މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލުގެ %87 އަކީ ސައިކަލު: ރިޕޯޓް

މާލެ ސަރަހައްދުގައި އެ 119،472 ވެހިކަލް ދުއްވާ ކަމަށާއި އޭގެ ތެރެއިން %87 ވެހިކަލް އަކީ ސައިކަލު ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތަކުގެ އަދަދު މަދުކުރުމަށް ދިރާސާއެއް ހަދައި އާންމުންގެ ހިޔާލު ހޯދުމަށް އެ ދިރާސާގެ ރިޕޯޓު ވަނީ އާންމުކޮށްފަ އެވެ.
ތަފްސީލް - އެ ދިރާސާގެ ބޭނުމަކީ މާލެ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ އިތުރުން
އުޅަނދުތަކުގެ އުމުރު ކަނޑައެޅުން
ފަރުދުންނާއި ސަރުކާރުގެ މުވައްސަސާތައް އަދި ވިޔަފާރިތަކުގެ ނަންމަތީ ރެޖިސްޓާ ކުރެވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުން
އުޅަނދުތަކުގެ އަދަދު ލިމިޓުކުރުމުން އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުން
ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން:
މާލެ ސަރަހައްދުގައި 103،300 ސައިކަލު އަދި 7،505 ކާރު ދުއްވާ؛ އެއީ ޖުމްލަ އުޅަނދުގެ %92.7
މާލެ ސަރަހައްދުގައި އުޅޭ ކޮންމެ 1،000 މީހަކަށް 321 ވެހިކަލް މި ސަރަހައްދުގައި އޮވޭ
މަގުތަކުގެ ޓްރެފިކު ލުއި ކުރުމަށް ހަރުދަނާ ޕާކިން ގަވައިދުތައް ތަންފީޒު ކުރަން ޖެހޭ
މާލެ ސަރަހައްދަށް އެންމެ އެކަށީގެންވާ ވެހިކަލުގެ އަދަދަކީ 81،318
މިހާރު ދުއްވާ އުޅަނދުތަކުގެ ތެރެއިން 15 އަހަރަށް ވުރެ ދުވަސްވީ އުޅަނދުތައް މަނާކޮށްފި ނަމަ މި ސަރަހައްދުގައި ދުއްވާނީ 85،633 އުޅަނދު
އެ ރިޕޯޓުގައި ހުށަހަޅާފައިވަނީ މިހާރު މާލެ ސަރަހައްދުގައި ދުއްވާ 103،300 ސައިކަލުގެ އަަދަދު 76،518 އަށް މަދު ކުރުމަށެވެ. އަދި ކާރުތަކުގެ އަދަދު 7،505 އިން 5،610 އަށް މަދު ކުރުމަށެވެ.
މީގެ އިތުރުން ވޭންގެ އަދަދު 1،374 އިން 1،027 އަށް މަދު ކުރުމަށް ވެސް އެ ރިޕޯޓުގައި ލަފާދީފައިވެ އެވެ.
ވެހިކަލްގެ އަދަދު މަދުކުރުމުން މާލެ ސަރަހައްދުގެ މަގުތަކަށް ލުއިވެ، މަގު ބޭނުންކުރާ މީހުންނަށް ފަސޭހަވި ނަމަވެސް އޭގެ ސަބަބުން ނިކުމެދާނެ މައްސަލަތައް ވެސް ވަނީ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.
މާލެ ސަރަހައްދުގައި ބޭނުންކުރާ ވެހިކަލްތަކުގެ އަދަދު ލިމިޓުކުރާއިރު، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ މުހިއްމުކަން ދިރާސާ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ވެހިކަލްތަކުގެ އަދަދު ލިމިޓު ކުރާއިރު އެއްފަހަރާ ކުއްލިއަކަށް އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި ފިޔަވަހިތަކަށް ބަހާލައިގެން އެކަން ކުރުމަށް ވެސް ވަނީ ލަފާދީފަ އެވެ.
އެނގުން މުހިއްމު - އެ ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު އީމެއިލް މެދުވެރިކޮށް ރިޕޯޓަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ހުޅުވާލައިފަ އެވެ.
ރިޕޯޓަށް ހިޔާލު ހުށަހެޅުމަށް އީމެއިލް ކުރާނެ އީމެއިލް އެޑްރެސް: [email protected]
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ