ސައްތާރު ފާހަގަކުރެއްވީ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ ކުރިއެރުން ސައްތާރު ފާހަގަކުރެއްވީ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ ކުރިއެރުން

ކުޑަގިރީގައި މިހާރު ކުރިއަށްދާ ގައުމީ ދިގުފެތުމުގެ މުބާރާތުގައި (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަންގައި) މި ފަހަރު އެހެން އަހަރުތަކަށް ވުރެ އިންތިޒާމުގެ ކަންކަމާއި މުބާރާތުގެ ފޯރިވެސް ގަދަކަން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް މުހައްމަަދު އަބްދުއްސައްތާރު (ޗަމްޕީ) ފާހަގަކުރައްވައިފި އެވެ.
މިއީ، މާލެ އަތޮޅު، ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރީގައި، ދިގުފެތުމުގެ މުބާރާތް ބާއްވާ ތިން ވަނަ ފަހަރެވެ.
ކުޑަގިރީގައި ބާއްވާ 16 ވަނަ ގައުމީ އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަންގައި، ހުރިހާ ކެޓަގަރީ އަކުން ޖުމްލަ އެކު، 281 ފެތުންތެރިން ވާދަކުރަން އެޕްލިކޭޝަން ހުށަހެޅި އެވެ. މިއީ، ފާއިތުވި އަހަރު ބައިވެރިވި ފެތުންތެރިންނަށް ވުރެ އިތުރު އަދަދެކެވެ.
"ފޯރިގަަދަކޮށް ދަނީ، މިހާރު މިދިޔަ އަހަރު ބައިވެރިވީ 242 މި ފަހަރު 281 އިތުރު ވެސް ވެއްޖެ، ދެން އަނެއްކާ މިިދޔަ އަހަރު 200 ކުދިން ފެތީ، މި ފަހަރު ދެން، 280 ބައިވެރިވީމަ ހަމަގައިމު ވެސް ގިނައިން ފަތާނެ ކަމަށް ލަފާކުރެވޭ، އެހެންވީމަ، މީގެއިން މި ފެންނަނީ ކުރިން ފަހަރަށް ވުރެ މި ފަހަރު ފޯރިގަދަކަން،" ސައްތާރު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވި އެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރު އިންޓަވިއުދެއްވަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / ސްވިމިން އެސޯސިއޭޝަން
އޭނާ ވިދާޅުވީ، ކުރިން ފަހަރުތަކަށް ވުރެން މުބާރާތުގެ އޮގަނައިޒިން ކަންކަން ވެސް މި ފަހަރު ރަނގަޅު ކަމަށެވެ. އަދި، ކުޑަގިރީގައި މި މުބާރާތް ކުރިއަށް ގެންދިއުމުގެ ފަސޭހަތަކެއް ހުރިއިރު، އަހަރުން އަހަރަށް އެކަމުގައި ހުރި ފައިދާތައް ވެސް ސައްތާރު ހިއްސާކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އޮގަަނައިޒިން ވެސް ކުރިން ފަހަރަށް ވުރެ ރަނގަޅުވާނެ. ވަރަށް ފަސޭހަތަކެއް އެބަހުރި، ކުޑަގިރީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން މި ކަން މި ކުރަނީ. ކުޑަގިރީގެ އިތުރުން، ޕޮލިސް، އެމްއެންޑީއެފްގެ އެ ދެ ބައި މީހުންގެ އެހީތެރިކަން އަބަދުވެސް ލިބޭ. ހަމައެއާ އެކު، ފަސްޓް އެއިޑް ކަންތައްތަކުގައި، ރެޑް ކްރެސެެންޓް އެހީތެރިވެދޭ، އެމްއެންޑީއެފްގެ ޑޮކްޓަރެއް، ކުޑަގިރީގައި ވެސް ޑޮކްޓަރެއް އެބަހުރި، އިރާދަކުރެއްވިއްޔާ ސަލާމަތީ ގޮތުން ބެލިޔަސް މި ފަހަރު މި އޮތީ ކުރިއަށް ވުރެ ރަނގަޅަށް. ހުރިހާ ގޮތަކުން ވެސް ކުރިން ފަހަރަށް ވުރެ ފަސޭހަތަކެއް އެބަހުރި،" ސައްތާރު ވިދާޅުވި އެވެ.
މީގެ އިތުރުން، ސައްތާރު ވަނީ، އެމްޓީސީސީގެ ފަރާތުން ކުޑަގިރީގައި މި މުބާރާތް ކުރިއަށްގެންދަން ވެދޭ އެހީތެރިކަން ފާހަގަކޮށްފަ އެވެ.
މުބާރާތުގައި ހޮވާ ވަނަތަކަށް ބަލާއިރު، އަންހެން/ފިރިހެން ކެޓަގަރީން ވަކިން، ގައުމީ ދިގު ފެތުމުގެ ޗެމްޕިއަނާއި ދެ ވަނަ އަދި ތިން ވަނަ މަގާމުގެ އިތުރުން، ގައުމީ ޖޫނިއާ ދިގު ފެތުމުގެ ޗެމްޕިއަނާއި ދެ ވަނަ އާއި ތިން ވަަނަ މަގާމު ހިމެނެ އެވެ. ސްވިމް ޗެލެންޖް އޯޕަން އަދި ސްވިމް ޗެލެންޖް މާސްޓާސް، 1،2،3 ވަނަތައް ދެ ޖިންސު ވަކިން ހޮވާއިރު، ކިޑްސް ސްވިމް ޗެލެންޖް ރޭސް ނިންމާ ކޮންމެ ކުއްޖަކަށް މެޑަލް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި، އީއޭޑީ ސްވިމް ޗެލެންޖް ނިންމާ ކޮންމެ ބައިވެރިއަކަށް ފިނިޝާ މެޑަލް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ