ކުއްލި އޮޕަރޭޝަންގައި ގެއަކަށް ފުލުހުން ވަދެ ފާސްކުރަނީ

މިރޭ ސިފައިންނާއި ފުލުހުން ގުޅިގެން ފެށި ގައުމީ ސަލާމަތާ ބެހޭ ހާއްސަ އޮޕަރޭޝަންގައި ހެންވޭރުކޮޅު ގެޔަކަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި އޮޕަރޭޝަން ފެށިކަން ފުލުުހުން އިއުލާންކޮށް ސޯޝަލް މީޑިއާގައި ނެރުނު މެސެޖް، އިތުރަށް ބައެއް ކަންކަން ސާފުކުރަން ކަމަށް ބުނެ ވަރަށް އަވަހަށް ފޮހެލި އެވެ. އެކަމަކު އޮޕަރޭޝަން ހުއްޓާލި ކަމަކަށް ބުނެފައެއް ނުވެ އެވެ.
ތަފްސީލް - ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއަށް ވަން ފުލުހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެގޭގެ ބިއްލޫރި ކުޑަދޮރަކުން އެެތެރެ ފެންނަ ބައެއް ފޮޓޯތައް 'ދައުރު'ގެ ރިޕޯޓަރު ނެގި އެވެ. ބައެއް ފޮޓޯތަކުން ފެންނަނީ ކަޅު ހެދުމެއްގައި މޫނު ނިވާކޮށް ހުރި އަންހެނަކު ފުލުހަކާ އަތުން މުއާމަލާތްކުރާ ތަނެވެ.
އެކަމަކު މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެގެއިން ނެރެފައެއް ނުވެ އެވެ.
މި ނޫނަސް މާލޭގެ އެހެން ގެޔަކާއި ހުޅުމާލޭގައި ވެސް މި އޮޕަރޭޝަން ކުރިއަށް ދާކަމަށް ވެ އެވެ. 
ފުލުހުން ބުނެފައި ވަނީ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ތިލަވަމުން އަންނަ ވަރަކުން ހިއްސާކުރާނެ ކަމަށެވެ.
މިހާރު މި އޮޕަރޭޝަން ކުރިއަށްދާ ގޮތަށް ބަލާއިރު ބޮޑަށް ބެލެވެނީ ޓެރަރިޒަމްއާ ގުޅުން ހުރި ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ