މި މަހުގެ ނިޔަލަށް މީޑިއާ ވިލެޖުގެ މަސައްކަތްތައް ނިންމައިލެވޭނެ: އެޗްޑީސީ
މި މަހުގެ ނިޔަލަށް މީޑިއާ ވިލެޖުގެ މަސައްކަތްތައް ނިމޭނެ ކަމަށް، ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ. ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ، މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ކުލަ ލުމާއި އޮފީސް ޕާޓިޝަން ޖެހުން ފަދަ ކުދިކުދި މަސައްކަތްތައް ކަމަށެވެ. އަދި އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމައިލުން ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި، މީޑިއާ ވިލެޖުގެ މަސައްކަތްތައް ނިންމައި މި އަހަރުގެ މެދުތެރޭ ބޭނުންކުރަން ފެށޭ ވަރު ވާނެއެވެ. މީޑިއާ ވިލެޖު ތަރައްގީ ކުރަނީ "މެންހެޓަން ގްރޭންޑް ހޮޓެލް،" ނުވަތަ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފަޅަށް ދޫކޮށްލައިފައި އޮތް ސިޓީ ހޮޓަލުގައެވެ. ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ސިޓީ ހޮޓަލުގެ އެންމެ ތިރީ ފަންގިފިލާގައި ތަރައްގީކުރާ މީޑިއާ ވިލެޖުގައި 34 ޖާގައެއް ހިމެނެއެވެ. ފާހަގަކުރެވޭ ގޮތުގައި ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިނާޔަތްދީ މީޑިއާ ވިލެޖެއް ގާއިމްކުރާނެކަން ރައީސް ހާމަކުރެއްވީ މެއި ތިނެއް، 2024ގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނެރުއްވި ޚާއްސަ ޚިޠާބެއްގައެވެ. އޭގެ ފަހުން މީޑިއާ ވިލެޖު ގާއިމްކުރުމުގެ މަޝްވަރާތައް ފެށީ އެ އަހަރުގެ އޮގަސްޓު މަހުގެ ކުރީކޮޅެވެ. އެއަށްފަހު، ސިޓީ ހޮޓަލުގައި، މީޑިއާ ވިލެޖު ހިމެނޭހެން އިތުުރު ބައެއް ކޮލެޖުތައް ވެސް ގާއިމްކޮށް ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ދުބާއީގެ 'ޑީޕް ސީ ފުޑް ކޮމްޕެނީ'ގެ ދަށުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓު ކުންފުނި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ 20ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ