ރުއް އިންދުން ގައުމީ ފެންވަރެއްގައި ކުރެއްވީ ރައީސް މައުމޫން އެވެ. އޭގެފަހުން ގައުމީ ގަހާމެދު އަޅާލުން ކުޑަވި އެވެ. މިހާރު މިވަނީ އެއް މިލިއަން ރުއް އިންދުމުގެ ގައުމީ ކެމްޕޭނެއް ފަށަން މަޖުބޫރުވާ ހާލަތުގަ އެވެ.
ދިވެހި ރުކަކީ ރާއްޖޭގެ ގައުމީ ގަހެވެ. އަދި ދިވެހި ރުކުގެ ކާއްޓަކީ ދިވެހިންގެ ކެއުމުގެ މައިގަނޑު އެއް ބައެވެ. ތާރީހު ފޮތްތަކުން އެނގޭ ގޮތުގައި އެއް ޒަމާނެއްގައި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދުނިޔޭގައި ފައި ހަމަކޮށްގެން އޮތުމުގައި ވެސް ރާއްޖޭގެ ކޮންމެ ރަށެއްގެ މަލަމަތިން ފެންނަ ދިވެހި ރުކުގެ މޭވާ ކަމަށްވާ ކާށި މުހިންމު ދައުރެއް އަދާކުރި އެވެ. އެކަމަކު މީގެ ހައެއްކަ އަހަރު ކުރިން ފެށިގެން ފެންނަން ފެށި ހަގީގަތަކީ ރާއްޖެ އަށް ބޭނުންވާ ވަރަށް ކާށި ލިބުން ދަތިތަކެއް ކުރިމަތިވާން ފެށިތަނެވެ. އާއްމުން އެންމެ ގިނައިން ކާށި ބޭނުން ހިފާ ރޯދަ މަހާ ދިމާކޮށް ކާށީގެ އަގުތައް ރަނަށް ވާން ފެށި އެވެ. ދެން ފެންނަން ފެށީ އާއްމުންގެ ބޭނުންތަކަށް ކާށި އެތެރެކުރަން ސަރުކާރަށް މަޖުބޫރިވި ތަނެވެ. ތަފާސް ހިސާބު ތަކެއް ހާވާލާއިރު ފެންނާން އޮތް ހަގީތަތަކީ 2018 އިން 2022 ވަނަ އަހަރުގެ ނިޔަލަށް އެކަނި 15.8 ޓަނުގެ ކާށި ރާއްޖެއަށް އެތެރެކޮށްފައިވުމެވެ. މި އަދަދު 2023 ވަނަ އަހަރުގެ ރޯދަ މަހާ ދިމާކޮށް 240 ޓަނަށް އިތުރު ވެގެން ދިއުމާއެކު ރާއްޖެ ރަސްމީކޮށް ކައްޓަން ޖެހުނުކަމަށް "ޑިކްލެއާ" ކުރި އެވެ.
ރާއްޖެ އަށް ކާށި އެތެރެ ކުރަން މަޖުބޫރު ހާލަތަށް ކަންކަން ގޯސްވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ ރާއްޖެ އަށް ބޭނުންވާ ވަރަށް ކާށި އެޅޭނެ ރުށް ނެތީ ހެއްޔެވެ؟ ނޫނީ ރުށް ހުއްޓަސް ކާށި އަޅާނެ އަތެއް ނެތީ ހެއްޔެވެ؟ ރުކަށް އަރާނެ މީހުން ނުވަނީ ހެއްޔެވެ؟ ވެގެން މި އުޅެނީ ކޮން ގޮތެއް ހެއްޔެވެ؟
ރާއްޖޭގައި ގައުމީ ފެންވަރެއްގައި ދިވެހި ރުށް އިންދުމުގެ ސަގާފަތެއް އޮތީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެކަންޏެވެ. މިކަމުގެ އެންމެ މަޝްހޫރު ހަގީގަތަކީ ލ. ބަރެންސޫ އާއި ލ، މާންދޫން ފެންނަ ރީތި ރުއް ދަނޑުތަކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ބާރުގަދަ ވަޒީރު އިލްޔާސް އިބްރާހިމް އެސްޓީއޯ ހިންގެވުމާ ހަވާލުވެ ހުންނެވިއިރު ލާމުގައި ތަރުތީބުން ރުށް އިންދެވި އެވެ. ރޯނު މަހައިގެން އިންދި މި ރުށްތަކަކީ މިހާރު ފެންނަ ރާއްޖޭގެ އެންމެ "އައިކޮނިކް" މަންޒަރެވެ. މި ނޫންނަސް އެހެން ރަށްތަކުގައި ވެސް ރައީސް މައުމޫންގެ ވެރިކަމުގައި ރުށް އިންދެވި އެވެ. ކަނޑާ ކޮންމެ ރުކަކަށް ރުކެއް އިންދެވުމުގެ ޕޮލިސީއެއް ހިފެހެއްޓެވި އެވެ. އެކަމަކު އޭގެފަހުން ރުކުކާ ހެދި އުޅޭނެ ވެރިއަކު ނުވި އެވެ. ރުކާހެދި އުޅޭނެ ދިވެއްސަކު ނެތެވެ. ބަލަނީ ކުރެއް ކަނޑާ ލެވޭ ތޯ އެވެ. މަގެއް ހެދިޔަސް މަގަށް ކިރިޔާ މުލެއް އެރިޔަސް އަވަހާ އެ ރުކެއް ކަނޑާ ކަނޑާ ވައްޓާލަ އެވެ.ރުއް ނެގުމާ ބެހޭ ގަވައިދު - ރާއްޖޭގައި ރުއްގަސް ނެގުމާ ބެހޭ ގަވައިދެއް އޮވެ އެވެ. ގަސް ނެގުމާ ބެހޭ ގަވައިދު 2014 އަދި 2017 ވަނަ އަހަރު ހަދާފައިވާ ގަވައިދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުތަކުން ވަނީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ހުއްދަ ދީގެން ރުއްގަސް ކަނޑައި ބޭރުކުރެވޭނެ ގޮތްތައް ފަހިކޮށްދީފައެވެ. އޭގެފަހުން ހެދި އެ ގަވައިދު އޮތީ ހިރަފުސް ފޮޅަން މޭޒުގެ ވަތްގަނޑުގައި ބާއްވާފައި އޮންނަ ކަރުދާސް ކަނޑެއްގެ ގޮތުގައި އެވެ. މި ގަވައިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ކަނޑާ ނުވަތަ އުފުރާ ނަމަ އެ އެޖެންސީގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި އެއް ފަހަރާ 200 ރުކަށް ވުރެ ގިނައިން ނަގާ ނަމަ އީއައިއޭ ރިޕޯޓެއް ވެސް ހަދަން ޖެހެ އެވެ. ނަމަވެސް އެ ގަވައިދަށް އަމަލެއް ނުކުރެ އެވެ. ތަރައްގީގެ ނަމުގައި މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ރަށްތަކުން އެތައް ރުކެއް ކަނޑައިފި އެވެ. އަދި އެ ރުއްތައް ބޭރަށް ގެންގޮސް ވިއްކައިފި އެވެ. މި ރުއްތައް ބޭނުންކޮށްގެން ދުބާއީ ފަދަ މުއްސަނދި ގައުމުތަކުގައި އަގު ބޮޑު ވިލާތައް ޒީނަތްތެރި ކުރަން ވެސް ބޭނުންކޮށްފައި އެބަހުއްޓެވެ. ދަނޑުވެރިކަމުގެ ތަޖުރިބާކާރުންގެ ނަޒަރުގައި މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ކާށީގެ ދަތިކަމުގެ އަސްލަކީ ރުކާމެދު އަޅާލުން ކުޑަވުމެވެ. އޭގެ އަހަމިއްޔަތު ގައުމީ ފެންވަރުގައި ވެސް ދެނެގަނެވިފައި ނެތުމެވެ. "މިދިޔަ ހަތަރު ވެރިކަމެއްގައި ވެސް ރުއް އިންދުން ފަދަކަމެއް ނުކުރޭ. ކާށި މަދުވާ ވާހަކަ ދެއްކީމަ ބުނާނެ ރުއް އިންދުމުގެ މަަޝްރޫއެއް ފަށަނީއޭ. އެކަމަކު ނުފަށާ. ނަތީޖާއެއް ނުފެނޭ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ވެރިއަކު ވިދާޅުވި އެވެ.
ދިވެހި ރުފިޔާގައި ރުކުގެ ފޮޓޯއެއް ޖެހުމާއި ގައުމީ ނިޝާންގައި ދިވެހި ރުކެއް ޖަހައިގެން ތިބުން ނޫންކަމެއް ދިވެހިން ނުކުރުމެވެ. މިއީ ހަގީގަތެވެ.
އެންމެ ފަހުން ރުއް ދިންދިމުގެ އަޑުއެރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އެ ދުވަސްވަރު ރާއްޖެއަށް ކާށި މަދުވުމުން އެސްޓީއޯ އިން ކާށި އެތެރެކުރި އެވެ. އޭރުގެ މަސްވެރިކަމާ ގަނޑުވެރިކަމުގެ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ އިންޑިއާ އިން 5،000 ރުށް ގެނެސް އިންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެކަމެއް ނުވި އެވެ. ދެން އޮތީ މި ވެރިކަމެވެ. މި ވެރިކަމުގައި ފަސް މިލިއަން ގަސް އިންދަން ފެށިނަމަވެސް މީގައިވެސް ރުކެއް ލައްވައެއް ނުލަ އެވެ. ކުދިކުދި ހިކަނދި ފަތް ގަސްވަރުގެ ގަސް އިންދައި ފަސް މިލިއަން ހަމަ ކުރަމުންދާއިރު މިހާރުގެ ހާލަތުން ރާއްޖޭގައި އެއް މިލިއަން ރުއް އިންދުމުގެ މަޝްރޫއެއް ފަށަން މިވަނީ މަޖުބޫރުވެފަ އެވެ. "މިހާރު ހުރި ރުށްތައް މުސްކުޅި ވެ މަތިވަރު ދެރަވެފައި އެވަނީ. އަނެއްކާ ޖެހޭ ބަލިތަކަށް ފަރުވާ ނުދެވި ރުއްތައް ވަނީ ހަލާކުވެފަ. އެހެންވީމަ މިހާރު އަވަހަށް ގައުމީ ފެންވަރުގައި ރުއް އިންދުމުގެ ބޮޑު މަޝްރޫއެއް ފަށަން ޖެހޭ،" ދަނޑުވެރިކަމުގެ ދާއިރާ އިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ކުރީގެ މިނިސްޓްރީގެ ވެރިޔާ ވިދާޅުވި އެވެ.ޓޫރިޒަމާއެކު ކާއްޓަށްވުމުގެ ކުރީގައި ކުރުނބަ އަޅައިގެން ބޯއިރު މިހާރު ކުރުނބައަށް ހާއްސަ ރުއްތައް ހެއްދޭނެ މުޑުވަށް ފަސޭހަކަމާއެކު ލިބެން އެބަހުއްޓެވެ. ގާތްގަނޑަކަށް ފަސް ފޫޓުން ކުރުނބާ އަޅާ މި ރުށްތަކަކީ ދެ އަހަރުން ހެދޭ އެއްޗެކެވެ. ރާއްޖޭގެ ރަށްތަކުގެ އައިޑެންޓިޓީ ފެންނަ މައިގަނޑު އެއް ގަހަކީ ދިވެހި ރުކަށްވާއިރު މި ކަމަށްވުރެ ވަކިން މުހިންމު ކަމެއް ކޮބައި ހެއްޔެވެ؟ ބޮޑު ތަދެއްގެ ތެރޭގައި ނެތެ ކަމަކު މިހާރު ވެސް ގާތްގަނޑަކަށް މިއޮތީ ކާށީގެ ބޮޑު ތަދެއް ލައްވާލާފަ އެވެ. މިހާރު ހާލަތަށް މިކަން ވެއްޓުނީ ހަމައެކަނި ރުއް މަދުވެގެން ހެއްޔެވެ؟
މިހާރު ފެންނަ ހާލަތަށް ދިއުމުގައި އޮތީ ހަމައެކަނި ރުއް މަދުވުން އެކަންޏެއް ވެސް ނޫނެވެ. ބ. މާއްޑޫ އާއި ބަރެސްދޫ އަދި ގާދޫ ފަދަ ރުއް ގިނަ އެތައް ރަށެއް ރާއްޖޭގައި އެބަހުއްޓެވެ. އެކަމަކު މިހާރު ކުރިމަތިވެފައިވާ މައްސަލައިގެ އެއް ހަގީގަތަކީ ރުކަށް އަރާނެ މީހުން ނެތުމެވެ. ރާއްޖޭގައި ރުއް ގިނަ ކިތަންމެ ރަށެއް އެބަހުއްޓެވެ. އެކަމަކު މީގެ ރަށަކުން ރުކަކަށް އަރައިލާނެ މީހަކު މިހާރު ނުވެ އެވެ. އެކަން ކުރާ ދިވެހިން އެކަމުން ދުރުވެއްޖެ އެވެ. މިހާރު އެކަމުގައި ތިބީ ބިދޭސީންނެވެ. ބިދޭސީއެއް ރުކަކަށް އަރައިދޭ އަގު 100ރ. އާއި 500ރ. އާ ދެމެދުގައި ހުރިއިރު މި މީހުންގެ އަތްމައްޗަށް މިކަން ދޫކޮށްލުމަކީ މިހާރުގެ ހާލަތަށް ވެއްޓުމުގެ އެއް ސަބަބެވެ.ކާއްޓަކީ ދިވެހި އާއިލާތަކުގެ ކޮންމެ ދުވެއްގެ ކެއުމުގެ ބައެކެވެ. މިހާރު ކުރަން ޖެހޭ ކަމަކީ ކާށި ހުރި ރުއްތަށް ފާހަގަކޮށް އެ ރުއްތައް ބެލެހެއްޓުން ހަރުދަނާ ކުރުމެވެ. ރުކުން ކާށި އަޅަން ޒަމާނީ އާލާތް ބޭނުން ކުރުމެވެ. ނޮވެލްޓީގެ ބާނީ އަލްމަރުހޫމް އަލީ ހުސެއިންގެ ވިސްނުމަށް ދިއުމެވެ. އެ މަނިކުފާނު ދުނިޔޭގައި އެއް ދުވަހަކު އަޅުގަނޑާ ދިމާވި އެވެ. އެ ދުވަހު ދެއްކެވި ވާހަކައަކީ ރުކަށް އަރާނެ މެޝިނެއް ގެނައުމުގެ ވާހަކަފުޅެވެ. މާގިނަ ދުވަސް ތަކެއް ނުވެ އެ މެޝިން ގެނެސް ޓެސްޓް ވެސް ކުރި އެވެ. ދުނިޔޭގައި މިފަދަ ޒަމާނީ އެތައް އާލާތެއް މިހާރު އެބަހުއްޓެވެ. ކައުންސިލް ތަކަށް ސަރުކާރުން ރަށްތައް "ހިބައިން" ދޭއިރު މިފަދަ ކަމެއް ކުރަން ޝަރުތު ކުރުވުމަކީ ކައުންސިލް މިނިސްޓްރީން މިހާރު ކުރަން ޖެހިފައިވާ ކަމެވެ. މި ހުރިހާ ކަމެއްކޮށް ދުރާލާ ޕްލޭންކޮށްފިނަމަ ކާއްޓަކީ ރާއްޖެއަށް އާމްދަނީ ލިބޭނެ އެއްޗަކަށް ހެދިދާނެ އެވެ. ކައުންސިލްތަކަށް ރަށް ދިއުމުން ކޮންމެ ކަމަކީ ޓޫރިޒަމްގެ ވިސްނުން ގެންގުޅުމުގެ ބަދަލުގައި މިފަދަ ގައުމަށް ފައިދާހުރި ތަފާތު ވިސްނުންތަން ގެންގުޅުން ނުވޭ ހެއްޔެވެ ؟
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ގައުމީ ގަސް ނެތެނީ | ރާއްޖެ ކާއްޓަށް ޖެހުނީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ