ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް އެހީތެރިވުމަށް ދުވުމެއް ބާއްވަނީ

ކެންސަރާބެހޭ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ދުޅަހެޔޮ މުޖުތަމައުއެއް އުފައްދައި ރަނގަޅު ސިއްހަތެއްގައި ދެމިތިބުމުގެ ޝައުގުވެރިކަން ދިވެހިންގެ މެދުގައި އުފެއްދުމުގެ މަގްސަދުގައި ޓޯޓަލް ފިޓްނަސް ގްރޫޕްގެ ފަރާތުން ކުރާ ގިނަ މަސައްކަތްތަކުގެ ދަށުން މިއަހަރު ބާއްވާ "މޯލްޑިވްސް ލޯންގް ރަން" އިން ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތަށް ފަންޑު ރައިޒް ކޮށްދިނުމަށް ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.
ޓީއެފްޖީ އިން ކޮންމެ އަހަރަކުވެސް އަންނަނީ އަހަރުގެ އެކި ދުވަސް ތަކަށް ބަހާލައިގެން ދުވުމުގެ ހަރަކާތްތަކެއް އިންތިޒާމް ކުރަމުންނެވެ. މި އިންތިޒާމްގެ ދަށުން މިއަހަރަށް ރާވާފައިވާ ތިންވަނަ ދުވުން ކަމުގައިވާ "މޯލްޑިވްސް ލޯންގް ރަން" އެހެން އަހަރުތަކޭ އެއްގޮތަށް މި އަންނަ ޑިސެންބަރު މަހު އަށް ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމަކީ "މޯލްޑިވްސް ލޯންގް ރަން 2023" ޕްރޮމޯޓްކޮށް، ސިއްހަތާއި ދުޅަހެޔޮކަމަށް ހިތްވަރުދީ، ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް އާންމުން ޝައުގުވެރިކުރުމަށް ކުރާ އެއްބައިވަންތަ މަސައްކަތެކެވެ.
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު މަދުކުރުމާ، ކެންސަރުން ޖެހިފައިވާ މީހުންނަށް ކުރާ ބަލީގެ އަސަރު ކުޑަކުރުމާއި، ކެންސަރާ ބެހޭ ގޮތުން ހޭލުންތެރިކުރުމާއި، މުހިންމު އެހީތެރިކަމެއް ފޯރުކޮށްދިނުމާއި، ކެންސަރާ ދެކޮޅަށް ހަނގުރާމަކުރާ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މުހިންމު މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. ސީއެސްއެމް އަކީ މުޖުތަމައުގައި ފައިދާހުރި އާންމުންގެ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަމިއްޔާއެކެވެ.
މިއަހަރުގެ މޯލްޑިވްސް ލޯންގް ރަންގެ އެންމެ މުހިއްމު އެއް ކަމަކީ ސީއެސްއެމް އަށް ފަންޑު ރައިޒް ކޮށްދިނުންކަމަށް ޓީއެފްޖީން ބުނެއެވެ. އެގޮތުން ކޮންމެ ރަޖިސްޓްރޭޝަނަކުން ލިބޭ ފައިސާގެ އިންސައްތައެއް ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެ ޖަމިއްޔާއިން ކުރާ މުހިންމު މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ޙަވާލުކުރާނެކަމަށް ޓީއެފްޖީން ވަނީ ބުނެފައެވެ.
އެހެންކަމުން ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތްތުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ބައިވެރިވެ، މިފުރުސަތުގެ ބޭނުން ހިފައި "މޯލްޑިވްސް ލޯންގް ރަން 2023" ގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވުމަށް ޓީއެފްޖީން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ