ޔަޤީންކުރަންވީ ދިވެހީންގެ ސިލްމާއި ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، އިސްލާމް ދީނާ ކަން! ދަތިޙާލުގަ ތިބި މީހުންނަށް އެހީތެރިވެދެއްވާ!: ރައީސް

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
اَلْحَمْدُ للّٰهِ رَبِّ العَالَمِيْنَ وَالصَّلاَةُ وَالسَّلَامُ عَلى رَسُوْلِ اللهِ وَعَلَى اٰلِهِ وَصَحْبِهِ اَجْمَعِيْن
ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ އުފަލުގައި، މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ތަކުރާރު ކުރަމެވެ. މި ބަރަކާތްތެރި މައްސަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. 
ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ، ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެކެވެ. މި ބަރަކާތްތެރި މަހުގައި އަޅުގަނޑުމެން ހިފާ ރޯދައާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި، ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ، ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެކެވެ. 
މީގެ 898 އަހަރު ކުރީން ރާއްޖެ އިސްލާމްވީއްސުރެ، ރޯދަ މަހަކީ ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ މަހެކެވެ. އެ މަހާ ބައްދަލުވުމަށް ދިވެހީން ވަމުންދާ ތައްޔާރީތަކާއި، އެ މަހުގައި ދިވެހީން ހިފަހައްޓާ ރިވެތި އާދަކާދަތަކާއި ހަމަތައް، ދިވެހިވަންތަ ސަގާފަތުގެ މުއްސަނދިކަން އިތުރުކޮށްދެއެވެ. 
މި ފަދަ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވީ އެއް ކަމަކީ، ދިވެހީންގެ ސިލްމާއި ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނާ ކަމެވެ. ތިރި ޖަޒީރާ ރަށްތަކެއްގައި އާބާދުވެ ދިރިއުޅެމުންދާ މި ޤައުމުގެ ރައްޔިތުންނަށް ﷲ ދެއްވި ނިޢުމަތްތަކާއި، އަމާންކަމާއި، ރަޙްމަތުގެ ބޮޑުކަމެވެ. ގަދަކީރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ހާލު، އެއް ހަށިގަނޑެއް ފަދަ މި އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚްތުން މަތީން އަޅުގަނޑުމެން އަބަދުމެ ހަނދާންކުރަން ވާނެއެވެ.  
ވަކީން ޚާއްޞަކޮށް ނުތަނަވަސްކަމާއި ދަތި ހާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދޭން ވާނެއެވެ. އަޅުގަނޑުމެންގެ އުޚުއްވަތްތެރި ފަލަސްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫން މުސްލިމް މުޖުތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގައި ދެމި ތިބޭންވާނެއެވެ. 
 
 1446ވަނަ އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ