މިއަދަކީ ބަފައިންގެ ދުވަހެއްނޫން - ދޮގުވެރިޔާގެ ދުވަސް!

ޑރ. މުއިއްޒެވެ. އުމުރުން ބައިގަރުނުވާން ދެން އޮތީ އެންމެ ދެތިން އަހަރެވެ. ހަޔާތެއް ތިޔަ ހޭދަކޮށްލަނީ ދޮގުހެދުމާއި އޮޅުވާލުމުގައެވެ. މުއިއްޒު ދައްކާ ވާހަކަ ގަބޫލުކުރާ މީހަކު ނޫޅޭކަން ހުދު އަމިއްލައަށްވެސް މިހާރު ގަބޫލު ކުރާނެއެވެ. ހުސްނުއްސުއޫދު ބުނާއެއްޗެއް ތެދަށްވެފައި މުއިއްޒު ބުނާއެއްޗެއް ދޮގަށްވަނީ ކީއްވެގެންތޯ އަމިއްލައަށް ސުވާލު އުފެއްދެނީ އެހެންވެގެންނެވެ. ވާނީ ވެސް އެހެންތާއެވެ. ތެދެއް ހެދެން އޮތަސް ދޮގެއް ނޫނީ ހަދަނީއެއް ނޫނެވެ. 
އުމުރުން ސަތާޅީސް އަހަރު ފުރުނުއިރު ކަންދިމާކުރި ގޮތުން ތިޔަ ހުރީ ރާއްޖޭގެ ރައީސް ކަމުގައެވެ. އުމުރުން 47 އަހަރު ވީއިރު ރައީސްކަމަށް 576 ދުވަސް ވީއެވެ. ވެރިކަން ހޯދީ ހުސް ގޮޑި ދައްކައިގެން ރައީސް ޔާމީނުގެ ހިޔަނީގައެވެ. ވެރިކަމަށް އައުމަށް ހެދީ ރަތްލާޖެހި ބޮޑެތި ދޮގުތަކެވެ. ދޮގުން މުލައްމާ ވެގެން ވެރިކަން ހޯދުމަށް ފަހުވެސް ދޮގުނޫން އެއްޗެއް ނުހަދައެވެ. 
މުއިއްޒުގެ ދޮގު ވައުދުތަކުގެ ވާހަކަ ދައްކާނަމަ ކޮޅުން ނުލާނެއެވެ. ތަކުރާރުކޮށް އެހުރިހާ ދޮގެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ކަށިނެތް ދުލެއް އޮތަތީ ދޮގުމައްޗަށް ދޮގުހެދިދާނެއެވެ. ހުރި މަގާމުގެ ގޮތުން ކޮނޑުހުޅުން ދޫވަންދެން އަތްޖަހާނެ ބަޔަކު ތިއްބަސް މުއިއްޒު ދައްކާ ވާހަކަ ގަބޫލުކޮށް އިތުބާރު ކުރާނެ ބަޔަކު ނެތެވެ. ކުރަން ބުނާ ކަމެއް ކުރެވޭނެ ކަމަކަށް ދޭން ބުނާއެއްޗެއް ދެވޭނެ ކަމަކަށް އިތުބާރުކޮށްގެން އުންމީދުކުރާ ބަޔަކު އުޑުބަޅުކުރެއްވި ހިސާބުގައި ނެތޭ ބުންޏަސް ފާފައެއް ނުވާނެއެވެ. ރުންކުރު ކަޅުދިގު ހޮޅިވިސްނުމަކުން ގައުމު ހިންގަން އުޅެންޏާ ނުވެނުދާނެ ހުރިހާ ކަމެއް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް މިދަނީ ވަމުންނެވެ. 
މީގެ 47 އަހަރުކުރިން ފުރަމާލޭ ދަންވަރު އާއިލާގެ އަންހެނަކު ވިހޭ ކުޑަކުޑަ ކަޅު ފިރިހެން ކުއްޖާއަކީ ދޮގުވެރިއަކަށް ވާނޭކަމަށް ހީކުރާާނީ ކާކުހެއްޔެވެ. އުމުރުގެ ކޮންމެ ހިސާބަކުން ހިފުނު އާދައެއް ނަމަވެސް އެތުއްތު ކުއްޖާ ލާފުރާ ފުރިހަމަވެ އުމުރު ބައިގަރުނާ ގާތްކުރިއިރު ވެފަައިހުރީ ހޮޅިވާހަކަ ދައްކާ ބޮޑު ދޮގުވެރިއަކަށެވެ. ދޮގުހަދަމުން ހަދަމުންގޮސް ދޮގުނޫން އެއްޗެއް ނުހަދާ މީހުނަށް ކިޔަނީ ކައްޒާބުކަމަށް އޭނާ އަމިއްލައަށްވެސް އޮތީ ބުނެފައެވެ. އެހެން ކަމުން އޭނާގެ އުފަން ދުވަހަކީ އިއްތިފާގުން ދުނިޔޭގެ ބަފައިންގެ ދުވަސް ކަމަށް ވިޔަސް ކޮންމެ ޖޫން މަހެއްގެ 15 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަންވީ ބައްޕައިންގެ ދުވަހުގެ ގޮތުގައެއްް ނޫނެވެ. ދޮގުވެރިޔާގެ ދުވަހުގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ