މިދިޔަ ހަފުތާ ސްކޭމްކޮށްގެން ފަސް ލައްކައެއްހައި ރުފިޔާ ގެއްލުނު، 80 ޕަސެންޓު ފައިސާ ހޯދި

މިދިޔަ ހަފުތާގައި ރާއްޖޭގައި ހިނގި އެކި ބާވަތުގެ ސްކޭމްތަކުގެ ސަބަބުން, ހަތަރު ލައްކައެއްހައި ރުފިޔާ ގެއްލުނުއިރު، 80 ޕަސެންޓު ފައިސާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު ހާމަކޮށްފިއެވެ. އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 45 ސްކޭމް މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. އެ މައްސަލަތަކުގެ ސަބަބުން ޖުމްލަ 481,520.67 ރުފިޔާގެ ގެއްލުން ލިބުނުއިރު، އޭގެ ތެރެއިން 383,610.08 ރުފިޔާ ނުވަތަ ގެއްލުނު ފައިސާގެ 80 އިންސައްތަ އަނބުރާ ހޯދާފައިވާކަމަށް އެ ސެންޓަރުން ބުންޏެވެ. މިދިޔަ ހަފުތާގައި، އެ ސެންޓަރަށް ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރީ އީ-ކޮމާސް ސްކޭމްތަކެވެ. އެ ފަދަ 26 މައްސަލަ ރިޕޯޓުކުރެވިފައިވާއިރު އޭގެ ތެރެއިން 20 މައްސަލައެއްގައި ބޭނުންކޮށްފައި ވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. އޭގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ 10 ސްކޭމް މައްސަލައާއި ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްގެ ފަސް މައްސަލައަކާއި އިމްޕާސަނޭޝަން، ފިޝިން، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަތައް ހިމެނޭކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. ސްކޭމަކީ މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި އެކި އުކުޅުތައް ބޭނުންކޮށްގެން ނުހައްގުން މީހުންގެ އަތުން ފައިސާ އަތުލާ މައްސަލަ މިހާރު ވަނީ ވަރަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ