އައިސީސީގެ ހަތަރު ފަނޑިޔާރަކަށް ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރކާރުން، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ހަތަރު ފަނޑިޔާރަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މި ފަނޑިޔާރުންނަކީ އެމެރިކާއާއި އެމެރިކާގެ އެކުވެރިންނާ ދެކޮޅަށް “ޣައިރު ޤާނޫނީ އަދި އަސާސެއްނެތް” ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަނޑިޔާރުންނެވެ.
ބުރާސްފަތި ދުވަހު، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވަނީ ހަރުކަށި ބަހުރުވައަކުން ލިޔުމުން ނެރުނު ބަޔާނެއްގައި މި ފިޔަވަޅުތައް އިޢުލާނުކޮށްފައެވެ.
ރޫބިއޯގެ ބަޔާނުގައި ބުނެފައިވަނީ މި ނުރައްކާތެރި ބުނުމާއި ބާރުގެ ނަހަމަ ބޭނުންކުރުމަކީ އެމެރިކާއާއި އެމެރިކާގެ އެކުވެރިންގެ، އޭގެ ތެރޭގައި އިސްރާއީލްވެސް ހިމެނޭ ގޮތަށް، މިނިވަންކަމާއި ޤައުމީ ސަލާމަތަށް އަރައިގަތުމެއް ކަމަށެވެ.
ދަތިކުރުމުގެ ފިޔަވަޅު އެޅިފައިވާ ހަތަރު ފަނޑިޔާރުންނަކީ ޔުގަންޑާގެ ސޮލޮމީ ބަލުންގީ ބޮސާ، ޕެރޫގެ ލުޒް ޑެލް ކާމެން އިބާނެޒް ކަރަންޒާ، ބެނިންގެ ރެއިން އެޑެލައިޑް ސޮފީ އަލަޕިނީ ގަންސޫ އަދި ސްލޮވޭނިއާގެ ބެޓީ ހޮހްލަރއެވެ.
ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މި ފަނޑިޔާރުންގެ އެމެރިކާގައި ހުރި މުދަލާއި އެސެޓްތައް ބްލޮކްކުރެވޭނެއެވެ. އަދި އެމެރިކާގައި ހުރި އެއްވެސް ފަރާތަކުން މި ފަނޑިޔާރުންނާއެކު މުޢާމަލާތްކުރުން، އޭގެ ތެރޭގައި “ފައިސާ، މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިނުން” ހިމެނޭ ގޮތަށް، މަނާކުރެވޭނެއެވެ.
މިކަމާގުޅިގެން އައިސީސީއިން ވަނީ ބަޔާނެއް ނެރެ، އެ ކޯޓުގެ ފަނޑިޔާރުންނަށް ތާއީދުކުރާކަމަށާއި ޓްރަމްޕް އިދާރާގެ ނިންމުމާމެދު “ހިތާމަކުރާ” ކަމަށް ބުނެފައެވެ. “މި ފިޔަވަޅުތަކަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން 125 ޤައުމެއްގެ ވިލަރެސްކުރުމުގެ ދަށުން ހިންގާ ބައިނަލްއަޤްވާމީ ޝަރުޢީ މުއައްސަސާއެއްގެ މިނިވަންކަން ނަގާލުމަށް ކުރެވޭ ސާފު މަސައްކަތެކެވެ،” ބަޔާނުގައި ބުނެފައިވެއެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ފެކްޓް ޝީޓެއްގައި ބުނެފައިވާ ގޮތުން، ބޮސާ އަދި އިބާނެޒް ކަރަންޒާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ 2020 ގައި، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އެމެރިކާގެ ސިފައިން އަފްޣާނިސްތާނުގައި ކުރި ޢަމަލުތައް ތަޙުޤީޤުކުރުމަށް ހުއްދަދިނުމުންނެވެ.
ކުރިން، އައިސީސީއިން ވަނީ އަފްޣާނިސްތާނުގައި ހިނގާފައިވާކަމަށް ބުނާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅަށް ކުރެވުނު ކުށްތައް ތަޙުޤީޤުކުރުމަށް އެދުނު އެދުމެއް ބަލައިނުގަނެ ބާޠިލުކޮށްފައެވެ. އެހެންނަމަވެސް، ޖެހިގެން އައި އަހަރު އެ ކޯޓުން ވަނީ އެ ނިންމުން ބަދަލުކޮށް، އަފްޣާނިސްތާނުގައި އަދި އެހެނިހެން ތަންތަނުގައި ހުރި “ސިއްރު ބަންދު ފެސިލިޓީތަކުގައި” ހަނގުރާމައިގެ ކުށްތައް ކުރިކަމަށް ބުނެ އެމެރިކާގެ ސިފައިންނާއި ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ މެންބަރުން ތަޙުޤީޤުކުރުމަށް ޕްރޮސެކިއުޓަރަކު ހުށަހެޅި ހުށަހެޅުމަށް ހުއްދަދީފައެވެ.
އަފްޣާނިސްތާނަކީ، ކޯޓުން ފާހަގަކުރި ގޮތުގައި، ރޯމް ސްޓެޓިއުޓްގެ މެންބަރެކެވެ. އެއީ އައިސީސީއަށް ޝަރީޢަތްކުރުމުގެ ބާރު ލިބިފައިވާ 125 ޤައުމު ހިމެނޭ މުޢާހަދާއެކެވެ.
އެހެންނަމަވެސް، އޭރު ޓްރަމްޕް އިދާރާއިން ވަނީ ކޯޓުގެ ނިންމުމާމެދު ފާޑުކިޔާ، އައިސީސީއަކީ “ޤާނޫނީ މުއައްސަސާއެއްގެ ގޮތުގައި ދައްކައިގެން އުޅޭ ސިޔާސީ މުއައްސަސާއެއް” ކަމަށް ބުނެފައެވެ. އެމެރިކާއަކީ ރޯމް ސްޓެޓިއުޓްގެ ބައިވެރިއެއް ނޫންކަމަށާއި، އެހެންކަމުން އައިސީސީގެ ޝަރީޢަތްކުރުމުގެ ބާރުން ބޭރުގައި އޮންނަ ޤައުމެއްކަމަށް އެމެރިކާއިން ވަނީ ދިގު މުއްދަތެއް ވަންދެން ބުނަމުން އައިސްފައެވެ.
ބުރާސްފަތި ދުވަހު އިޢުލާނުކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ނަން ހިމެނޭ ދެވަނަ ޖޯޑު ފަނޑިޔާރުން އަލަޕިނީ ގަންސޫ އަދި ހޮހްލަރ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އިސްރާއީލުގެ ވެރިންނާ ދެކޮޅަށް އެ ފަނޑިޔާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
އެމެރިކާއަކީ އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާއެވެ. 1948 ގައި އެ ޤައުމު ފުރަތަމަ ބަލައިގަތް ޤައުމަކީ އެމެރިކާއެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ އިސްރާއީލަށް ވަރުގަދަ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި މިހާތަނަށް އަންދާޒާކުރެވޭ ގޮތުން 54,607 ފަލަސްޠީނުން ޝަހީދުކޮށްލާފައިވާ ޣައްޒާގައި ކުރަމުންދާ ހަނގުރާމައަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ