މުހައްމަދު ޝަރީފްގެ ހަޔާތުގައި އެންމެ ބޮޑު އުފަލަކީ އޭނާގެ ދަރިންނެވެ. އޭގެ ތެރެއިން ވެސް އޭނާގެ ދޮށީ ދަރިފުޅު އަލީ މުޝްފިގު މުހައްމަދު ޝަރީފް ހާއްސަ އެވެ. އޭނާގެ ހުރިހާ އުއްމީދުތަކެއްގައި އެ ދަރިފުޅު ދިޔައީ ކުލަ ޖައްސަމުންނެވެ. އެކަމަކު ހަމަ ކުއްލިއަކަށް އެ އުއްމީދުތައް ފުނޑުފުނޑުވީ، ދަތުރުކުރަމުން ދިޔަ ބޯޓުގައި އަލިފާންރޯވެ، ދަރިފުޅު ކަނޑުވެ ގެއްލުމުންނެވެ.
ފަތަން ނޭނގޭ އެ ދަރިފުޅު، ރޭގަނޑު ކަނު އަނދިރީގައި ކަނޑަށް ގެއްލުމުން ދެން އޭނާ ސަލާމަތުން ފެންނާނެކަމާ މެދު ޝަރީފްގެ ހިތުގައި ސުވާލު އުފެދުނެވެ. ހާއްސަކޮށް، އޭނާގެ ދެ ވަނަ ދަރިއާ އެކު ކަނޑުގައި އެކަކު އަނެކަކަށް 'އޮޅުލައި'، ކޮއްކޮގެ އަތުން ދޫވެގެން ދިޔަ ގޮތް އެ ކުއްޖާ ކިޔައިދިނުމުން، ކަނޑުގެ ރާޅުތަކުގެ ދަށުވެ ގަރަގުވީކަން އޭނާއަށް ޔަގީންވި އެވެ.
އެކަމަކު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ޝަރީފް އުއްމީދުކުރީ، ދަރިފުޅުގެ ހަށިގަނޑު ފެންނާނެ ކަމަށެވެ. އޭނާ ވަޅުލުމުގެ ފުރުސަތު ލިބި ކަށުނަމާދު ކުރަން ލިބޭނެ ކަމަށެވެ. އެކަމަކު މުޝްފިގު ހޯދުމަށް ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާލުމާ އެކު އެ އުއްމީދު ވެސް ގެއްލި ދިޔައީ އެވެ.
"ދަރިފުޅު ގެއްލި ދިޔައީމަ އަޅުގަނޑު ދެރަވޭ. އެކަމަކު އިރާދަކުރެއްވިއްޔާ އޭނާ ވާނީ ޝަހީދަކަށް. އަދި އަޅުގަނޑުގެ އުއްމީދަކީ ސުވަރުގެއިން އަލުން އޭނާއާ ބައްދަލުވުން،" ޝަރީފް ކިޔައިދިނެވެ.
ފޯނުން ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. ދަރިފުޅުގެ ވާހަކައެއް ކިޔައިދީފައި ދޭތެރެއިން ހީލަ އެވެ. ދަރިފުޅާ މެދު ފަހުރުވެރިވާވަރު އަޑުން ދޭހަވެ އެވެ. އޭނާ ބުނިގޮތުގައި ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ދިގު އުމުރެއް ނުލިބުނު ކަމުގައި ވިޔަސް، ސޯލިހު، ހެޔޮލަފާ ދަރިއެއް ގެންގުޅެ ތަރުބިއްޔަތު ކުރުމުގެ ފުރުސަތު ލިބުމެވެ.
މި އިމްތިހާނާ މެދު ޝަރީފްގެ ޝަކުވާއެއް ނެތެވެ. ދަރިފުޅަކީ ކޮން ކަހަލަ ކުއްޖެއްކަން ހިތަށް ވަނުމާ އެކު އެ ހިތަށް ހަމަޖެހުން ލިބެ އެވެ. މުޝްފިގު ފަދަ އީމާންތެރިކަން ހުރި، ދީނަށް ލޯބިކުރި ޒުވާނަކު އޭނާއަށް ފެނިފައެއް ނުވެ އެވެ. އޭނާގެ ފަސްބައި ސާފެވެ. ދަރިފުޅާ ދިމާއަށް އިނގިލި ދިއްކުރެވޭނެ ފަދަ ކަމެއް، އޭނާގެ ގޯސް ސިފައެއް، މީހަކަށް ފެނިފައި ނުވާނެކަމުގެ ޔަގީން އޮވެ އެވެ.
"އޭނާއަށް ރޯދަ މަސް އެއްކޮށް ލިބުނު. އޭނާ އިމާމުވެ ދަމުނަމާދު ކުރި. ތަރާވީސް ކުރި. ހަ ރޯދަ ހިފަހިފާ ހުއްޓާ އެ ދިޔައީ،" މުޝްފިގުގެ ބައްޕަ ބުންޏެވެ.
"އޭނާ ނިމިގެން އެ ދިޔައީ ގަރަގުވެގެން. އެހާ ހެޔޮލަފާ ކުއްޖެއް، އެފަދަ ގޮތަކަށް ނިމިގެން ދިޔައީމަ ސުވަރުގެ ނުލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ނުކުރަންވީ ކީއްވެގެންތޯ؟ އޭނާގެ މަތިން ހަނދާންވީމައި ﷲ މަތިން ހަނދާންވޭ. ކެތްތެރިކަން ލިބޭ."
ޝަރީފަކީ ލ. މާވަށުގައި އަހަރުތަކެއް ވާންދެން ގުރުއާން ކިޔަވައިދޭން އުޅުނު، މިހާރު އެ ރަށުގެ އެންމެ ބޮޑު މިސްކިތުގެ އިމާމެވެ. ދޮއްޓަށް ހުންނަ މުޝްފިގާއި ހަގަށް ތިބޭ ތިން ބެއިން އޭނާ ތަރުބިއްޔަތުކުރީ ގުރުއާނުގެ ތެރޭގައި އުޅެމުންނެވެ. ކައިވެންޏަށް 27 އަހަރުވި އިރު، އެ ހުރިހާ ކުދިންނަށް ވެސް އެ ދެމަފިރިން ދެއްކީ ނަމޫނާ ސިފަތަކެކެވެ.
ޝަރީފް ބުނިގޮތުގައި އޭނާގެ އަނބިމީހާއަކީ ވެސް ދުވަހަކު ވެސް އޭނާއާ ދިމާއަށް ބާރަށް އެއްޗެއް ނުބުނާ، ދަރިން ދެކެ އިންތިހާއަށް ލޯބިވާ މައެކެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް، އެ ދެމަފިރިން ވެސް ނަމޫނާ ދައްކައި، ބުރަކޮށް މަސައްކަތް ކުރި ކަމަށް ބުންޏެވެ.
އޭގެ ނަތީޖާ ވެސް ފޮންޏެވެ. ޝަރީފްގެ ދޮށީ ދެ ފިރިހެން ދަރިންނާއި ހަގަށް ހުންނަ ދެ ކުދިންނަކީ ވެސް އެ ރަށުން ހުނިޖަހާލެވޭ ކުދިންތަކެކެވެ. ހާއްސަކޮށް މުޝްފިގަކީ ތަރިއެކެވެ. ރީތިކޮށް ގުރުއާން ކިޔަވައި، ގައުމީ މުބާރާތްތަކުން ވަނަ ގެނަ އެވެ. މަސައްކަތް ކުރަމުން ދިޔައީ ގުރުއާން ހިތުދަސް ކުރެވޭތޯ އެވެ. އެއީ އިމާމެކެވެ. މައިންބަފައިންގެ ބަސް އަހާ، މަޑުމައިތިރި ޒުވާނެކެވެ.
"އެކަމަކު ﷲ އޭނާ ގެންދެވީ. މިއަށް ވުރެ ބޮޑު އިމްތިހާނެއް، އެކަމަށް ކެތްކުރުމުގައި މިއަށް ވުރެ ބޮޑު ނިއުމަތެއް ކޮބާ؟" ޝަރީފް ސުވާލުކުރި އެވެ.
އޭނާ ބުނިގޮތުގައި ދޮށީ ދަރިފުޅު ކަނޑަށް ގެއްލުނު ހަބަރުން އެ އާއިލާގެ އެންމެންގެ ހިތް ހަލާކުކޮށްލި އެވެ. އެ ހަބަރާ އެކު ރޮމުން ދިޔަ ދަރިންނަށް ތަސައްލީއެއް ދޭނެ ހިތްވަރެއް އޭނާގެ އޭރު ނެތެވެ. މުޝްފިގާ އެންމެ ގާތް، އަދި އޭނާއާ އެންމެ ވައްތަރު 13 އަހަރުގެ ކޮއްކޮ އެރޭ ހަތަރުދަމު ރުއީ އެވެ. އެކަމަކު އިރުއެރުމާ އެކު، ހަގަށް ހުރި ނުވަ އަހަރުގެ ކޮއްކޮގެ ސުވާލުތަކާއި ޝަކުވާތަކާ ހަވާލުވީ އޭނާ އެވެ. ލޮލުން ކަރުނަ ފޮހެލާފައި، އެ ކުއްޖާއަށް ހިތްވަރު ދެމުން ދިޔަ މަންޒަރު ޝަރީފު ދުއްޓެވެ. އެ ކުދިންގެ ހިތްވަރަށް، ހިތާހިތުން ތައުރީފްކުރި އެވެ.
ޝަރީފް ބުނިގޮތުގައި ދަރިފުޅު ގެއްލުނުތާ 10 ދުވަސް ވީ އިރު، އެ ހިތާމައާ ކުރިމަތިލާން އާއިލާއިން މިހާރު ވަނީ ދަސްކޮށްފަ އެވެ. އޭނާ ވެސް މީހުންގެ ކުރިމަތީގައި ހިނިތުންވެ އުޅެން ފަށައިފި އެވެ. އެކަމަކު އެކަނިވުމާ އެކު އަނެއްކާވެސް މުޝްފިގު މަތިން ހަނދާންވެ ރޮވެ އެވެ. މިގޮތަށް އެންމެ ފަހުން އޭނާއަށް ގަދައަށް ރޮވުނީ އިމާމުވެ ފަތިސް ނަމާދަށް ހުއްޓަ އެވެ.
"އޭރު ކިޔަވަމުން ދިޔައީ ސުވަރުގޭގެ ނިއުމަތްތަކުގެ އާޔަތްތަކެއް. އެ ކިޔަމުން ދިޔައިރު މުޝްފިގު މަތިން ހަނދާންވެ އަޅުގަނޑަށް ޖެހުނީ ނުކިޔެވި ހުއްޓާލަން. ވަރަށް އަސަރު ކުރި އެ ވަގުތު،" ޝަރީފް ބުންޏެވެ.
"މިހާރު ވެސް އިހުސާސްކުރެވޭ ދަރިފުޅާ ސުވަރުގެއިން ބައްދަލުވެ، އެކުގައި އުޅެވޭނެ ކަމަށް."
އާއިލާއިން އެންމެ ފުރަތަމަ ބޭނުންވީ މިދިޔަ ހުކުރުދުވަހު އެ ރަށުގެ މިސްކިތެއްގައި މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރުމަށެވެ. އެކަމަކު ކަނޑަށް ގެއްލޭ މީހުންގެ މަރު ސާބިތުކުރުމުގައި ޝަރީއަތުން ގޮތްތަކެއް ނިންމަން ޖެހޭތީ، ފުރަތަމަ އެކަން ކުރަން އާއިލާއިން ވަނީ ނިންމާފަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، އަންނަ ހުކުރު ދުވަހު މުޝްފިގުގެ ޖަނާޒާ އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖައްސަވައިފަ އެވެ.
ޝަރީފް ބުނިގޮތުގައި އޭނާގެ ދޮށީ ދަރިފުޅާ ބެހޭ ގޮތުން މިހާރު ވެސް ކޮންމެ މީހެއްގެ ފަރާތުން އިވެނީ ހެޔޮ ބަހެކެވެ. ދައުލަތުގެ ބޮޑުންނާއި ހީވެސް ނުކުރާހާ ގިނަ ބަޔަކު އެ އާއިލާއަށް ގުޅައި ތައުޒިޔާ ރައްދުކުރި އެވެ. މިއީ ވެސް އެ ދަރިފުޅުގެ ހެޔޮކަމުގެ ނިޝާނެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. ކަނޑުގެ ރާޅުތަކުގެ ދަށުވެ ދަރިފުޅު ގެއްލުނަސް، އޭނާ ދޫކޮށް ދިޔަ އެ ސިފަތަކެއް މީހުންގެ ހިތްތަކުން ފިލައިގެން ނުދެ އެވެ. ބައްޕަގެ ދުއާއަކުން ވެސް ނުގެއްލެ އެވެ. އެ ދުއާގައި އޮތީ ސުވަރުގެއިން ދެބަފައިން ބައްދަލުވުމަށް އެދޭ އެދޭއެދުމެވެ.
'ހެޔޮލަފާ ދަރިއެއް ތަރުބިއްޔަތު ކުރުމުގެ ނަސީބު ދެއްވި، އެއަށް ވުރެ ބޮޑު ނިއުމަތަކީ ކޮބާ؟'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ