އދ. ގެ އާ ރެޒިޑެންޓް ކޯޑިނޭޓަރު ރައީސަށް ފަތްކޮޅު އަރުވައިފި އދ. ގެ އާ ރެޒިޑެންޓް ކޯޑިނޭޓަރު ރައީސަށް ފަތްކޮޅު އަރުވައިފި

އދ. އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ކޯޑިނޭޓަރު، ހާއޯ ޝާންގް އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
މި ރަސްމިއްޔަތު ބޭއްވީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އެއަށް ފަހު ރައީސް ވަނީ ކޯޑިނޭޓަރު ޝާންގް އަށް މަރުހަބާ ވިދާޅުވެފަ އެވެ.
"އެމަނިކުފާނުގެ ވާހަކަފުޅުގައި 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމުގައި އދ. ގެ ބައިވެރިވުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ސިއްހީ ދާއިރާ އާއި، ތައުލީމީ ދާއިރާ އަދި އިންސާނީ ވަސީލަތް ގާއިމުކުރުން ފަދަ ކަންކަމުގައި އދ. އިން އަދާކުރަައްވާ މުހިންމު ދައުރުގެ މައްޗަށް ރައީސް އަލިއަޅުއްވައިލެއްވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެ އެވެ.
އޭގެ އިތުރުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އދ. ގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އެމަނިކުފާނުގެ އޮފީހުން ބުނެ އެވެ.
އަލަށް އައްޔަނުކުރި ކޯޑިނޭޓަރަކީ 27 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އެގޮތުން، 2008 ވަނަ އަހަރުން ފެށިގެން 17 އަހަރު ވަންދެން އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) ގެ އެކި މަގާމުތަކުގައި ހިދުމަތް ކުރެއްވި އެވެ.
އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވާވިކްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި ޗައިނާގެ ޓޮންގްޖީ ޔުނިވާސިޓީއިން ސިވިލް އެންޑް އެންވާރަމަންޓަލް އިންޖިނިއަރިން އިން ފުރަތަމަ ޑިގްރީ އާއި ހަަމަ އެ ދާއިރާއިން ހޮންކޮންގް ޕޮލިޓެކްނިކް ޔުނިވާސިޓީން މާސްޓާސް ޑިގްރީ ވެސް ވަނީ ފުރިހަމަ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ