ޓައިޓޭނިއަމް ހިތެއް ލައްވައިގެން 100 ދުވަހު އުޅެފި

ދުނިޔޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޓައިޓޭނިއަމް ހިތެއް ލައްވައިގެން 100 ދުވަސްވަންދެއް މީހަކު އުޅެފިއެވެ. އޮސްޓްރޭލިއާގެ އުމުރުން 40 އަހަރުގެ ފިރިހެނެއްގެ ހިތުގައި މައްސަލަތަކެއް ހުރުމުން އޭނާ ޑޮކްޓަރަށް ދެއްކުމުން ބުނެފައިވަނީ ހިތުގެ ޓްރާންޕްލާންޓެއް ބޭނުންވާނެ ކަމަށެވެ. ނަމަވެސް ވަގުތުން ޓްރާންސްޕްލާންޓް ހެދެން ނެތުމުގެ ސަބަބުން ޑޮކްޓަރުން އޭނާއަށް ޓައިޓޭނިއަމް ހިތެއް ލެއްވިއެވެ. ސިޑްނީގެ ސެއިންޓް ވިންސެންޓް ހޮސްޕިޓަލްގައި މިދިޔަ އަހަރުގެ ނޮވެމްބަރުގައި މި މީހާއަށް ވަނީ ޓައިޓޭނިއަމް ހިތެއް ލައްވާފައެވެ. މިއީ މުޅީން އާ ޓެކްނޮލޮޖީއެއް ނޫނެވެ. ނަމަވެސް މިއީ މިފަދަ ހިތެއް ލައްވައިގެން އުޅުނު އެންމެ ދިގު މުއްދަތެވެ. މި މީހާގެ ޓައިޓޭނިއަމް ހިތާއެކު ވަނީ އޮފީހުން ވެސް ދޫކޮށްލާފައެވެ. އަދި އާންމު ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ވެސް ފުރުސަތު ދީފައެވެ. މީގެ ކުރީން ޓައިޓޭނިއަމް ހިތެއް ލައްވާފައިވާއިރު އެމީހާ ވަނީ ހޮސްޕިޓަލުގައި ކަމާ ގުޅުންހުރި މާހިރުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ. އަދި މީގެކުރީން މި ޓެކްނޮލޮޖީއާއެކު ގެއަށް ދޫކޮށްލާފައެއް ނުވެއެވެ. އެހެންވީމާ މިއީ އެގޮތަށް ދޫކޮށްލިވެސް ފުރަތަމަ ފަހަރެވެ. ޑޮކްޓަރުން ބުނާގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. އެމީހާއަށް ޓައިޓޭނިއަމް ހިތެއް ދީފައިވަނީ އޭނާގެ ހިތުގެ ޓްރާންސްޕްލާންޓް ހެދެންދެއް ކަމަށްވެސް ޑޮކްޓަރުން ބުނެއެވެ. ޑޮކްޓަރުން ބުނާގޮތުގައި މިމަހުގެ ތެރޭގައި އޭނާއަށް ޓްރާންސްޕްލާންޓެއް ލިބޭނެއެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މި ޓެކްނޮލޮޖީއަކީ އަދިވެސް ފުޅާދާއިރާއެއްގައި ދޫކުރެވޭ ވަރަށް ތަރައްގީކުރެވިފައިވާ ޓެކްނޮލޮޖީއެއް ނޫނެވެ. އަދިވެސް މި ޓެކްނޮލޮޖީގައި ހުރި މައްސަލަތައް ދެނެގަތުމުގެ ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޑޮކްޓަރުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ކުރިއަށް އޮތް ގާތް މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި މި ޓެކްނޮލޮޖީ ބޭނުން ކުރަން ފެށޭނެ ކަމުގެ އުއްމީދުކުރަމުން އަންނަ ކަމަށް ޑޮކްޓަރުން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ