އަންހެނުންގެ އައިސީޓީ ތަޢުލީމަށް ހޭދަކުރުމަކީ ވިލުންތެރި ޑިޖިޓަލް މުސްތަގުބަލަކަށް ކުރެވޭ ހޭދައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައިސީޓީ) ދާއިރާއިން އަންހެނުންގެ ފަންނީ ކުރިއެރުމަށް ހޭދަކުރުމަކީ މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި އެންމެން ހިއްސާވާ ޑިޖިޓަލް ޒަމާނަކަށް ބަދަލުވާން ކުރާ ދަތުރުގައި ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ރައީސުލްނުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ "އިންޓަނޭޝަނަލް ގަރލްސް އިން އައިސީޓީ ޑޭ" ގެ މުނާސަބަތުގައި ނެރުއްވި މެސެޖުގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ޑިޖިޓަލް އީޖާދުތަކާއި އިޤުތިޞާދީ ކުރިއެރުންތައް ހާސިލުކުރުމުގައި ޒުވާން އަންހެނުންގެ މުހިންމު ދައުރު ފާހަގަކުރައްވައި، މިއަހަރުގެ ޝިޢާރުކަމުގައިވާ، "ގާލްސް އިން އައިސީޓީ ފޯ އިންކްލޫސިވް ޑިޖިޓަލް ޓްރާންސްފޯމޭޝަން" އާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި އެ ދާއިރާއިން އިސްކަންދޭ މިންވަރު ގުޅުވައިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ހުރިހާ އަންހެން ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ މަގު ތަނަވަސްކޮށްދީ، ޑިޖިޓަލް ހުނަރު ތަރައްޤީކޮށް، ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށްދެވޭނެ މާހައުލެއް ގާއިމް ކުރުމުގައި، ސަރުކާރުގެ ތަސައްވުރު ފާހަގަކުރައްވާފައިވެއެވެ. އަދި، މިރޮނގުން އަންހެންކުދިން ބާރުވެރިކުރުމަކީ ގައުމުގެ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ،
މިިރޮނގުން ޤައުމީ ފެންވަރުގައި ހާސިލުކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުލުވުމުގެ ގޮތުން، "ވުމެން އިން ޓެކްނޮލޮޖީ" ގެ ނަމުގައި ފަށާ ޤައުމީ މަޝްރޫޢެއްވެސް އިޢުލާންކުރައްވާފައެެވެ. މިމަޝްރޫޢުގެ ދަށުން އައިސީޓީ އަދި ޑިޖިޓަލައިޒޭޝަން ދާއިރާގެ އަންހެން ފަންނުވެރިންނަށް އެހީތެރިވުމުގެ އިތުރަށް، އެ ދާއިރާއިން އަންހެންކުދިންނާއި އަންހެނުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަގުޗާޓަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، ޑިޖިޓަލައިޒޭޝަނަށް ހުރި ހުރަސްތައް ނައްތާލައި ކުރިއަރަމުން އަންނަ ޑިޖިޓަލް އިޤުތިޞާދެއް އުފެއްދުމަށް ރާވާފައިވާ ފުޅާ ޕްލޭންތަކުގެ ތަފްސީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އެގޮތުން ސަރުކާރުން އިސްނަގައިގެން ހިންގާ ހަރަކާތްތަކުގެ ސަބަބުން މުޅި ޤައުމުގައި މެންޓަޝިޕް، ސްކޮލަޝިޕް، އަދި އިންޓަރންޝިޕްގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށާއި، 2026 ވަނަ އަހަރު ނިމޭއިރު އަހަރަކު މަދުވެގެން 100 އަންހެނުން ޑިޖިޓަލް ހުނަރާއި އިޖާދީ ޓެކްނޮލޮޖީތަކަށް ތަމްރީނު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
އަދި ރާއްޖޭގެ އައިސީޓީ ދާއިރާގައި އަންހެން ފަންނާނުންގެ މަސައްކަތް ފާހަގަކުރައްވައި، ޤައުމު ތަރައްޤީކުރުމާއި، ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވެ، އަންނަން އޮތް ޖީލުތައް ބައްޓަންކުރުމަށް ހިތްވަރު ދެއްވިއެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކުންޓުގައިވެސް، މެސެޖެއް ހިއްސާކުރައްވާފައެވެ.
"އިންޓަނޭޝަނަލް ގަރލްސް އިން އައިސީޓީ ޑޭ" އަކީ ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ ހަތަރުވަނަ ބުރާސްފަތިދުވަހު ފާހަގަކުރާ ދުވަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ