ޑރ. ޞަލާޙުލް ބުދައިރުގެ ޚާއްސަ ދަރުސް: ކުރެއްވީ މުހިއްމު 12 ވަޞިއްޔަތެއް!
ރާއްޖެ ވަޑައިގަތް ދެއްވި ފުރަތަމަ ދަރުސްގައި މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު މުހިންމު 12 ވަޞިއްޔަތެއް ކުރައްވައިފިއެވެ. އިސްލާމީ މަރުކަޒުގައި ބުރާސްފަތި ދުވަހުގެ ޢިޝާ ނަމާދަށްފަހު މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު ވަނީ އިސްލާމީ މަރުކަޒުގައި ދަރުހެއް ދެއްވާފައެވެ. މި ދަރުހުގައި އެ މަނިކުފާނު މުހިންމު 12 ވަޞިއްޔަތެއް ކުރެއްވިއެވެ. އެ ގޮތުން ކުރެއްވި ފުރަތަމަ ވަޞިއްޔަތަކީ އިސްލާމީ ޝަރީޢަތުގެ އަސާސްތަކާއި އިސްލާމީ ޢަޤީދާއާއި ޝަރީޢަތާއި އަޚުލާޤާއި އަދަބާއި ސުލޫކުގައި ހިފަހެއްޓުމެވެ. ޑރ. ޞަލާޙުލްބުދައިރު ވިދާޅުވީ އިންސާނާއަށް ބާއްޖަވެރިކަން އޮތީ މިކަންކަމުގައި ހިފަހައްޓައިގެން ކަމަށެވެ. އަދި އިންސާނާ ކަންބޮޑުވާންވާނީ ސުވަރުގެ ނުލިބިދާނެތީ ކަމަށާއި ދުނިޔޭގެ އެދުންތަކާ މެދުގައި ނޫން ކަމަށެވެ. އަދި ދުނިޔޭގެ ތަނަވަސްކަމާއި މުއްސަނދިކަމާ މެދު ކަންބޮޑުވާނަމަ، އެ މީހެއްގެ ކިބައިން ފުދުންތެރިކަމާއި މުއްސަނދިކަން ނެތިކުރައްވަފާނެކަމަށް އިމާމު ވިދާޅުވިއެވެ. އެހެނަސް އާޚިރަތާ މެދު ކަންބޮޑުވާނަމަ އެ މީހަކަށް ދުނިޔޭގައި ފުދުންތެރިކަމާއި ތަނަވަސްކަން މާތް ﷲ މިންވަރުކޮށްދެއްވާނެކަމަށް އިމާމް ވިދާޅުވިއެވެ. "ދުނިޔޭގެ އެދުންތަކަކީ އެންމެ ބޮޑު ބަލި. އެކަމަށް އޮތް ފަރުވާއަކީ އެދުންތަކަށް ދެކޮޅު ހެދުން. ހިތްތަކަށް ހަމެޖުހުމާއި އާރޯކަން ލިބޭނީ މާތް ﷲއަށް ތަޤުވާވެރިވެ، ކިޔަމަންތެރިވެގެން. ރިވެތި އަޚުލާޤާއި ސުލޫކު ހިފަހައްޓައި، މީހުންނަށް ހެޔޮކޮށް ހިތައިގެން," ޑރ. ޞަލާޙުލްބުދައިރު ވިދާޅުވިއެވެ. ޑރ. ޞަލާޙުލްބުދައިރު ދެވަނަ އަށްކުރެއްވި ވަޞިއްޔަތަކީ ޤަޟާޤަދަރަށް އިމާންވުމެވެ. ޤަޟާޤަދަރަށް އީމާންވުމުން މުސީބާތްތައް ލުއިވާނެކަމަށް އިމާމް ވިދާޅުވިއެވެ. އަދި އެހެން މީހުން އިޙްސާސްކުރާ ތުރާތައް ޤަޟާޤަދަރަށް އިމާންވާނަމަ، ލުއިވާނެކަމަށްވެސް އިމާމް ވިދާޅުވިއެވެ. ތިންވަނައަށް ޑރ. ޞަލާޙުލްބުދައިރު ކުރެއްވި ވަޞިއްޔަތަކީ ނަމާދަށް ރައްކާތެރިވުމެވެ. މިކަމާ ގުޅޭގޮތުން ޑރ. ޞަލާޙުލްބުދައިރު ވިދާޅުވީ ނަމާދަކީ އިންސާނާއަކީ މުސްލިމެއްކަން ނުވަތަ މުއުމިނެއްކަން އަންގައިދޭ އަލާމާތެއް ކަމަށެވެ. އަދި ނަމާދަށް ރައްކާތެރިވުމަކީ އެންމެ މުހިންމު ވާޖިބުކަމަށާއި ފަރުޟު ފަސް ނަމާދު ވަގުތުގައި ކަންނެތްކަމެއް ނެތި، އިޚުލާސްތެރިކަމާއެކު އަދާކުރުން ވަރަށް މުހިންމުކަމަށް އިމާމް ވިދާޅުވިއެވެ. "ޣާފިލުވެ ތިބެ ނަމާދުކުރާ މީހުންނަށް ހަލާކު ހުރިކަން ބަޔާންކޮށް މާތްﷲ ވަހީކުރައްވާފައިވޭ. ހަނދާންނެތިގެން ނަމާދު ދޫކޮށްލެވިއްޖެނަމަ ހަމައެކަނި އޭގެ ކައްފާރައަކީ ހަނދާން ވުމުން ނަމާދުކުރުން،" އިމާމް ވިދާޅުވިއެވެ. މީގެ އިތުރުންވެސް މުހިންމު ވަޞިއްޔަތްތަކެއް ޑރ. ޞަލާޙުލްބުދައިރު ކުރެއްވިއެވެ. އޭގެތެރޭގައި ދޭދޭ ފަރުދުންގެ މެދުގައި ސުލްޙަވެރިކަން ދެމެހެއްޓުމާއި ޢިލްމު ފެތުރުމާއި މާތް ﷲގެ މަތިން ހަނދުމަކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވުމަށް އިމާމް އިލްތިމާސްކުރެއްވިއެވެ. އަދި ރިވެތި އަޚުލާޤު ޚިޔާރުކުރުމާއި ހަސަދަވެރިކަމާ ދުރުވުމުގެ އިތުރުން ދޫ ރައްކާތެރިކުރުމާއެކު ރިވެތި ބަހުން މުޚާތަބުކޮށް، ކުށްތައް ވަންހަނާ ކުރުމަށް ވެސް މަސްޖިދުލް ނަބަވީގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ވަޞިއްޔަތްކުރެއްވިއެވެ. ހަމައެއާއެކު މީހުންނަށް ހުތުރު އެއްޗެހި ގޮވުމުން ދުރުހެލިވުމަށާއި އޯގާވެރިކަމަށް ހިތްވަރުދިނުމާއެކު ބާރު އެޅުމުގެ އިތުރުން އުރެދުމުގެ އަހުލުވެރީންނާ ދުރުވުމަށް ވެސް އިމާމް ވަޞިއްޔަތްކުރެއްވިއެވެ. އެންމެ ފަހު ވަޞިއްޔަތެއްގެ ގޮތުގައި ކުރެއްވީ ހެޔޮލަފާ މީހުންނާ އެކު އުޅުމެވެ. ހެޔޮލަފާ މީހުންނާ އެކު އުޅުމަކީ ހެޔޮލަފާކަން ދަސްވެ، ރަނގަޅު އާދަތައް ދަސްވާ ކަމެއްކަމަށް ޑރ. ޞަލާޙުލްބުދައިރު ވިދާޅުވިއެވެ. މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރުގެ ދެއްވި ޚާއްޞަ ދަރުހުގެ ދިވެހި ތަރުޖަމާ އިއްވަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ