އީސީގެ މެންބަރަކަށް ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލުގެ ނަން

އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އައްޔަންނަން މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވެވީ އެ މަޤާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަންފުޅެވެ. އެގޮތުން، އެމަޤާމަށް ދަފްތަރު ނަންބަރު ރސ. 13449، މުޙައްމަދު ޝަކީލް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.
ޝަކީލުގެ ނަންފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވާފައެވެ.
ޝަކީލް ވަނީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު އަދާކުރައްވާފައެވެ. އެގޮތުން، 03 ޑިސެމްބަރު 2014 އިން ފެށިގެން 09 މޭ 2018 އާ ހަމައަށް މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެމްބަރު 2013 wިން ފެށިގެން 03 ޑިސެމްބަރު 2014އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ޝަކީލްވަނީ އަދާކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުންނާއި މެންބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި ޢަބްދުލްޙަސީބް އިސްމާޢީލާއާއި އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲއެވެ.
މިވަގުތު އެކޮމިޝަނުގެ ރައީސްގެ މަޤާމު އޮތީ ހުސްކޮށެވެ. ރައީސްގެ މަޤާމުގައި ހުންނަވާނީ ކޮމިޝަނުގެ މެންބަރުން ހަމަވުމުން އެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ