ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމުކޮށްލައިފި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމުކޮށްލައިފި

ރޭ ދަންވަރު މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ރޭ ދަންވަރު 3:00 ޖަހާ ހާއިރު ކަމަށެވެ. އެ މާރާމާރީ ހިންގާފައި ވަނީ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކަށް ކަމަށެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މާލޭގައި އާންމުކޮށް ވަޅި ފަދަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަނީ ގޭންގުތަކުންނެވެ. ނަމަވެސް އެހެން ހަމަނުޖެހުންތަކުގައި ވެސް ތޫނު އެއްޗެހި ބޭނުންކޮށްގެން ބައެއް ފަހަރު މާރާމާރީ ހިންގަ އެވެ.
މި ހިނގާ މެއި 5، ގައި ވެސް މާލޭގައި މީހެއްގެ ގަޔަށް ވަނީ ވަޅި ޖަހައިފަ އެވެ. އެ ހާދިސާގައި ޒަހަމްވީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހު ގްރޫޕު ހަދައިގެން ދިޔަ ބަޔަކު ވަނީ ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފް ދަނޑު ކައިރިން މީހަކަށް ކޯރާޑިއަކުން ހަމަލާ ދީފަ އެވެ. އޭގެ ފަހުން އާއިލީ މައްސަލައެއްގައި ވެސް މީހެއް ބޮލަށް ވަޅިން ހަމަލާދީފައިވެ އެވެ. އެ ހާދިސާ ހިނގީ ރ. މަޑުއްވަރީގަ އެވެ.
ތޮއްޖެހިފައިވާ ވެރި ރަށް މާލޭގައި މާރާމާރީގެ މައްސަލަތައް ވަރަށް ބޮޑެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވެސް މާރާމާރީގެ 253 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ