ސްކޫލް މާހައުލުގައި ކިޔަވާ ކުދިންނަށް ޖިންސީ ނުރައްކަލެއް ނެތް: އެޑިއުކޭޝަން

ސްކޫލު މާހައުލުގައި ކިޔަވާ ކުދިންނަށް ޖިންސީ ނުރައްކަލެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ޖިންސީ އަމަލަކަށް މަގުފަހިވާގޮތަށް ސްކޫލް ކުއްޖަކާ ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއީލް މަސްރޫފް ރޭ ވަނީ ކޯޓު އަމުރެއްގެދަށުން ފުލުހުން ހައްޔަރުކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެފަދަ މައްސަލަތައް އެޑިއުކޭޝަން އިން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށާއި ކިޔަވާ ކުދިންނަށް ޖިންސީ ނުރައްކަލެއް ނެތް ކަމަށެވެ. އެއަށްވުރެ އެޑިއުކޭޝަން މިނިސްޓްރީން މާ ފާރަވެރިކަމަށް އޭނާ ވިދާޅުވި އެވެ. "ކިރިޔާވެސް ނުރައްކަލެއް އަތުވެދާނެ ކަމެއް ފެންނަ ހިސާބުން އަޅުގަނޑުމެން ފިޔަވަޅު އަޅާނަން، އަޅުގަނޑުމެން ކަށަވަރުކަން އަރުވަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ބެލެހެއްޓުންތެރިކަން ވަރަށް ހަރުދަނާވާނެ." މުހުސިން ވިދާޅުވި އެވެ. މުހުސިން ވިދާޅުވީ އެފަދަ ގޯނާތަކުގެ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށާއި މަސައްކަތް ކުރަމުންދަނީ ކިޔަވާ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ކަމަށެވެ. "އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ކުދިންނަށް ރައްކާތެރި މާހައުލެއްގައި ކިޔަވައިދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް، މިހާރު ވެސް ކިރިޔާ ވެސް ނުރައްކަލެއް ހުށައެޅިދާނެ ފަދަ ހާލަތެއް ދިމާވާ ހިނދު އެފަރާތަކާއި ދޭތެރޭގައި އަޅުގަނޑުމެންނަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅަމުންދާނެ." މުހުސިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތައުލީމު އުނގެނުމުގައި ދަރިވަރުންނަށް ހިމާޔަތާ ރައްކާތެރިކަން އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ