އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދެއްކީ މިދިޔަ ފެބުރުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު %1.5 ދަށްވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން ދެއްކީ މިދިޔަ މަހު ދައުލަތަށް ލިބުނު ޑޮލަރުގެ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %17 ދަށްވެފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ ކުއާޓާގައި ޑޮލަރުން ލިބުނު އާމްދަނީއަށް ފާހަގަކޮށްލެވޭ ވަރުގެ ދަށްވުމެއް އައިސްފައި ވަނީ ޓޫރިޒަމާ ގުޅުންހުރި ޓެކްސްތަކާއި ފީ ތަކުންނެވެ. އެގޮތުން:
ޓީޖީއެސްޓީން ލިބުނު އާމްދަނީއަށް ވަނީ %23ގެ ދަށްވުމެއް އައިސްފައި
ރިސޯޓްތަކާއި ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ލިބުނު އަދަދަށް ވެސް ވަނީ %34 ދަށްވުމެއް އައިސްފައި
ރާއްޖޭގެ އެންމެ ބޮޑު ސިނާއަތާ ގުޅުންހުރި ދާއިރާތަކުގެ ނަމްބަރުތަކުން ހީނަރުކަން ފެންނަން ފެށުމަކީ އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ސަމާލުވާން ޖެހޭ ކަމެކެވެ. ހާއްސަކޮށް ބޭރު ފައިސާގެ ތާށިކަން އޮތްއިރު ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނާ ވެސް ދިމާކޮށް އެ އަދަދުތައް ދަށްވުމަކީ އެހާ ފަސޭހައިން އަޅާނުލާ ދޫކޮށްލަން ޖެހޭވަރުގެ ކަމެއް ނޫނެވެ.
"ކޮންސާނިން ކަމެއް މިއީ އެންމެ ބޮޑު ސިނާއަތަށް ހީނަރުކަން އަންނަ ކަހަލަ ނިޝާންތަކެއް ފެނުމަކީ. އޭގެ އެފެކްޓް ފެންނަން މި ފަށަނީ އާމްދަނީއަށް ވެސް. ބޭރު ފައިސާގެ އާމްދަނީ ދަށްވާ ނަމަ އިތުރު ގޮންޖެހުންތައް އަންނާނެ ބޭރު ދަރަނި ދެއްކުމާއި ތެޔޮ، ބޭސް ފަދަ ޒަރޫރީ ތަކެތި އިމްޕޯޓް ކުރަން ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ވެސް،" އެބޭފުޅާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި މީރާއާ ސުވާލުކުރި ނަމަވެސް ޖަވާބެއް ނުލިބުނެވެ.
ވަރަށް ފަހަކާ ޖެހެންދެން މާލިއްޔަތު ކޮމިޓީގައި އިންނެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އިއްޔެ ވަނީ މިއަހަރުގެ ފެބުރުއަރީއާ ހަމައަށް ލިބޭނޭ ކަމަށް ބަޖެޓުގެ ކޭޝްފްލޯ ރިޕޯޓްގައި އަންދާޒާކޮށްފައިވާ ވަރަށް އާމްދަނީ ލިބިފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ކޭޝްފޯލް ރިޕޯޓާ ހަވާލާދީ އޭނާ ހާމަކުރެއްވި ހިސާބުތަކުގައިވާ ގޮތުގައި:
ފެބުރުއަރީއާ ހަމައަށް 9.1 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް އަންދާޒާކުރި
ނަމަވެސް ލިބިފައި ވަނީ 5.5 ބިލިއަން ރުފިޔާ؛ މިއީ އަންދާޒާއަށް ވުރެ %39.5ގެ ދަށްވުމެއް
މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 408 މިލިއަން ރުފިޔާ ލިބޭނޭ ކަމަށް އަންދާޒާ ކުރި ނަމަވެސް ލިބިފައި ވަނީ 40 މިލިއަން ރުފިޔާ ކަމަށް އަޒާން ފާހަގަކުރައްވާފައިވެ އެވެ. އަދި ބޭރުން ލޯނުގެ ގޮތުގައި ލިބޭނޭ ކަމަށް އަންދާޒާކުރި އަދަދާ ގާތަށް ވެސް އާމްދަނީ ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި އާމްދަނީ އާއި ހަރަދުގެ ހިސާބުތަކުން ވެސް ދައްކަނީ މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ލިބުނު ޓެކުހުގެ އާމްދަނީ ވެސް ދަށްވެފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު 115 މިލިއަން ރުފިޔާގެ ދަށްވުމެއް ވަނީ އައިސްފަ އެވެ.
އާމްދަނީ ލަފާކުރާ ވަރަށް މިއަހަރު ލިބެމުން ނުދާތީ އޭނާ ގޮވާލެއްވީ އައިއެމްއެފް އާއި ވޯލްޑް ބޭންކުން ހުށަހަޅާފައިވާ ގޮތަށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަވަހަށް ފިޔަވަޅު އެޅުމަށެވެ.
ފިނޭންސްގެ ހިސާބުތަކުން ދައްކަނީ މާޗް 6 ވަނަ ދުވަހާ ހަމައަށް ކުރި ހަރަދުން ޖުމްލަ 234 މިލިއަން ރުފިޔާ މަދުވެފައިވާ ކަމަށެވެ. ހަރަދުތައް މަދުވެފައި ވަނީ ކެޕިޓަލް ހަރަދުތަކުގެ ބައިންނާއި އިދާރީ ބައެއް ހަރަދުތަކުންނެވެ. އެހެން ނަމަވެސް މުސާރަތަކާއި އެލަވަންސްތަކަށް ކުރާ ހަރަދުތަކަށް ވަނީ 330 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ޓޫރިސްޓުން އައިވަރު ދަށް، ޑޮލަރުގެ އާމްދަނީ ދަށް: އިންޒާރުގެ ރަނގަބީލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ