އިހުތިޖާޖުގެ ކުރިން ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދު ބެރިކޭޑު ޖަހާ ބަންދުކޮށްފި

މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ކުޑަދޮރުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ އިންސާފުވެރި ތަހުގީގެއް ހިންގަން ގޮވާލައި ޒުވާނުން މިރޭ ވެސް އިހުތިޖާޖު ކުރާނެ ކަމަށް ބުނެފައިވަނިކޮށް ހެންވޭރުގައި ހުންނަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ހިމެނޭ ސަރަހައްދުގައި ބެރިކޭޑު ޖަހާ ބަންދުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ހާދިސާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާ ޒުވާނުން ވަނީ ރޭ ވެސް އެ ސަރަހައްދުގައި އިހުތިޖާޖުކޮށްފަ އެވެ. ރޭ 12:30 ވަނިކޮށް އިހުތިޖާޖު ނިންމާލީ މިރޭ ވެސް އެ ހަރަކާތް ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
ތަފްސީލް - މިރޭ 8 ޖަހާއިރު އިހުތިޖާޖު ފަށާނެ ކަމަށް ބުނި ނަމަވެސް މަޖީދީ މަގު އެ ސަރަހައްދު ވަނީ ދެ ކޮޅުގައި ބެރިކޭޑު ޖަހާ ނުވަދެވޭނެހެން ބަންދުކޮށްފަ އެވެ.
ރޭގެ އިހުތިޖާޖުގައި ޒުވާނުން ބުނެފައިވަނީ ޔުމްނު ވެއްޓެނު ހާދިސާގައި ފުލުހުން ދައްކާ ވަހަކަ ބުއްދިއަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެ ހާދިސާގައި ފުލުހުން ކަންތައްތަކެއް ފޮރުވާ ކަމަށް ބުނެ ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ޔުމްނުއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ނުހުއްޓާނެ ކަމަށެވެ.
ފާހަގަ ކުރެވޭ - ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވަނީ ހާދިސާގެ ކުރިން ފެންޓެނޯއީ ގޭގައި ޔުމްނު އާއި އޭނާއާ އެކު ހުރި ރައުދު އަހުމަދު ޒިލާލްގެ ހަރަކާތްތައް ފެންނަ ވީޑިއޯތައް އާންމުކޮށްފަ އެވެ.
މީގެ އިތުރުން:
ފުލުހުން މިހާރު ވަނީ ރައުދު ހައްޔަރުކޮށްފައި
އެ ހާދިސާ ހިނގުމުގެ ކުރިން އެމީހުންނާ އެކު އުޅުނު ހަތް މީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ފުރުން މަނާކޮށްފައިވޭ
އިތުރު ފަސް މީހެއްގެ ފޯނު ވެސް ވަނީ ހިފަހައްޓާފައި
އެ ހާދިސާއާ ގުޅިގެން ދެ ގެއެއް ބަލާ ފާސްކޮށްފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ