އިންޑިއާ ސިފައިން ފޮނުވާނުލައިގެން އެ ވާހަކަ ދައްކަން އަދި މާ އަވަސް: ގާސިމް

މިދިޔަ ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރުގެ ސަރުކާރުން ވަކާލާތުކުރި ގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާނުލައިގެން އެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް، އެ އިންތިހާބުގައި ވާދަކުރައްވައި އިންޑިއާގެ ސިފައިންނާ ދެކޮޅަށް ވަކާލާތު ވެސް ކުރެއްވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާމިގިލީ ދާއިރާގެ މެންބަރު ގާސިމް މި ގޮތަށް ވިދާޅުވީ ރައީސް އޮފީހުގައި، މިއަދު ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށް ފަހު އެ އޮފީހުގެ ބޭރުގައި ހުންނަވައި 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި ވެސް އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - "ބަލަ، ރައީސް ވިދާޅުވެއެއްނު އޮތީ، ތިމަންނާ އެ މައްސަކަތް އެބަ ކުރައްވަމޭ. އެ މަސައްކަތުގެ ވާހަކަ އަޅުގަނޑު ވެސް ދަންނަވާލިން. ވިދާޅުވި، އެ މަސައްކަތް ކުރިއަށް އެބަ ގެންވަދަމޭ. އެއީ، އެއް ދުވަކުން ނިންމޭނެ ކަމެއް ނޫންދޯ،" އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ:
އިންޑިއާ ސިފައިން ރާއްޖެ ގެނައީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި
ދެ ވަނައަށް އެކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން؛ ނަމަވެސް، އެ މީހުން ބާލަން ވެސް ޔާމީން އުޅުއްވި
އެ ދެ ރައީސުންނަށް ވުރެ ބޮޑަށް އެކަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
އިންޑިއާ ސިފައިން ފޮނުވާނުލެވި މާ ގިނަ ދުވަސްވާ ނަމަ، މި ސަރުކާރާ ދެކޮޅަށް ނުކުންނަވާނެތޯ އެހުމުން ގާސިމް ވިދާޅުވީ، "އެ ކީއްކުރަން ދައްކާ ވާހަކައެއް. އެ ދުވަސް އައިމައެއްނު އެނގޭނީ" ކަމަށެވެ.
"އަޅުގަނޑު މި ދެންނެވީ، ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަމެއް ހިނގާ ނަމަ، އަޅުގަނޑު އެ ވާހަކަ ދައްކާނަމޭ،" ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އޭރު ވާހަކަ ދެއްކެވި ގާސިމް ވިދާޅުވި އެވެ.
ރައީސްއާ އެކު ބޭއްވެވި ބައްދަލުވުމުގައި، މި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީން އެ މަނިކުފާނަށް ދެއްވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަމަވެސް، އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަންކަން ކުރައްވާ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އިންޑިއާ ސިފައިން ފޮނުވާލުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ސަރުކާރުން އެދިފައި ވާއިރު، އެކަމާ ގުޅިގެން ދެ ސަރުކާރުގެ އިސް ބޭފުޅުންގެ މެދުގައި "ކޯ ގްރޫޕެއް" ވަނީ އެކުލަވާލާފަ އެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކޮށްފައިވާ ގޮތުން، ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިންނެވެ. ނަމަވެސް، ފަހުން ބުނީ 87 ކަމަށެވެ. އެކި އިދާރާރަކުގައި އެ އަދަދުތަކާ ގުޅޭ ގޮތުން އެކި ގޮތަށް ހުރުމުން، އިންޑިއާ ސިފައިންގެ ސީދާ އަދަދު އަދިވެސް ރަނގަޅަށް ސާނުވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ