'އިސްލާމިކް އާޓްސް ބިއެނާލޭ'ގެ ދެވަނަ މައުރަޒު 25 ޖެނުއަރީ އިން ފެށިގެން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ވަނީ ހުޅުވާލައިފަ އެވެ. ހައިރާންވާހާ ބޮޑެތި އަދި އިލްމުން ފުރިފައިވާ މަސައްކަތްތަކަކާ އެކު ކުރިއަށް ގެންދިޔާ މި ބިޔަ މައުރަޒުގައި އިސްލާމީ ސަގާފަތްތަކާއި ދުނިޔޭގެ ސަގާފަތްތައް ބައްޓަންކޮށްފައިވާ ތަފާތު ނުފޫޒުތަކުގެ މައްޗަށް އަލިއަޅުވާލަ އެވެ. އިހު ޒަމާނާއި މިހާރުގެ ކަންކަން އެކުގައި ދައްކުވައިދީ، މިއަދު ދުނިޔޭގައި އިސްލާމީ ފަންނުވެރިކަމުގެ ދައުރާ މެދު ބެލުންތެރިން ވިސްނާލުމަށް ގޮވާލަ އެވެ.
ދިރިޔާ ބިއެނާލޭ ފައުންޑޭޝަނާއި ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ކަލްޗާ ގުޅިގެން ކުރިއަށްގެންދާ މި މައުރަޒަކީ އިސްލާމް ދީނުގެ ހައިބަތު ދައްކުވައިދޭ ހަރަކާތެކެވެ.
އާޓިސްޓިކް ޑައިރެކްޓަރުންގެ ބައިނަލްއަގުވާމީ ވަރުގަދަ ޓީމެއް އިސްކޮށް ހަރަކާތްތެރިވެގެން ކުރިއަށްގެންދާ މި މައުރަޒުގައި، ދުނިޔެއަށް ފެތުރިފައިވާ އިސްލާމްދީނުގެ ސަގާފީ ނުފޫޒު ފުންކޮށް ދައްކުވާދެ އެވެ.
އިސްލާމިކް އާޓްސް ބިއެނާލޭ ކުރިއަށްދަނީ ސައޫދީގެ އާޓްސް ދާއިރާ ނުހަނު ބާރަށް ކުރިއަރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ފާއިތުވި އަހަރުތަކުގައި ސައުދީގެ އެކި ކަންކޮޅުތަކުގައި ގެލެރީތަކާއި އާޓް ފެއާތަކާއި ސަގާފީ ހަރަކާތްތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ.
މި އަހަރުގެ ބިއެނާލޭގެ މައުލޫއު 'އެންޑް އޯލް ދެޓް އިޒް އިން ބިޓްވީން' ނަގާފައިވަނީ ކީރިތި ގުރުއާނުގެ އާޔަތަކުން ކަމަށް މި މައުރަޒު އިންތިޒާމްކުރާ ފަރާތުން ބުނެފައިވެ އެވެ. އެއީ "އަދި ﷲ ތައާލާ އުޑުތަކާއި ބިމާއި އެ ދެމެދުގައިވާހާ އެއްޗެއް ހެއްދެވި އެވެ."
މައުރަޒުގައި 500 އަށް ވުރެ ގިނަ އެއްޗެހި އަދި ކޮމިޝަންކޮށްފައިވާ 29 ކޮންޓެމްޕޮރަރީ އާޓް މަސައްކަތެއް ފަސް ތީމަކަށް ބަހާލައިގެން ދައްކާލަ އެވެ. މައުރަޒުގެ އާޓް ޑިރެކްޓަރެއް ކަމުގައިވާ ޑރ. ޖޫލިއަން ރާބީ ބުނިގޮތުގައި މި މައުރަޒުގައި އިލާހީ އުފެއްދުންތަކުގެ އަޖައިބުތައް ދެނެގަނެ، އެ ކަންކަމަށް އިންސާނާ އިޖާބަދީފައިވާ ގޮތާއި އިސްލާމް ދީނުގައި އެންމެ މަތިވެރިވެގެންވާ ކަންކަމުގެ ތެރޭގައި އިހުސާސްތަކާއި ވިސްނުމާއި އުފެއްދުމާއި ބުއްދި ހިމެނޭކަން ފާހަގަ ކޮށްފައިވެ އެވެ.
"މި ބިއެނާލޭއިން އަޅުގަނޑުމެން ދައްކަން ބޭނުންވަނީ ތަފާތުކަމާއި ހަރުދަނާކަމާއި އީމާންކަމާއި އަޅުވެތިކަމުގެ އަޖައިބުތައް،" މައުރަޒުގެ އެހެން އާޓް ޑިރެކްޓަރެއް ކަމަށްވާ ޑރ. އަމީން ޖައްފަރު ފާހަގަ ކުރި އެވެ.
މި މައުރަޒުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހުށަހެޅުމަކީ ފުރަތަމަ ގެލެރީ 'އަލްބިދަޔަ'ގައި ހުރި ކައުބާގެ އުރަކޮޅު ނުވަތަ ކިސްވާ އެވެ. އިސްލާމީ އެންމެ މަތިވެރި އެއް އާސާރީ ފޮތިގަނޑުގެ އަޖައިބުކުރަނިވި މަސައްކަތް އެއިން ފެނިގެންދެ އެވެ. އަދި މިއީ ކިސްވާއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި މައްކާއިން ބޭރުގައި ދައްކާލި ފުރަތަމަ ފަހަރެވެ. އެހެންކަމުން މައްކާއަށް ޒިޔާރަތްނުކުރާ މީހުންނަށް ކިސްވާއެއް ބަލާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
އަލްމިދުﷲ (ދަ ކެނޮޕީ) އަކީ އިސްލާމީ ބަގީޗާ ޒަމާނީ ގޮތަކަށް ދައްކާލާ 'އިމާސިވް އެކްސްޕީރިއަންސް'އެއް ގެނެސްދޭ އުފެއްދުމެކެވެ. މައުރަޒުގެ 'އައުޓްޑޯ ސްޕޭސް'ގައި ދައްކާލާ މި އުފެއްދުމުން ފެންނަ ކުރެހުންތަކަކީ ތަފާތު މުޖުތަމައުތަކުގެ ތަފާތު ނަޒަރިއްޔާތަކާއި ވާހަކަތަކާއި އައިޑެންޓިޓީތަކާއި އަހުލާގުތައް ރަމްޒުކޮށްދޭ ބަގީޗާއެކެވެ.
ލަންޑަންގައި މަސައްކަތް ކުރަމުން އަންނަ އާޓިސްޓެއް ކަމަށްވާ އާސިފް ހާން ކީރިތި ގުރުއާނުގެ 34 ވަނަ އާޔަތް ދައްކުވައިދީފައިވަނީ 'ޓްރަންސްލޫސެންޓް' ކަރުދާހުގައި އަދި އަލިން އޭގައިވާ އާޔަތްތައް ވިދާލާ ސްޓައިލްއަކަށެވެ. އޭނާގެ 'ލައިޓް އަޕޮން ލައިޓް ގްލާސް ގުރުއާން' އަކީ 604 ލޭޔަރުގައި އަތުން ލިޔެފައިވާ މަސައްކަތެކެވެ. ފަރުވާތެރިކަމާ އެކު ކަނޑާނަގާ، އެއްކޮށްފައި އެ ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އަރަބި ކެލިގްރާފަރު އުސްމާން ތާހާގެ ކެލިގްރަފީގަ އެވެ.
'އިސްލާމިކް އާޓްސް ބިއެނާލޭ' އަންނަ 15 މޭގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
އިސްލާމިކް އާޓްސް ބިއެނާލޭ: އިސްލާމްދީނުގެ ހައިބަތާއި ނުފޫޒުގެ ފުރިހަމަ ދައްކާލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ