ޕީސީބީގެ ރައީސަކަށް މުހައްމަދު އަނަސް އައްޔަންކޮށްފި

ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް މުހައްމަދު އަނަސް، ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އަނަސް އަކީ، ރައީސް އޮފީހުން ބުނި ގޮތުގައި، ގައުމީ ޔުނިވަސިޓީން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން، އޭނާ ވަނީ:
މިފަހަކާ ޖެހެންދެން ހުންނެވީ ފިނޭންސް މިނިސްޓަރުގެ ނައިބުގެ މަގާމުގައި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަން އަދާކުރެއްވި 
މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ވެސް ފުރުއްވި
ތަފްސީލް - އަނަސް ޕީބީސީގެ ރައީސަކަށް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް މިދިޔަ މަހު 12ގައި ވަކިކުރެެއްވުމަށް ފަހު އެވެ. ނަމަވެސް، ރައީސް މުއިއްޒު އެ ނިންމެވުން ނިންމެވީ ކީއްވެ ކަމެއް ހާމައެއް ނުކުރެ އެވެ.
ހަމްދީ މަގާމުން ވަކިކުރީ، ޕީސީބީން ސަރުކާރު ކުންފުނިތަކަށް ދެ ސާކިއުލާއެއް ނެރުނުތާ އިރުކޮޅެއްގެ ތެރޭގަ އެވެ. އެއް ސާކިއުލާއަކީ ރޯދަ އިނާޔަތް ދިނުމާ ގުޅޭ ގޮތުން ނެރުނު ސާކިއުލާއެކެވެ. އަނެއް ސާކިއުލާއަކީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް މި ވަގުތު އަޅަންވީ ފިޔަވަޅުތަކުގެ ސާކިއުލާއެކެވެ.
ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި ރޯދަ މަހާ ދިމާކޮށް ހަދިޔާ އާއި ހަދިޔާގެ ގޮތުގައި އިތުރު ފައިސާ ނުދިނުމަށާއި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައި ބެހެއްޓުމަށް ޕީސީބީން އެ ކުންފުނިތަކަށް އަންގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ