ރޯދަހިފުން ސުންނަތްވެގެންވަނީ ހަމައެކަނި ޢަރަފާތު ދުވަހު ކަމަކަށް ނުބުނެވޭނެ! 9 ދުވަސް އެކުގައިވެސް ރަސޫލް ޞޢޥ ރޯދަފުޅު ހިއްޕެވި!

ބައެއް މީހުން މިދުވަސްތަކުގައި ރޯދަނުހިފާތީ މިދުވަސްތަކުގައި ރޯދަހިފަން ނެތް ކަމަށް ދޭހަވާ ޢިބާރާތުން ވާހަކަދައްކައެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ޛުލްޙިއްޖާ މަހުގެ ފުރަތަމަ 9 ދުވަސް އެކުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަފުޅު ހިއްޕެވިކަން ޙަދީޘްފުޅުން ޘާބިތުވެއެވެ. 
ދެން އެމީހުން އެބުނާ ބަހުގައި ތެދެއްވެއެވެ. މި ދުވަސްތަކުގައި އޮތީ ހަމައެކަނި ސުންނަތް ރޯދަހިފުން ނޫންކަމަށް ބުނާ ބަހުގައެވެ. އެއީ ހަމަ ތެދެކެވެ. މި 10 ދުވަހަކީ އެންމެ މަތިވެރިކަން ބޮޑު ދުވަސްތައްކަމަށްވުމުން އޮތީ ހަމައެކަނި ރޯދަހިފުމެއް ނޫނެވެ. ކުރެވެން ހުރި ހުރިހާ އަޅުަކަމެއްވެސް ވީހައި ގިނައިން ކުރަމުން ގެންދަންވީއެވެ.  
ލޮބުވެތި އެކުވެރިންނޭވެ! ތިމާ ޒުވާންވުމަކީ އަދި ބައިވަރު އަހަރު މިދުވަސްތައް ތިމާއާއި ބައްދަލުކުރާނެ ސަބަބެއް ކަމަށް ދެކި މިދުވަސްތަކަށް ފަރުވާކުޑަނުކުރާށެވެ! ޢުމުރަކީ އެނގޭނެ އެއްޗެއް ނޫނެވެ. މިއީ ތިމާއާއި ބައްދަލުކުރާނެ އެންމެ ފަހުގެ މިފަދަ މަތިވެރިދުވަސްތައް ކަމުގައި ވުމަކީ ހަމަ ދާދިގާތުގައި އޮތް ކަމެކެވެ.  
މިދުވަސްތަކުގައި ކޮންމެ ދުވަހަކު މަދުވެގެން އެންމެ މީހަކަށް ނަމަވެސް ޞަދަޤާތެއްކުރަން މަސައްކަތްކުރާށެވެ! ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސްމެއެވެ. ކޮންމެ މީހެއްގެ ޙާލުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެންމެ ޑޮލަރެއް ދިއްކޮށްލެވެން އޮތްނަމަވެސް ފަސްނުޖެހި ދިއްކޮށްލާށެވެ! ޞަދަޤާތްކުރުން ގިނަކުރުމަކީ މިދުވަސްވަރު ކުރެވޭނެ އިތުރުކަންބޮޑު އެއް އަޅުކަމެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ