ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ދީފި އެވެ.
ވީ ކިހިނެއް؟ - މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމަށް އަސަރުކޮށް، މި ދުވަސްވަރު ހިންގަން ދަތިވެފައިވާ ރިސޯޓުތަކަށް ބީއެމްއެލްއިން ފެސިލިޓީއެއް ހަމަޖައްސައިދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - މިނިސްޓަރުގެ އެ ވާހަކަތަކާ ގުޅިގެން ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި އެ ބޭންކުން ބުނީ ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މި ސިނާއަތުގެ މުހިންމު ބައިވެރިންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި ގެސްޓްހައުސް ހިންގާ ފަރާތްތަކާ އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާ އެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދާކަން ބީއެމްއެލްއިން ފާހަގަކުރި އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާ އެކު ސާބިތުވެ ތިބުމަށް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާ އެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ އަދި މިހާރުގެ ހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދީ، މާލީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދޭ."
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ކުރިއަށް އޮތް ތަނުގައި ވެސް ހާލަތު ބަދަލުވަމުން އަންނަ ގޮތް ގާތުން ބަލަމުންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، މި ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށްދެމުންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދޭނަން: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ