ކޮންމެ މީހަކީވެސް ބަތަލެއް: އަސްލު ކާމިޔާބީ އޮތީ ތިބާގެ އަތްމަތީގައި

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް "ހީރޯ" އޭ ބުނުމުން ސިފަވަނީ ފިލްމީ ތަރިން، ހަނގުރާމަ ކޮށްގެން ކާމިޔާބު ހޯދާ މީހުން، ރަނގަޅު ކަމެއް ކޮށްގެން އެވޯޑް ލިބޭ މީހުން ނުވަތަ ބޮޑެތި މަހުޖަނުންނެވެ. ނޫނީ މުޅި ދުނިޔެ ދަންނަ މަޝްހޫރު ޝަހުސިއްޔަތުތަކެވެ. އެކަމަކު އަސްލު ހަގީގަތަކީ، ކޮންމެ މީހަކީވެސް އެމީހެއްގެ ދިރިއުޅުމުގައި ހިތްވަރުގަދަ ބަތަލެކެވެ. ރޮބިން ޝަރްމާ އޭނާގެ ފޮތް “އެވްރީޑޭ ހީރޯ މެނިފެސްޓޯ” ގައި ބުނެދީފައިވާ ފަދައިން، ބަތަލަކަށް ވުމަކީ ބޭންކް އެކައުންޓުގައި ހުންނަ ފައިސާއަކުން ނުވަތަ މީހުންގެ މެދުގައި އޮންނަ މަގުބޫލުކަމަކުން މިންކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުން ފެންނަ ބައެއް މިސާލުތަކަށް ބަލާލަމާ ހިނގާށެވެ: 1.⁠ ⁠ކުދިކުދި ކަންތައްތަކުން ބޮޑެތި ބަދަލު ކޮންމެހެން އެންމެ ދުވަހަކުން މުޅި ދުނިޔެ ބަދަލުކޮށްލާކަށް ނުޖެހެއެވެ. އަސްލު ހީރޯއަކީ ކޮންމެ ދުވަހަކުވެސް ތިމާ ކުރާ މަސައްކަތް އިއްޔެއަށްވުރެ ކުޑަކޮށް ނަމަވެސް ރަނގަޅުކޮށްލާ މީހާއެވެ. މިސާލަކަށް: އޮފީހުގައި މަސައްކަތްކުރާ މީހަކު، ކޮންމެ ދުވަހަކުވެސް އޭނާގެ މޭޒުމަތި ތަރުތީބުކޮށްލައި، ހިނިތުންވުމާއެކު ކަސްޓަމަރުންނާ ބައްދަލުކުރުމަކީވެސް ހިތްވަރުގަދަ ކަމެކެވެ. މިއީ އެހެން މީހުންނަށް ދެވޭ ނަމޫނާއެކެވެ. 2.⁠ ⁠ފެންވަރު ހިފެހެއްޓުން ތިމާ ކުރާ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރުމަކީ ބަތަލުންގެ ސިފައެކެވެ. މަސައްކަތުގެ ބާވަތުން އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ވިޔަސް، އެކަމެއް ކުރަންވާނީ ފަރުވާތެރިކަމާއެކުގައެވެ. މިސާލަކަށް: ގޭގައި ކައްކާ މީހަކު، އެހެން މީހުންނަށް ކާންދިނުމަށްޓަކައި ލޯތްބާއި ފަރުވާތެރިކަމާއެކު ކެއްކުމަކީ ހީރޯއެއްގެ މަސައްކަތެވެ. އެއީ ހަމައެކަނި ކެއުމެއް ތައްޔާރުކުރުމެއް ނޫނެވެ. އެއީ އާއިލާއަށް ދެވޭ އަޅާލުމެކެވެ. 3.⁠ ⁠ހާލަތުގެ އަޅަކަށް ނުވުން ދިރިއުޅުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިވާނެއެވެ. ބައެއް މީހުން އެ ހާލަތާ މެދު ޝަކުވާކޮށް، މާޔޫސްވެ ތިބެއެވެ. ނަމަވެސް، އަސްލު ބަތަލަކީ އެ ހާލަތުން އަރައިގަންނަން މަސައްކަތްކުރާ މީހާއެވެ. މިސާލަކަށް: ވަޒީފާއެއް ނެތިގެން ނުވަތަ ވިޔަފާރިއެއް ގެއްލުންވެގެން މާޔޫސްވުމުގެ ބަދަލުގައި، އަލުން ފަށައިގަންނަން ހިތްވަރު ކުރާ މީހާއަކީ ބަތަލެކެވެ. "މަށަށް މިހެންވީ ކީއްވެ؟" ކިޔައި ޝަކުވާ ކުރުމުގެ ބަދަލުގައި، "މިކަމުން އަހަރެން ދަސްކުރާނީ ކޮން އެއްޗެއް؟" ކިޔައި ކުރިއަށްދާ މީހާއެވެ. 4.⁠ ⁠އެހެން މީހުންނަށް އުފާވެރިކަން ގެނެސްދިނުން ބަތަލުންނަކީ ހަމައެކަނި އަމިއްލަ ނަފްސަށް އުޅޭ ބައެއް ނޫނެވެ. އެމީހުންގެ ސަބަބުން އެހެން މީހުންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދެއެވެ. މިސާލަކަށް: މަގުމަތިން ދާއިރު ދަންނަ މީހަކަށް ހިނިތުންވެލުން، ނުވަތަ ދަތި ހާލުގައި ހުރި މީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ބޮޑު ކާމިޔާބީއެކެވެ. ކޮންމެ މީހަކަށްވެސް ހީރޯއަކަށް ވެވިދާނެއެވެ. އެކަމަށްޓަކައި މާ ބޮޑު ތާޖެއް ނުވަތަ މަގާމެއް ބޭނުމެއް ނުވެއެވެ. އެވޯޑެއްވެސް ނަމެއް ވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި ތިމާ ކުރާ ކޮންމެ ކަމަކީ އަގުހުރި ކަމެއްގެ ގޮތުގައި ދެކިގެން، އިހުލާސްތެރިކަމާއެކު ކުރިއަށް ދިއުމެވެ. ‎ތިބާގެ އެތެރޭގައިވާ އެ ބަތަލު މިއަދު ބޭރަށް ނެރޭށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ