އޭސީސީން ހޯދަން އެންގި 20 މިލިއަނަކީ 2018 ގެ ކުރީގެ މުއާމަލާތްތަކެއް: ފެނަކަ

ފެނަކައާ ގުޅުންހުރި 75 މުއާމަލާތަކާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ދެމެދު ހިނގާފައިވާ ޖުމުލަ ހަތަރު މުއާމަލާތަކާ ގުޅުންހުރި މައްސަލައެއް ކަމަށް ފެނަކައިން ބުނެފިއެވެ.
އޭސީސީން އިއްޔެ ބުނީ މިހާތަނަށް ތަހުގީގު ކުރެވިފައިވާ މައްސަލަތަކަށް ފަހު، އެ މައްސަލަތަކުގައި ހިމެނޭ ފައިސާ ތަކުގެ ތެރެއިން 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީގެ ފަރާތުން މިހާރު އެދިފައިވާ ކަމަށެވެ. އެ ކުންފުންޏާ ގުޅޭ ތަފާތު އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހު ކުރަން ވެސް އެ ކޮމިޝަނުން މިހާތަނަށް ފެނަކައަށް އަންގައިފައިވާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކުގައި ހޯދަން އޭސީސީން އެންގި 20 މިލިއަނަކީ 2012 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ މިއަދާ ހަމައަށް ހުރި އަދަދުތައް ކަމަށެވެ. އަދި އެއީ، 2011 އިން ފެށިގެން 2017 އާ ހަމައަށް ހިންގާފައިވާ ޖުމުލަ ހަތަރު މުއާމަލާތަކާއި ގުޅުންހުރި މައްސަލަތައް ކަމަށްވެސް ބުނެފައި ވެއެވެ.
ފެނަކައިން ބުނި ގޮތުގައި އެ މުއާމަލާތްތަކަކީ ސަދަން ޔުޓިލިޓީ ކުންފުނީގެ ކުރީގެ ފިނޭންސް ޑިރެކްޓަރު ކިޔަވަން ދިއުމަށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނާ 240،000 ރުފިޔާ އާއި ޑޮލަރު ގަތުމަށް 2016 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކުރި މުއާމަލާތަކުން ލިބެން ޖެހޭ 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި، އަމިއްލަ ކުންފުންޏަކާ އެކު 2015 ވަނަ އަހަރު ކޮށްފައިވާ މުއާމަލާތަކާއި ގުޅިގެން ކުންފުނީގެ ޕްރިކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަން ޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް ލިބުނު ގެއްލުމަށްވާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ކުންފުންޏަށް ބޭނުންވާ ބިލިން ސޮފްޓްވެއާއެއް ހޯދަން 2017 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ އެކު ކޮށްފައިވާ މުއާމަލާތަކުން ކުންފުންޏަށް ގެއްލިފައިވާ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ.
ފެނަކައާ ގުޅުން ހުރި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއްގެ ދޭތެރެ ދޭތެރެއިން އަޑު އިވެއެވެ. އަދި ކުންފުނިން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 2.8 ބިލިއަނަށް ވުރެ މައްޗަށް އަރާފަވާ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ