ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހޯމަ ދުވަހު ސައުދީ އަރަބިޔާއަށް ވަޑައިގެންފި އެވެ. މި ދެބޭފުޅުން ވަކިވަކިން ސައޫދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާނާ ޖިއްދާގައި ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތައް ބޭއްވުނީ ޖިއްދާގައި ފެށުމަށް ހަމަޖެހިފައިވާ ޔޫކްރެއިން ހަނގުރާމަ ނިންމުމާއި ގުޅޭ މަޝްވަރާތަކުގެ ކުރިންނެވެ.
ސައުދީ އަރަބިޔާއިން ވަނީ 2022 ވަނަ އަހަރު ރަޝިއާއިން ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރި ފަހުން އެކި ކަންކަމުގައި މެދުވެރިއެއްގެ ދައޮރު އަދާކޮށްދީފައިވެ އެވެ. މީގެ ތެރޭގައި ހަނގުރާމާގައި ހައްޔަރުކުރެވުނު މީހުން ބަދަލުކުރުމުގެ މަސައްކަތާއި، ފާއިތުވި މަހު ރަޝިއާ އާއި އެމެރިކާއާ ދެމެދު ބޭއްވުނު މަޝްވަރާތައް ވެސް ހިމެނެ އެވެ.
ޔޫކްރެއިންއާއި އެމެރިކާގެ އިސްވެރިން ޖިއްދާގައި ތިން ދުވަހުގެ މަޝްވަރާތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ޒެލެންސްކީ މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބެލެވެ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ރިޔާޒުގައި ކްރައުން ޕްރިންސް މުޙައްމަދާ ބައްދަލުކުރައްވާނެ އެވެ.
"އަހަރެން ނުދެކެން އޭނާ އަހަރެމެންގެ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަކަށް،" މާކޯ ރޫބިއޯ ވިދާޅުވި އެވެ. "އަހަރެމެންގެ ބައްދަލުވުންތައް ހުންނާނީ ޑެލިގޭޝަނާ އެކުގައެވެ."
އެމެރިކާގެ މެދުއިރުމަތީގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޮފް ވިދާޅުވެފައިވަނީ އަންގާރަ ދުވަހު ފެށޭ މި މަޝްވަރާތަކުގައި "ހަނގުރާމަ ހުއްޓުވުމަށްޓަކައި އެއްބަސްވުމެއްގެ އޮނިގަނޑެއް އަދި ފުރަތަމަ ހިންގާނެ ސީސްފަޔާ" ހަމަޖެއްސުމަށް އެމެރިކާ ސަރުކާރުން ބޭނުންވާ ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނިގޮތުގައި ރޫބިއޯ މި ބައްދަލުވުންތަކުގައި ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާގޮތް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރައްވާނެ އެވެ.
"މި ބައްދަލުވުމުގެ މުހިންމު ނުކުތާއަކީ އެމީހުންގެ ނިޔަތާއި އެދުން ސާފުކޮށް ހާމަކުރުން،" ރޫބިއޯ ވިދާޅުވިއެވެ. "އޭގެ ފަހުން އަހަރެމެން އެބަޖެހޭ ކަނޑައަޅަން އެމީހުން ރަޝިއާގެ ޕޮޒިޝަންއާ ކިހާ ދުރުގައިތޯ، އެއީ އަހަރެމެންނަށް ވެސް އަދި ނޭނގޭ ކަމެއް. ދެން އެއަށްފަހު ދެފަރާތުން ހަގީގަތުގައި އެދޭ ގޮތް އެނގޭނެ، އަދި އޭގެ ސަބަބުން އެނގޭނީ ދެ ފަރާތުގެ ދެމެދު އޮތް ފަރަގު ކިހާ ބޮޑުތޯ، އަދި އެކަން ހައްލުކުރަން ކިހާ އުނދަގޫވާނެކަން."
ރޫބިއޯ ވިދާޅުވިގޮތުގައި ދެފަރާތުން ވެސް އެއްބަސްވުމަކަށް ޖާގަ ދޭންޖެހޭނެ އެވެ. "ރަޝިއާއަކަށް މުޅި ޔުކްރެއިންއެއް ފަތަހައެއް ނުކުރެވޭނެ، އަދި ޔުކްރެއިންއަށް ވެސް ހަމަގައިމުވެސް ވަރަށް އުނދަގޫވާނެ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަޝިއާ 2014 ގައި ހުރި ހިސާބަށް އަނބުރާ ފޮނުވާލަން. އެހެންވީމާ މި ހަނގުރާމައިގެ ހައްލަކީ ޑިޕްލޮމަސީއާއި، މިކަމާމެދު މަޝްވަރާއަކަށް އެއް މޭޒަކަށް އެމީހުން ގެނައުން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔޫކްރެއިންގެ ޑެލިގޭޝަނާއެކު "އެދެވޭ ގޮތެއްގައި މުއާމަލާތްކުރެވޭނެ" ކަމަށް އުންމީދުކުރައްވާކަމަށެވެ.
މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބެލެވެނީ ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒާއި، ޒެލެންސްކީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި، ފޮރިން އަދި ޑިފެންސް މިނިސްޓަރުންނެވެ.
ވޮޝިންގްޓަނުން، ކުރިން ހަނގުރާމައިގައި ޔުކްރެއިންގެ މައިގަނޑު ސަޕޯޓަރެއްގެ ގޮތުގައި ހުރި ނަމަވެސް، ހަނގުރާމަ އަވަހަށް ނިންމުމުގެ ގޮތުން ކުރިން ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ. މީގެ ތެރޭގައި ރަޝިއާއާ ސީދާ މުއާމަލާތްކުރަން ފެށުމާއި ޔޫކްރެއިންއަށް ދެމުންއައި މިލިޓަރީ އެހީއާއި އިންޓެލިޖެންސް ހިއްސާކުރުން ހުއްޓާލުން ހިމެނެ އެވެ.
ސައުދީ އަރަބިޔާގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބަލައިލާނެކަމަށް ބެލެވެނީ އެމެރިކާއާއި ޔޫކްރެއިނާ ދެމެދު މައުދަނާއި ބެހޭ އެއްބަސްވުމެއް ނިންމޭނެ ގޮތްތަކަށެވެ. މިއީ ފާއިތުވި މަހު ޒެލެންސްކީއާއި ޓްރަމްޕާ ދެމެދު ހިނގި ޚިޔާލު ތަފާތުވުމަށްފަހު ދެފަރާތުގެ މެދުގައި ބޭއްވޭ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.
ޓްރަމްޕްގެ ފަރާތުން ބޮޑު ޕްރެޝަރެއް ކުރިމަތިވުމާއެކު، ޒެލެންސްކީ ވަނީ އެދެފަރާތް ޚިޔާލު އެއްގޮތްވާކަން ދައްކަން މަސައްކަތްކުރައްވާފަ އެވެ. ނަމަވެސް އެމެރިކާއިން ސެކިއުރިޓީ ގެރެންޓީތަކެއް ލިބިވަޑައިނުގަންނަވާކަން ފާހަގަކުރެވެ އެވެ. ޔޫކްރެއިންގެ ފަރާތުން ބުނެފައިވަނީ މިއީ ސުލްހަވެރި އެއްބަސްވުމަކަށް ވާސިލުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ޒެލެންސްކީއާއި ރޫބިއޯ ސައުދީއަށް؛ ޔޫކްރެއިން ހަނގުރާމަ ނިންމުމަށް މަޝްވަރާތައް ޖިއްދާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ