ހަނގުރާމައިގެ އަސަރު ރާއްޖެއަށް އެބަކުރޭ، މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ: ކުޑޫ
އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އެކަމުގެ އަސަރު އެކި ގޮތް ގޮތުން މިހާރު ފޯރަން ފަށާފައިވާ ކަމަށާއި އެކަމުގެ އަސަރު ކުޑަކުރަން މިހާރުން މިހާރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ވިދާޅުވެއްޖެއެވެ. އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ހަވަނަ ދުވަހެވެ. އެ ހަނގުރާމައާ ގުޅިގެން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި މެންބަރު ކުޑޫ ވިދާޅުވީ، އީރާން-އިޒްރޭލް ހަނގުރާމައިގެ އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ފޯރަން ފަށާފައިވާ ކަމަށެވެ. އަދި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަލުވިކަމާ އެކު އަރައިގެންދާކަން ވެސް ކުޑޫ ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އަންނާނެ ލޮޅުންތަކުގެ އަސަރު ކުޑަ ކުރުމަށް މަސައްކަތްކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަންޖެހޭ ކަމެއް ކަމަށް ކުޑޫ ވިދާޅުވިއެވެ. https://x.com/mohamedkudu/status/1935540001447755909 އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ދެ ގައުމުގެ މުހިންމު ސިޓީތައް ސުންނާފަތިވެ، އެތައް އާންމުންނެއް މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ހަމަލާތަކުގައި އީރާނުން ގާތްގަނޑަކަށް 224 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އިސްރާއީލުން މަރުވެފައިވަނީ 24 މީހުންނެވެ. އިސްރާއީލު ބުނާގޮތުން އެ ހަމަލާތައްދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ. https://sun.mv/207246 އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމާ އެކު ދުނިޔޭގެ ތެލުގެ އަގު ވެސް ވަނީ އުފުލިފައެވެ. އެގޮތުން, ތެލުގެ ބެންޗްމާކް ކަނޑައަޅާ ބްރެންޓް ކްރޫޑް އަދި ނައިމެކްސް ލައިޓް ސްވީޓުގެ ތެލުގެ އަގު ވަނީ 10 އިންސައްތަ މަތިވެފައެވެ. ތެލުގެ އަގަށް އަންނަ ބަދަލުން އެހެނިހެން ހުރިހާ ތަކެތީގެ އަގަށް ބަދަލު އަންނާނެއެވެ. މި ހަނގުރާމައާ ގުޅިގެން އީރާނަށް ހަމަލާދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރުހުން ދިން ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނިންމަވާނީ އީރާނުން ނިއްކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް ކުރަން ތައްޔާރުތޯ ބެއްލެވުމަށް ފަހު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިފަހުން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ