މަދަނީ މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އަންގައި ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފިއެވެ. މިއީ މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ޝަރުޢީ ކޯޓުތަކުން އެއް އުޞޫލަކުން ޢަމަލުކުރުމަށް ލާޒިމްކުރާތީ ސުޕްރީމް ކޯޓުން ނެރުއްވި އިރުޥާދެކެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަސިމް އަދުނާން ސޮއިކުރައްވާ ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ހަތް ދުވަހަށްވުރެ ދިގު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށެވެ. އަދި، ހަތް ދުވަހަށްވުރެ ކުރު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހާއި އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާކަމަށްވެސް އެ ޕްރެކްޓިސް ޑައިރެކްޝަނެގައި ބަޔާންކުރެއެވެ.
މީގެ އިތުރުން މުއްދަތު ގުނާއިރު، ވަކިކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީ ކަމުގައި ބެލޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ވަކިކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަން ބަޔާންކޮށް ކޯޓުން އަންގާ އެންގުންތަކުގައި އެކަމެއް ފުރިހަމަކޮށް
ކޯޓަށް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި ހިމަނަންވާނެކަމަށްވެސް އެ ޕްރެކްޓިސް ޑައިރެކްޝަންގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުތަކުގައި ހިނގާ މައްސަލަތަކާއި ޝަރީޢަތްތަކުގެ ގިނަ މަރުހަލާތައް ހިނގަނީ ވަކި މުއްދަތެއް ކަނޑައެޅި އެ މުއްދަތުގެ ތެރޭގައެވެ. އެހެންކަމުން މި ޕްރެކްޓިސް ޑައިރެކްޝަނާއި ގުޅިގެން ހުރިހާ ކޯޓެއްގައިވެސް މުއްދަތު ގުނާ ގޮތް އެއްގޮތްވާނެއެވެ.
ކޯޓުންތަކުން މުއްދަތު ގުނާގޮތު އެއްގޮތްކުރަން ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ