ނަޝީދު އުޅުނީ ޖަލުގައި ހުޅުޖަހައިގެންވިޔަސް އަޅުގަނޑު މިނިސްޓަރުކަމުގެ މަގާމުން ވަކިކުރަން: ގާސިމް

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްކުރެއްވީ ޖަލުގައި ހުޅުޖަހައިގެން ކަމަށްވިޔަސް، ހޯމް މިނިސްޓަރުކަމުގެ މަގާމުން އޭނާ ވަކިކުރައްވަން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީ ހިމެނޭހެން އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެންނެވެ. ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަގާމު ދެއްވީ ގާސިމަށެވެ. ނަމަވެސް ގާސިމް ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. ލަންދުއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ގާސިމް ވަނީ، ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވި ސަބަބު ވިދާޅުވެދެއްވައިފައެވެ. ގާސިމް ވިދާޅުވީ ނަޝީދު ގެންދެވީ ފުރަތަމަ ދުވަހުން ފެށިގެންވެސް ހޯމް މިނިސްޓަރުގެ މަގާމުން އޭނާ ވަކިކުރަން ރާވަމުން ކަމަށެވެ.
"އެންމެ ފަހުން ޖަލުގައި މައްސަލަ ޖައްސައިގެން އެތަނުގައި ހުޅުޖަހައި ރޯކޮށްލައި އެތައް ބަޔަކު މަރުވެގެން ދިޔަޔަސް ހެޔޮކަމަށް މީނަ [ނަޝީދު] އުޅުނީ އަޅުގަނޑުގެ ބޮލުގައި އެ ބަދުނާމު އަޅުވަން ވެގެން. އެހެންވީމަ އަޅުގަނޑު އަމިއްލައަށް އިސްތިއުފާ ދިނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ "ދަލު ބޭރުން ޖެހިގެން" އެމްޑީޕީއާއެކު އެފަހަރު ކޯލިޝަން ހަދައިފައިނުވާނެ ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނަޝީދަށް 25 ޕަސަންޓު ވޯޓު ލިބިވަޑައިގަތުމުން، ނަޝީދު ވަޑައިގެން ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އާދޭސްކުރެއްވި ކަމަށެވެ.
ނަޝީދު ވަނީ ރައްޔިތުންނަށް އިހުސާންތެރިނުވެ، އިހާނާތްތެރިވެފައި ކަމަށް ގާސިމް ވިދާޅުވިއެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ނަޝީދުގެ ވެރިކަން، ރައްޔިތުން ނުކުމެ ނިންމާލުން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެންމެ ފަހުން އޭނާ އަމިއްލައަށް އިސްތިއުފާ ދެއްވީ. އޮފްކޯޒް ރައްޔިތުންގެ ޕްރެޝަރާ އިންޓަނޭޝަނަލް ޕްރެޝަރާ ހެދި އޭނާއަށް ނުހިފެއްޓެގިން،" ގާސިމް ވިދާޅުވިއެވެ.
ނަޝީދަކީ އެފަދަ ހާލަތްތަކުގައި ކަންތައް ކުރައްވާނެ ގޮތުގެ ތަޖުރިބާ އަދި ވެރިކަމުގެ އެއްވެސް މިންވަރެއް ނުވަތަ ވެރިކަން ކުރައްވާނެ ގޮތުގެ ތަޖުރިބާއެއް އެއިރު ނެތް ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީއަށް ވެެރިކަން ހޯދައިދިނުމުގެ ބަދަލުގައި، އެއިރު ސަރުކާރު ހިންގާ ޕާޓީގައި ހުންނެވި ނަމަ، އަދިވެސް ވެރިކަމުގައި ހުންނަވާނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ