ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުވާފައިވާ، ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަން ދިރާސާކުރުމަށް ކޮމިޓީގެ މެންބަރުންނަށް ވަގުތު ދިނުމަށް، މިއަދު ވަކި ގޮތެއް ނުނިންމަން ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ. އެގޮތުން:
ހުސްވި ދެ މަގާމަށް 12 ބޭފުޅުން ކުރިމަތިލެއްވި އިރު، އެ ބޭފުޅުންނާ އިންޓަވިއުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސް މުހައްމަދު މުއިއްޒުއަށް ލަފާ އެރުވީ ހަމީދާއި ސަލީމް އައްޔަންކުރުމަށް
ޖޭއެސްސީގެ ލަފާގެ މަތިން އެ ދެ ބޭފުޅުން އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީ މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައި؛ އަދި ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ރައީސްގެ ސިޓީ ފޮނުވި
ތަފްސީލް - އެ މައްސަލަ ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންނަށް އިތުރު ވަގުތު ދިނުމަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެގޮތުން:
ސައްތާރު ވިދާޅުވީ ޖޭއެސްސީން ވަކި ގޮތަކަށް ލަފާދީ، އެ ލަފައާ އެއްގޮތަށް ރައީސް ނަން ފޮނުއްވި ނަމަވެސް ކޮމިޓީން ގޮތެއް ނިންމަން ވާނީ ރަނގަޅަށް ދިރާސާކޮށްފައި
ސައްތާރުގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފު ރަޝީދު
އަޝްރަފު ވިދާޅުވީ ދެ ނަން މަޖިލީހަށް ލިބުނީ މިއަދު ކަމަށް އަދި ކޮމިޓީއަށް ނަންތައް ލިބުނީ ވެސް މިއަދު ކަމަށް؛ މިއަދުން މިއަދަށް ގޮތެއް ނިންމިއްޔާ އެ ގޮތަށް ނިންމި ސަބަބެއް ވެސް ބުނެ ނުދެވޭނެ ކަމަށް
ރައީސް ފޮނުއްވި ދެ ނަމަށް ވެސް މިއަދު ކޮމިޓީން ރުހުން ދިނުމަަށް ފާސްކުރަން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވި އެވެ. އެގޮތުން:
ނާޒިލް ވިދާޅުވީ މީގެ ކުރިން ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވެސް ކޮމިޓީން ނިންމީ ބިލު ކޮމިޓީއަށް ލިބުނު ދުވަހު؛ ދެ ފަނޑިޔާރަކު ވަކިކުރަން ކޮމިޓީން ނިންމީ ވެސް މާ ގިނަ ދިރާސާތަކެއް ނުކުރައްވާ ކަމަށް
ނާޒިލްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)
ޒިޔާދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފުލް ބެންޗު ނެތުމުން މިހާރު ވެސް ކޯޓުގައި ދެ ދުސްތޫރީ މައްސަލަ ހިމެނޭހެން ގިނަ މައްސަލަތަކެއް ވަނީ މަޑުޖެހިފައި ކަމަށް؛ އެހެންކަމުން ދެ ފަނޑިޔާރުން އައްޔަންކުރުން ލަސްކޮށްގެން ނުވާނެ ކަމަށް
ކޮމިޓީގައި ތިއްބަވާ ވެރިކަންކުރާ ޕީއެންސީގެ ހަތް މެންބަރުންގެ ވޯޓުން ފާސްކުރީ މިއަދު ގޮތެއް ނުނިންމައި މެންބަރުންނަށް ދިރާސާކުރަން ވަގުތުތަކެއް ދީފައި ގޮތެއް ނިންމަން އިތުރު ބައްދަލުވުމެއް ބޭއްވުމަށެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމުގެ އިޖުރާއަތްތަކަކީ:
ކުރިމަތިލާ މީހުންނާ ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން
ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުން
މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ
ފަަސްމަންޒަރު - ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، އަޒްމިރާލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރީ، އެ ދެ ބޭފުޅުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމުމުންނެވެ. އަދި:
އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުން ނިންމީ، ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަން ފެށީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވާފައި ވަނިކޮށް
އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރި
އެއާ އެކު، ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ސުއޫދު އިސްތިއުފާ ދެއްވި. ސަރުކާރުން އެ ތުހުމަތު ދޮގުކުރޭ
މުއްދަތެއް ނެތް ގޮތަށް ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ފަށަން އުޅެނިކޮށް؛ އެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އެކު އެ މައްސަލަ މިހާރު އޮތީ ހުއްޓިފައި
ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހައި ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މިދިޔަ އެޕްރީލް މަހު އައްޔަންކޮށްފައި
ހަމީދާއި ސަލީމްގެ ނަން ދިރާސާކުރަން މެންބަރުންނަށް ވަގުތު ދޭން ކޮމިޓީން މިއަދު ގޮތެއް ނުނިންމި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ