ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ)ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައިކޯޓުން ދެމެހެއްޓި ނިންމުން ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފިއެވެ.
ވ. ތިނަދޫ ރެޑްހައުސް، އަހްމަދު މޫސާ މުހައްމަދަކީ މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާ މީހެކެވެ.
އައްމަޓީގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ޖޫން 2021 ގައި އަމުރުކޮށްފައެވެ.
ފާއިތުވި ނޮވެމްބަރުގައި އަހްމަދު މޫސާ އޭނާގެ ފަރާތުން އެއަމުރު މުރާޖާއ ކުރަން ހުށަހަޅާފައިވާއިރު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އަމުރު މުރާޖާ ކޮށް އޭނާގެ ޕާސްޕޯޓް ދޫކުރުމަށް އަމުރު ނެރެފައިވެއެވެ.
ސަރުކާރުން އެއަމުރު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުނުވެ، ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނިންމާ އެ އަމުރު ވަނީ ދަމަހައްޓާފައެވެ.
މީގެއިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެ މައްސަލައާއި މެދު ހައިކޯޓުގެ ނިންމުމާ ދޭތެރޭ ހިތްހަމަ ނުޖެހޭތީ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފްކުރުމަށް ނިންމާފައިވާކަމަށް ބުނެފައެވެ. އަދި އިސްތިއުނާފް ކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހެޅޭނެކަމަށްވެސް އެ އޮފީހުން ބުނެއެވެ.
އަހްމަދު މޫސާގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލްކޯޓުން އަމުރުކޮށްފައި ވީނަަމަވެސް ހައިކޯޓުން މައްސަލް ނިންމިއިރު ޕާސްޕޯޓް މުއްދަތު ވަނީ ހަމަވެފައެވެ.
މީގެ އިތުރުން އަަހްމަދު މޫސާގެ ޕާސްޕޯޓް އަމުރު މުރާޖައާ ކުރުމުގެ އަޑުއެހުމެއް މިއަދު އެކެއް ޖަހާއިރު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވީނަމަވެސް ޕާސްޕޯޓާ ގުޅޭ މައްސަލައި ގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާނކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވުމަށް ކްރިމިނަލް ކޯޓުގައި ޕީޖީ އޮފީހުން ވަނީ އެދިފައެވެ.
އައްމަޓީގެ ޕާސްޕޯޓާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ