ރިކޯލް ވޯޓާ ގުޅޭ ގޮތުން ޔާމީން: ''ކުކުޅު ކޮށްޓަށް ލުމަށް ފަހު'' މިހާރު އެ ވާހަކަ ދައްކަވަނީ ވޯޓް ހޯއްދަވަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވިދާޅުވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ހޯއްދަވަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. 'ސަންގު ޓީވީ'ން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ނަތީޖާ ދަށްވެއްޖެނަމަ، ނުވަތަ ގާނޫނީގޮތުން އެ ބަޔަކަށް މަސައްކަތް ނުކުރެވޭކަން ރައްޔިތުންނަށް ފެންނަނަމަ، އެ މެންބަރަކު ނުވަތަ ކައުންސިލަރަކު މަގާމުން ދުރުކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ. ނަމަވެސް އެކަން ތަންފީޒު ކުރާނެ ތާރީޚެއް އެ މަނިކުފާނު ނުދެއްވައެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ. އެ އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު، ޔާމީންގެ ޕީއެންއެފުން ރޭ ވަނީ އެ ޕާޓީން ތާއިދުކޮށްފައިވާ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދާ ސުވާލުކުރުމަށް ޖަލްސާއެއް ބާއްވައިފައެވެ. https://sun.mv/219805 އެ ޖަލްސާގައި ޔާމީން ކުރެއްވި ސުވާލެއްގެ ތެރެއިން ވަނީ، މާލޭ ސިޓީ ކައުންސިލްގައި ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާތައް ނުބޭއްވޭ މައްސަލައަށް އިޝާރާތް ކުރައްވައިފައެވެ. އެއީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކާއި ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލެއް ކަމަށްވާއިރު، ކޯރަމް ހަމަނުވާތީ ބައެއް މައްސަލަތައް ނުބެލޭކަން ޔާމީން ފާހަގަކުރެއްވިއެވެ. އެފަދަ ހާލަތްތަކުގައި، ކައުންސިލަރުން ހާޒިރުނުވުމުން ވެސް ރައްޔިތުންނަށް ޖަވާބުދާރީން ވާން ހުންނަ މީހަކީ މޭޔަރު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއާއެކު ޔާމީން ވަނީ، މަޖިލިސް މެންބަރުންނާއި ކައުންސިލަރުން މަގާމުން ވަކިކުރެވޭނެ ނިޒާމު ތައާރަފު ކުރުމުގެ ވާހަކަ ރައީސް ދައްކަވައިފައިވާކަން ފާހަގަކުރައްވައިފައެވެ. "އަޅުގަނޑު ހަމަ ހައިރާންވޭ އިނގޭތޯ، މި އޮތް ހާ ދުވަހު ކުކުޅު ކޮށީގައި ގެންގުޅުނު މީހުން މިހާރު މި ވިދާޅުވަނީ ލޯކަލް ކައުންސިލް އިންތިޚާބާ ކައިރިވީމަ ރައްޔިތުންގެ ޕޮޕިއުލިސްޓް ތާއިދު ހޯދުމަށް ޓަކައި މި ވިދާޅުވަނީ، މި މީހުންނަކީ ރިކޯލް ވޯޓަށް ދާން ޖެހޭ ބަޔެކޭ. މިކަހަލަ ވިޔާނުދާ ވާހަކައެއް މި ދައްކަވަނީ،" ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކައުންސިލަރުންގެ މައްސަލަތައް ތަކުރާރު ވާނަމަ އަމަލުކުރާނެ ގޮތްތައް ހިމަނަން ގާނޫނު އިސްލާހު ކުރަން ޖެހެއެވެ. އަދި ޒަރިޔަންދަށް މޭޔަރުކަން ލިބިއްޖެ ނަމަ، އެފަދަ ބަދަލެއް ގެންނަން މަސައްކަތް ކުރާނެތޯ އެ މަނިކުފާނު ސުވާލު ކުރެއްވިއެވެ. ޔާމީނާއި ރައީސް ޑރ. މުޢިއްޒު: ޔާމީން ވަނީ، ރިކޯލް ވޯޓުގެ ވާހަކަ މިހާރު ރައީސް ދައްކަވަނީ ވޯޓު ހޯއްދަވަން ކަމަށް ތުހުމަތު ކުރައްވައިފައި -- ސަން ފޮޓޯ/ މުހައްމަދު މާހިލް ޒަރިޔަންދުގެ ޖަވާބުގައި ވަނީ މާލޭ ސިޓީ ކައުންސިލަށް ކައުންސިލަރުން ހާޒިރުނުވެ، ކޯރަމް ގެއްލުވާލަނީ ރާވައިގެން ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ލާމަރުކަޒީ ނިޒާމުގެ އިޖުރާއީ ގަވައިދުގައި މިހާރު ވެސް، ކައުންސިލަރުން ހާޒިރުނުވާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ދެ ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ ނަސޭހަތް ދިނުމާއި، ތިން ވަނަ ފަހަރު ހާޒިރު ނުވި ނަމަ އިންޒާރު ދީ، އެއަށްފަހު މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހެޅުން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވެސް ވަނީ، މަގްބޫލު އުޒުރެއްނެތި ވިދިވިދިގެން ހަތް ޖަލްސާއަށް ކައުންސިލަރުން ހާޒިރުނުވާ ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައެވެ. ފާއިތުވި މަސްތަކުގައި، މާލޭ ސިޓީ ކައުންސިލްގެ ކޯރަމް ހަމަނުވުމުން، މުހިންމު މައްސަލަތަކެއް ނުބެލި ލަސްވެފައިވެއެވެ. އެގޮތުން، މާލޭގެ އަގު ބޮޑު ބިންތައް ސިޓީ ކައުންސިލުން ކުއްޔަށް ދީފައިހުރި ގޮތާ ގުޅޭ މައްސަލަ ފެށުމާ އެކު، ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ޖަލްސާތަކުގެ ކޯރަމް އެއް މަސް ވަންދެން ގެއްލުވާލައިފައެވެ. އޭގެ ކުރިން، މާލޭގެ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިއުމެއްނެތި ދެވަނަ ފަހަރަށް ބޮޑު އަގުގައި ހަވާލުކުރި މައްސަލައެއް ތިން ޖަލްސާއަކަށް އެޖެންޑާކުރި ނަމަވެސް، ކޯރަމް ހަމަނުވެގެން އެ ބައްދަލުވުންތައް ބޭއްވިފައެއް ނުވެއެވެ. https://sun.mv/218466 މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ ޖަލްސާތަކަށް ގަވައިދުން ހާޒިރު ނުވާތީ، މާލޭގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝަށް ލިޔުމުން ނަސޭހަތް ވެސް ދީފައިވެއެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ސޮއިކުރައްވައި އަރީޝަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މަގުބޫލު އުޒުރެއް ނެތި އެ ކައުންސިލްގެ އަށް ޖަލްސާއަކަށް އަރީޝް ވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެކަން ތަކުރާރުނުކުރުމަށް އެދި ވަނީ ނަސޭހަތްތެރިވެފައެވެ. ހަމައެއާއެކު އެކަން ތަކުރާރުކޮށްފިނަމަ އިތުރު އިންޒާރަކާ ނުލައި، ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އާޒިމް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ