެއްގެ މަތިން ސަރުކާރުން މަޖިލީހުގެ މެންބަރުންނަށް ނާޖާއިޒު މަންފާތައް ހޯދައިދީގެން އެމީހުންގެ ވަފާތެރިކަން ގަންނަކަމުގެ ތުހުމަތު ތަކުރާރުކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ