ރާއްޖޭގައި އޭޑްސް ބައްޔަށް ފަރުވާ ހޯދާ 22 މީހުން

އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އޭޑްސް) ބައްޔަށް ފަރުވާ ހޯދަމުންދާ 22 މީހަކު ރާއްޖޭގައި މިވަގުތު އެބަތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އޭޑްސް އަކީ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ވައިރަސްގެ ޒަރިއްޔާއިންޖެހޭ ބައްޔެކެވެ. މިއަދަކީ މިދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އޭޑްސް ބަލީގެ ދުވަހެވެ. ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ.
ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅިގެން އެޗްޕީއޭއިން މިއަދު އާންމުކުރެއްވި މައުލޫމާތުގައިވާގޮތުން، އެ ބަލީގެ ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ. އެއީ 6 އަންހެނުންނާއި 34 ފިރިހެނުންނެވެ. މީގެތެރެއިން 15 މީހުން މިހާރު ވަނީ ދުނިޔެ ދޫކޮށްފައެވެ. މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުން ދާކަމަށް އެޗްޕީއޭ އިން ވަނީ ހާމަކުރައްވާފައެވެ.
އޭޑްސް ޖައްސާ ވައިރަސް، އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެވެ. 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ އަންނަނީ ދެމުން އަންނައިރު، މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ.
މީގެ އިތުރުން އެޗްއައިވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާ ( (Pre-exposure prophylaxis or PrEP ވެސް ރާއްޖެގައި ލިބެން ހުރެއެވެ.
މި ބަލި ފެތުރުންކޮންޓްރޯލްކޮށް، ނަފްސުގެ ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ވެސް މި ބައްޔަށް ހުށަހެޅޭގޮތައް ޢަމަލުތައް ބެހެއްޓިފައިވާ މީހުން މި ބައްޔަށް ޓެސްޓްކޮށް، ބަލި ނެތްކަން އަމިއްލައަށް ޔަޤީންކަން ހޯދުމަކީ މުހިއްމު ކަމެއްކަމުގައިވާއިރު، ރާއްޖޭގައި ކާކުކަން ނޭނގޭގޮތަށް ވެސް މި ބަށްޔަށް ޓެސްޓް ކުރެވެއެވެ. އަދި ލިބޭ ނަތީޖާ ވެސް ޓެސްޓް ކުރި މީހާ ފިޔަވައި އިތުރުފަރާތަކާ ހިއްސާއެއް ނުކުރެއެވެ.
މާބަނޑު މީހާ ބަލިވެ އިންނަތާ، އެންމެ ލަސްވެގެން ފުރަތަމަ ތިން މަސް ތެރޭގައި އެޗްއައިވީ ޓެސްޓް ހެދުމުން، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ވާސިލްވުން ހުއްޓުވެއެވެ.
އެޗްއައިވީ އަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެއް ކަމުގައި ނުވިޔަސް އެ ބައްޔަށް ރައްކާތެރިވެ، ފަރުވާ ވެސް ލިބެން ހުރެއެވެ. އަދި މި ބައްޔަށް ކަނޑައެޅިފައިވާ ފަރުވާ ޤަވާއިދުން ލިބިގަނެގެން ސިއްޙަތު ރަނގަޅު މީހެއްގެ ގޮތުގައި އާއްމު ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ވެސް ލިބެއެވެ. ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއް ކަމުގައި ވިޔަސް، އޭނާއަށް އެޗްއައިވީ ޖެހިފައި ހުރުމަކީ ދިމާވެދާނެ ކަމެކެވެ.
• ބަލި ފެތުރޭ ގޮތްތައް
- ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު އޮވެއެވެ.
- ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެއެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މީހެއްގެ ލެޔަށް ހުށަހެޅުން
• ބަލި ނުފެތުރޭނެ ގޮތްތައް
- މަދިރި ހެފުންފަދަ ކަންކަމުން އެކަކު ގައިން އަނެކަކު ގަޔަށް އެޗް.އައި.ވީ ނުފެތުރެއެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މީހަކާ އެއް ތަށިން ކެއުން ނުވަތަ އެކުގައި ކެއުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މީހަކު ބޭނުން ކުރާ ފާޚާނާއެއް ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
- އެޗް.އައި.ވީ ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އަންނައުނު ބޭނުން ކުރުމުން އެޗް.އައި.ވީ ނުފެތުރެއެވެ.
• އެޗް.އައި.ވީ އިން ރައްކާތެރިވެވޭނެ ގޮތްތައް
- އެޗް.އައި.ވީ ޖެހިފަ ނުވާ ވަފާތެރި އެއް ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ކުޑަކުރެވެއެވެ.
- ޖިންސީ ގުޅުން ހިންގާއިރު ކޮންޑަމް ނުވަތަ ހުރަސް ބޭނުން
- އެކަކު ބޭނުންކޮށްފަ ހުންނަ ސިރިންޖު / ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ނުކުރުން
- ޞިއްޙީ ޚިދުމަތްތެރިންގެ ލަފާގެ މަތިން އެޗް.އައި.ވީ އިން ރައްކާތެރިވުމަށްޓަކައި ދެވޭ ފަރުވާ ކަނޑައެޅިފައިވާގޮތުގެ މަތިން ފުރިހަމަކުރުން
- މާބަނޑު ދުވަސްވަރު ދުރާލާ އެޗް.އައި.ވީ އަށް ޓެސްޓު ކޮށް ޕޮޒިޓިވް ވެއްޖެނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗް.އައި.ވީ ވާސިލްވުމުން ރައްކާތެރި ކުރެވޭ
2023 ވަނަ އަހަރުގެ އެއިޑްސް ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "”Let Communities lead މި ޝިއާރެވެ. މި ޝިޢާރުގެ މަގްސަދަކީ އެއިޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި، ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިންރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށްދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ