ޑިމޮކްރެޓުން އެމްޑީޕީއާ ގުޅޭތީ ސޯލިހު މަރުހަބާ ވިދާޅުވެއްޖެ ޑިމޮކްރެޓުން އެމްޑީޕީއާ ގުޅޭތީ ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އެނބުރި އައުމަށް ނިންމާފައިވާތީ އެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސޯލިހު އެކްސް ގައި އެ މަނިކުފާނު ކުރިން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގެ ވީޑިއޯ ކްލިޕެއް ވެސް ހިމަނާފައިވެ އެވެ. އެ ވީޑިއޯ ކްލިޕްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިޝާރާތް ކުރައްވެފައި ވިދާޅުވެފައި ވަނީ އެ މަނިކުފާނާމެދު އޮތް ޒާތީ ޒާތީކަން ދޫކޮށްލައި، އިސްލާހީ މަސައްކަތްތައް ފެށުމަށް ވަޑައިގަތުމަށެވެ.
ސޯލިހުގެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަސްލަހަތު އަބަދުވެސް އިސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އަދި ޝައިޚު މުހައްމަދު ޖަމީލު ދީދީގެ ޅެން ބައިތެއް ވެސް ހިމަނުއްވާފައިވެ އެވެ.
"ހުރަސްތަކާ ދިމާވެދާ އަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ގައުމިއްޔަ އިލްތިމާސުތަކަށް އަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން،"
ކުރީގެ ރައީސް ނަޝީދު އާއި ޑިމޮކްރެޓުން އެމްޑީޕީއާ އަލުން ގުޅުމަށް އެ ޕާޓީން ނިންމުމާއެކު، އެކަމަށް މަރުހަބާ ކިޔުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ރޭ ވަނީ ނިންމައިފަ އެވެ.
އެމްޑީޕީގެ ރޫހު ހުރީ އިހުލާސްތެރިކަމާއެކު ހިތް ހަލާސްކޮށް ކުރީގެ ނަޝީދާއި ޑިމޮކްރެޓުންނަށްށް މަރުހަބާ ކިޔުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި އެވެ.
އެމްޑީޕީ 2023 ގައި ބޭއްވި ރިޔާސީ ޕްރައިމަރީ ނަޝީދަށް ގެއްލިގެން ދިޔުމުން، އެމްޑީޕީގެ އާންމު މެންބަރުންގެ އެ ނިންމުން ބޮލާލައި ޖަހައި، ޑިމޮކްރެޓިކް އުސޫލު ދޫކޮށް، އެމްޑީޕީ ރޫޅައިލާނެ ކަމަށް ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އުފައްދައި، އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެ، އެމްޑީޕީގެ ކެންޑިޑޭޓު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް ހޯދަން ނަޝީދު ކެމްޕޭނު ކުރެއްވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރިޔާސީ އިންތިހާބު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަހިވެގެން ދިޔުމުގެ ބާރަކަށެވެ.
ޑިމޮކްރެޓްސް އުވާލައި، ނަޝީދާއި އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމުމާއެކު، ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމަށްފަހު އަދަދު އާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ނަޝީދު އަދި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ އަލުން ގުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
"[ގައުމީ މަޖިލީހުގެ މެންބަރުންގެ] ރޫހު ހުރީ އަޅުގަނޑުމެން ހަމަ އިހުލާސްތެރިކަމާއެކު ހިތް ހަލާސްކޮށް މަރުހަބާ އެބޭފުޅުންނަށް ދަންނަވަން. ވަރަށް އުފާކުރަން އެ ބޭފުޅުން އަޅުގަނޑުމެންނާ ގުޅެން ނިންމެވި ނިންމެވުމާމެދު،" ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދު އެމްޑީޕީ ދޫކޮށްލައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ 21 ޖޫން، 2023 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ