ކޮރެއާ ޑްރާމާ 'ސިގްނަލް'ގެ ހިންދީ ރީމޭކަށް ކްރިތިކާ

ސައުތު ކޮރެއަން ޑްރާމާ 'ސިގްނަލް'ގެ ހިންދީ ރީމޭކެއް ހަދަން ނިންމާ އެ ސީރީޒްގެ ލީޑް ތަރި އަކަށް ކްރިތިކާ ޝަރްމާ ކާސްޓުކޮށްފިއެވެ. 'ޓާންޑަވް' އާއި 'ހަޝް ހަޝް' އިން ފެނިފައިވާ ކްރިތިކާ ޝަރްމާ ކާސްޓުކުރި ސިގްނަލްގައި އޭނާ ކުޅެން ހަމަޖެހިފައިވަނީ ޕޮލިސް އޮފިސަރެއްގެ ރޯލެވެ. މި ސީރީޒްގައި އޭނާ އާއެކު ދައިރިޔާ ކަރްވާ އާއި ރާގަވް ޖުޔަލް ވެސް ލީޑް ރޯލުން ފެންނާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ބޮލީވުޑް ހަންގާމާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކްރިތިކާ ވަނީ ތަފާތު އެކި ކެރެކްޓާތައް ސްކްރީނުގައި ދައްކުވައިދީ ގިނަ ބަޔެއްގެ ތަރުހީބު ހޯދާފައެވެ. އަދި، މިއީވެސް ތަފާތު ޗެލެންޖެއް ކަމަށްބުނެއެވެ. ކްރިތިކާ މިހާރު މަސައްކަތް ކުރަމުންދަނީ، ޕްރަތީކް ގާންދީ އާއެކު 'ފޮ ޔޯ އައިސް އޮންލީ'ގެ މަސައްކަތްތަކެވެ. ތުރިލާ މި ސީރީޒްގެ ޝޫޓިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު އެމޭޒަން ޕްރައިމް ވީޑިއޯގެ 'ބަމްބައި މެރި ޖާން'ގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ދެހާސް ސޯޅަ ވަނަ އަހަރު ނެރުނު ސައުތު ކޮރެއާގެ ޑްރާމާ ތުރިލާ 'ސިގްނަލް' އަކީ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ، ޕްރޮފައިލާ އަކާއި ޑިޓެކްޓިވް އެއް އެކުގައި މަސައްކަތްކޮށް މަރުގެ ކޭސްއެއް ތަހުގީގުކުރާ ސީރީޒްއެކެވެ. މި ސީރީޒްއަކީ ހޮލީވުޑްގައި ނެރުނު ފްރީކުއެންސީއަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ. އަދި މިއީ ކޮރެއާގެ ކޭބަލް ޓީވީ ސީރީޒްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބެލި ހަޔަސްޓް ރޭންކްޑް ސީރީޒްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ