ޗައިނާއަށް ކަނޑައެޅި ޓެރިފް ކުޑަކުރަން ޓްރަމްޕް ދަނީ ވިސްނަމުން: ވައިޓްހައުސް

ޗައިނާއަށް އެމެރިކާއިން ކަނޑައެޅި ޓެރިފް ކުޑަކުރަން ޓްރަމްޕް ދަނީ ވިސްނަމުން ކަމަށާއި، ކުރިއަށް ހުރި މަޝްވަރާތަކުގައި އެގޮތަށް އެއްބަސްވާނެކަމަށް ވައިޓްހައުސްއިން ބުނެފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައި ބުނެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މިހާރު 145 އިންސައްތައިގައި ހުރި ޓެރިފް 50 އިންސައްތައާއި 65 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށްކުރުމަށް ވައިޓް ހައުސްއިން ވިސްނާ ކަމަށެވެ.“އަޅުގަނޑުމެން ޗައިނާއާއެކު އިންސާފުވެރި އެއްބަސްވުމަކަށް އާދެވޭނެ،” އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ. ނަމަވެސް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ހިމެނޭ ވަކި ކަންތައްތަކަކާ ގުޅޭގޮތުން އެމަނިކުފާނު އެއްޗެއް ވިދާޅެއް ނުވެއެވެ.ވައިޓް ހައުސްގެ ތަރުޖަމާނު ކުޝް ދެސާއީ ވިދާޅުވީ ޓެރިފްއާ ގުޅޭ އެއްވެސް ރިޕޯޓެއް ރައީސް ޓްރަމްޕްގެ ފަރާތުން ސީދާ ނާންނަހާ ހިނދަކު އެއީ “ހަމައެކަނި ލަފާކުރުމެއް” ކަމަށެވެ.ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ މައްޗަށް މިހާރު ކަނޑައަޅާފައިވާ ޓެރިފް ދަށްކުރި ކަމުގައިވިޔަސް، އެ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރުވުމަށް ހުރަސްއެޅޭ މިންވަރަށް އަދިވެސް ޓެރިފް މަތީގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
ޖަރުމަނުގެ ކަނޑު ދަތުރުފަތުރުގެ ކުންފުނި ހަޕާގް-ލޮއިޑުން ބުދަ ދުވަހު ބުނެފައިވަނީ ޗައިނާއިން އެމެރިކާއަށް ފޮނުވާ މުދަލުގެ ތެރެއިން 30 އިންސައްތަ މުދާ ފޮނުވުން ވަނީ ކެންސަލްކޮށްފައި ކަމަށެވެ.ޗައިނާއިން ވެސް ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުގެ މައްޗަށް 125 އިންސައްތައިގެ ޓެރިފެއް ކަނޑައަޅައި، އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ ޓެރިފްތފްތައް ދެމެހެއްޓެނިވި ނޫން ކަމަށް ދެ ޤައުމުން ވެސް ދެކޭ ކަމަށެވެ. ނަމަވެސް އިތުރު މަޝްވަރާތައް ފެށޭނީ ކޮން އިރަކުން ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ދެ ޤައުމުގެ އިސް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ ވިޔަފާރީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ފަރާތުން ވެސް މަސައްކަތްކުރަމުންދާ ކަމެވެ. ނަމަވެސް، ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ވަކި އެއްބަސްވުމަކަށް އަދި އާދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.މި މައްސަލައިގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ދެމެދުގައި ކުރެވޭ ވިޔަފާރިއަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާއިރު، މުޅި ދުނިޔޭގެ އިޤްތިޞާދަށް ވެސް މީގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރެއެވެ.އެހެންކަމުން، މި މައްސަލަ އަވަހަށް ޙައްލުކުރުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް އެދޭ ކަމެކެވެ. ޓެރިފް ކުޑަކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ގޮތާއި، އޭގެ ނަތީޖާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަމާލުކަން ދެމުންދާ ކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ