އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެޖެނަމަ ހުޅުމާލޭން ރައްޔިތުންނަށް ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއްފަހަރާ މައާފުކޮށްދެއްވާނެ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޤާސިމްގެ ވާހަކާގައި ހުޅުމާލޭގައި ހިންގަމުންދާ ބޯހިޔާވަހި ކަމުގެ މަޝްރޫޢުއާއި ގުޅޭގޮތުން ވިދާޅުވީ، އެއް ބަޔަކަށް ހިލޭ ބޯހިޔާވަހިކަން ދޭއިރު އަނެއް ބަޔަކަށް ބޮޑު އަގުގައި ވިއްކުމަކީ އިންސާފްވެރި ގޮތެއް ނޫންކަމަށެވެ.
''އެއްބަޔަކަށް ވިއްކަނީ، ބޮޑު އަގުގައި 8 މިލިއަން 10 މިލިއަން ރުފިޔާއަށް، އަނެއް ބަޔަކަށް ހިލޭ، ކޮބާ އިންސާފު، ކޮބާ އިހްސާންތެރިކަން، އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭގައި ދީފައި ހުރި ފްލެޓްތައް ކުލި އެއްފަހަރާ މާފްކޮށްދޭނަން'' ޤާސިމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރިޔާސަތުގައި އިންނަވައި ޤާސިމް ވަނީ ހުޅުމާލޭގައި ސިފައިންނާއި، ފުލުހުންނަށް އަޅައިދެމުންދާ ފްލެޓްތަކުގެ ކުލި ވެސް އޭނާގެ ސަރުކާރެއްގައި މާފްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސަކަށް ދެވަނަ ދައުރެއް ދިނުމުގެ ކުރިން މާޒީގައި އޭނާ ކަންކޮށްފައިވާ ގޮތައް ބަލަންޖެހޭނެ ކަމަށާއި، އެ ރައީސަކު ޢަމަލުކުރީ ވީ ވަޢުދާއި އެއްގޮތައްތޯބަލައި، އެ ރައީސެއްގެ ދައުރުގައި ދެއްކި ޕާފޯމެންސަށް ބަލަންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި އަންނަ ރިޔާސީ އިންތިޚާބުގައި ފައިސާއަށް ވޯޓު ވިއްކާނުލުމަށާއި، ވޯޓު ދޭންވާނީ ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރުން އިސްކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.
އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭން ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއްފަހަރާ މައާފުކޮށްދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ