ފަނޑިޔާރުންގެ މައްސަލަތައް ދިރާސާ ކުރަމުންދަނިކޮށް ޖުޑީޝަރީ ކޮމިޓީއަށް ބަދަލު ގެނެސްފި ފަނޑިޔާރުންގެ މައްސަލަތައް ދިރާސާ ކުރަމުންދަނިކޮށް ޖުޑީޝަރީ ކޮމިޓީއަށް ބަދަލު ގެނެސްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ދިރާސާ ކުރަމުން ދަނިކޮށް، އެ ކޮމިޓީއަށް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބަދަލެއް ގެނެސްފި އެވެ.
ޖުޑިޝަރީ ކޮމިޓީގައި ކުރިން ހިމެނިވަޑައިގަންނަވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެ ކޮމިޓީއިން ވަނީ ވަކިކޮށްފަ އެވެ. އޭގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
ކޮމިޓީއަށް ބަދަލު ގެނައިކަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނު ކުރައްވައިފަ އެވެ. ބަދަލު ގެނައި ސަބަބު ހާމައެއް ނުކުރައްވަ އެވެ.
ޖުޑިޝަރީ ކޮމިޓީގައި ހިމެނޭ 11 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނަކީ ޕީއެންސީގެ މެންބަރުންނެވެ. ދެން ތިބެނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދެ މެންބަރުންނެވެ. އެއީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގެއް ހިންގި ކަމަށް ބުނެ ވަކި ކުރަން ނިންމާފައި ވަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމާއެކު، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ އެކަަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ގާނޫނީ މާހިރުން ހިމެނެ އެވެ. އަދި އދ. ގެ ކަމާ ބެހޭ އެކްސްޕާޓު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އދ. އިން ވަނީ ރައީސް އޮފީހަށް ސިޓީއެއް ވެސް ފޯރުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ